އެމްޓީސީސީން "މައިކްރޮސޮފްޓް ޑީ365" ބޭނުން ކުރަން ފަށައިފި

އެމްޓީސީސީން ބޭނުން ކުރަމުން އައި "އެންޓަޕްރައިސަސް ރިސޯސަސް ޕްލޭނިން" (އީއާރުޕީ) ސޮފްޓްވެއާ "މައިކްރޮސޮފްޓް ޑީ365" އަށް އަޕްގްރޭޑްކޮށް މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.


މި ސޮފްޓްވެއާ އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ މި ސޮފްޓްވެއާގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ، މައުލޫމާތު އެއްކުރުމާއި ހޯދުމުގައި ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި މި ސޮފްޓްވެއާ ބޭނުން ކުރަން ފަށާފައި ވަނީ އެއް އަހަރު ދުވަހުގެ ޕްލޭންތަކަކަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.

މައިކްރޮސޮފްޓް ޑީ365 ސޮފްޓްވެއާއަކީ މައިކްރޮސޮފްޓުން ކުންފުނިތަކުގެ ރިސޯސަސް މެނޭޖުކުރުމަށް ޑިޒައިންކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާ އެވެ. އެހެންކަމުން މި ސޮފްޓްވެއާގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.