ދިވެހި ޕައިލެޓުންގެ އެހީއާ އެކު އިންޑިއާގައި ސީޕްލޭން ފަށަނީ

ދިވެހި ޕައިލެޓުންގެ އެހީއާ އެކު އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.


ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާގެ ފުރަތަމަ ސީޕްލޭން ޕްރޮޖެކްޓް މި މަހުގެ 31 ގައި ފެށުމަށް ރާއްޖޭގެ އެހީ ހޯދަނީ ރާއްޖެއަކީ އެ ދާއިރާގައި އެންމެ ކާމިޔާބު ގައުމަށް ވާތީ އެވެ. އަދި މިކަމަށް ހޯދަނީ މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫންގެ އެހީ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.

އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރާ މި ދަތުރުތައް ފައްޓަވައިދެއްވާނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއް--

މި ޕްރޮޖެކްޓް ފެށުމަށް ޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫއިންގެ ޓީމު މިހާރު ވަނީ އިންޑިއާ އަށް ފުރައިފަ އެވެ.

ހައި ކޮމިޝަނުން ބުނިގޮތުގައި އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދޭނީ އެ ގައުމުގެ ސްޕައިސް ޖެޓް އެއާލައިނުންނެވެ. އަދި ދުވާލަކު އަށް ދަތުރު ބާއްވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނީ 19 ސީޓުގެ ބޯޓުތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.