އެމްޓީސީީސީ އަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ

މިދިޔަ ކުއާޓާގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 51.18 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.


އެ ކުންފުނިން މިއަދު އާއްމު ކުރި "ކުއާޓާލީ ރިޕޯޓް" ދައްކާގޮތުގައި މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 36 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެ ކުންފުންޏަށް މިދިޔަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 350 މިލިއަން ރުފިޔާ އެވެ. އަދި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 69 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ ކުއާޓާގައި އާމްދަނީ އާއި ސާފު ފައިދާ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އާމްދަނީ އާއި ސާފު ފައިދާ ވަނީ ދަށްވެފަ އެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 353 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 52.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ރިޕޯޓު ދައްްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އަށް 951 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 119 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީން ވަނީ 70 ޕްރޮޖެކްޓެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމާއިި މަގު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ. މީގެ ތެރެއިން އެއް ޕްރޮޖެކްޓް މިހާރު ވަނީ ނިންމާލައިފަ އެވެ.