ފިންއެއާ އިން ސާވްކުރާ ކާނާ އާންމުކޮށް ވިއްކަން ފަށައިފި

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ވައިގެ ދަތުރުފުތަކަށް އައި ލޮޅުމާ އެކު ގެއްލުންތައް ކުޑަކުރަން ފިންލެންޑްގެ ގައުމީ އެއާލައިން ފިންއެއާ އިން. ފަސިންޖަރުންނަށް ދަތުރުމަތީގައި ސާވްކުރާ ކާނާ އާންމުކޮށް ވިއްކަން ފަށައިފި އެވެ.


ފިންއެއާ އިން ބުނީ ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް ސާވްކުރާ ކާނާތަކުން އިންސްޕަޔަވާގެން ތައްޔާރުކޮށް މިހާރު ވިއްކަމުން އަންނަ މީލް ޕެކްތައް ލިބޭނީ ފިންލެންޑްގައި އުޅޭ މީހުންނަށް ކަމަށެވެ. އަދި އެތަކެތި ވިއްކަމުން އަންނަނީ ވެންޓާ ސިޓީގެ ހެލްޒިންކީ އެއާޕޯޓް ކައިރީގައި ހުންނަ ކޭ-ސިޓީމާޓް ތަމިސްޓޯ އިންނެވެ.

"ޓޭސްޓް އޮފް ފިންއެއާ" ގެ ނަމުގައި ވިއްކާ މީލް ޕެކްތައް ތައްޔާރުކުރަނީ މައިގަނޑު ދެ ވައްތަރެއްގެ ކާނާ ހިމަނައިގެންނެވެ. އެއީ ނޯޑިކާއި ޖަޕަނީޒް ކުއިޒީން އެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ގަނެވޭނެ ބާވަތްތަކުގެ ތެރޭގައި ރޯސްކުރި ކެރެޓާއި ހޭޒެލްނަޓާ އެކު ބްލޫ ޗީޒް މޫސް އާއި ސްމޯކްޑް ޗާ އަދި ޝެންޓެރެލް ރިސޯޓޯ ހިމެނެ އެވެ.

ކޮންމެ ދެ ހަފުތާއަކުން މައިގަނޑު މެނޫ ބަދަލުކުރާ "ޓޭސްޓް އޮފް ފިންއެއާ" ގެ މީލް ޕެކްތަކުގެ އަގުތައް އުޅެނީ 6.92 ޑޮލަރާއި 15.13 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

ފިންއެއާ އިން ބުނި ގޮތުގައި ސިއްހަތަށް ބަލައިގެން ތައްޔާރުކުރާ ކާނާ އަކީ އެ އެއާލައިންގެ ކޭޓަރިންގެ ތަޖުރިބާކާރު ޓީމްގެ މަސައްކަތެވެ. މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި "ޓޭސްޓް އޮފް ފިންއެއާ" މީލް ޕެކް ވިއްކި ނަމަވެސް މީގެ ތަޖުރިބާ އަށް ބަލައިފައި މިކަން ދާއިމީ ކަމަކަށް ހަދައި، މަސައްކަތް ފުޅާކޮށް، މީލް ޕެކްތައް ލިބޭ ތަންތަނުގެ އަދަދު އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

"މި ވަގުތު ކަންތައްތައް ހުރި ގޮތުން ފިންއެއާގައި ދަތުރެއް ނުކުރެވުނަސް އަހަރެމެންގެ ދަތުރުމަތީގެ ރަހަތައް ގެއަށް ގެންގޮސް އެ ލަގްޒަރީ ހާސިލުކުރުމުގެ ފުރުސަތު މި ހުޅުވާލަ ދިނީ،" ފިންއެއާ ކިޗެންގެ ވައިސް ޕްރެޒިޑެންޓް މަރީކާ ނީމިނެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތަކީ އޭވިއޭޝަން އިންޑަސްޓްރީ އަށް ކުތިމަތިވެފައި އޮތް ލޮޅުންތަކުން އަރައިގަތުމަށް އެއާލައިންތަކުން ތަފާތު ވިސްނުންތަކެއް ނެރެން ޖެހިފައިވާ ވަގުތެކެވެ. އެހެންވެ ފިންއެއާ އިން ތައާރަފުކުރި "ޓޭސްޓް އޮފް ފިންއެއާ" ގެ ސަބަބުން އެތަނުގެ ކޭޓަރިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ އިތުރު ކަށަވަރުކަމެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"އާމްދަނީ ހޯދޭނެ އާ ގޮތެއް ހަގީގަތުގައި މި ހޯދުނީ،" މަރީކާ ވިދާޅުވި އެވެ.

ފްލީޓްގައި ހިމެނޭ ގިނަ އަދަދެއްގެ ބޯޓްތަކެއް މި ވަގުތު ދަތުރު ނެތި ގްރައުންޑްކޮށްފައި ބާއްވަން ޖެހުމުން ސިންގަޕޫރު އެއާލައިންސުން ވަނީ ޗަންގީ އެއާޕޯޓްގައި އޮތް އެ އެއާލައިންގެ ދެ މަތިންދާބޯޓެއް ވަގުތީ ރެސްޓޯރަންޓްތަކަކަށް ބަދަލުކޮށް މި މަހުގެ 24 އާއި 25 ގައި ހިދުމަތް ދޭން ވެސް ނިންމައިފަ އެވެ.

ކޮވީޑާ ހެދި އެންމެ ބޮޑު ގެއްލުމެއް މި އަހަރު ކުރިމަތިވި އެއް އިންޑަސްޓްރީ އަކީ އޭވިއޭޝަން ދާއިރާ އެވެ.