އެޕަލް ދޫކޮށްލި ޑިޒައިނަރު އެއާބީންއެންބީއާ ގުޅިއްޖެ

އެޕަލްގެ އެތައް އުފެއްދުންތައް ޑިޒައިންކުރުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރުމަށް ފަހު މިދިޔަ އަހަރު ވަކިވި ޖޮނީ އައިވް، އެއާބީއެންބީއާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.


ދަތުރުތަކުގައި ދާއިރު ތިބޭނެ ތަންތަން ކުއްޔަށް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ކުންފުނި އެއާބީއެންބީ އާއި ޖޮނީގެ ކުންފުނި ލަވްފްރޮމް ގުޅިގެން މަސައްކަތްކުރަން ނިންމިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

އެ އެއްބަސްވުމާ ބެހޭ ގޮތުން އެއާބީއެންބީން ބުނީ ގިނަ އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ޖޮނީއާ އެކު ވެވުނު އެއްބަސްވުމުން އެ ކުންފުނީގެ ޕްރޮޑަކްޓްތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޖޮނީ މަސަައްކަތްކުރާނީ އެއާބީއެންބީގެ އިންޓާނަލް ޑިޒައިން ޓީމާ އެކީގަ އެވެ.

"މިއީ މުޅިން އާ ހަރުފަތަކަށް އަހަރެމެންގެ ޕްރޮޑަކްޓްސް ގެނެސްދޭނެ ކަމެއް. ޖޮނީ ވަރުގަދަ، ތަޖުރިބާކާރު މީހަކު އަހަރެމެންނާ ގުޅުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" އެއާބީއެންބީން ބުންޏެވެ.

ރިޕޯތްތައް ބުނާ ގޮތުން އެއާބީއެންބީއާ ގުޅިގެން މަސައްކަތްކުރަން ޖޮނީ ނިންމި އިރު، އެ ކުންފުނީގެ ސީއީއޯ ބްރަޔަން ޝެސްކީ އަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަދި އޭނާ އަކީ އަބަދު ވެސް ޖޮނީގެ މަސައްކަތްތަކަށް ތައުރީފުކުރާ މީހެކެވެ. މިދިޔަ އަހަރުގެ ޖޫންގައި އެޕަލް ދޫކޮށްލާކަން އިއުލާންކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ޖޮނީ ރަސްމީކޮށް އެޕަލް ދޫކޮށްލުމާ އެކު ބްރަޔަން ވަނީ އެއާބީއެންބީއާ ގުޅިގެން މަސައްކަތްކޮށް ދޭން ހުށަހަޅައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޮނީގެ އެހީގައި އެއާބީއެންބީގެ ލޯގޯ އަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނެސްފާނެ އެވެ. އެމެރިކާގެ ސެން ފްރަންސިސްކޯގައި ހެޑް ކުއާޓަރު ހުންނަ އެއާބީއެންބީ އަކީ 2008 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.