އެމްޓީސީސީ އަށް ބޮޑު ކާމިޔާބީއެއް، އާޒިމްގެ ޝުކުރު މުވައްޒަފުންނަށް

މި އަހަރުގެ ފުރަތަމަ ނުވަަ މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީ އަށް ރެކޯޑު އަދަދެއްގެ ފައިދާ ލިބުނީ ހުރިހާ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


އާޒިމް "މިހާރު" އަށް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިހާރު ފެންނަނީ މި މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކާމިޔާބީގެ ހުރިހާ ވެސް ޝުކުރެއް ހައްގު ވަނީ މުވައްޒަފުންނަށް. ހުރިހާ މުވައްޒަފުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރި ހިންގުން ރަނގަޅުކޮށް ހަރަދުތައް ކުޑަ ކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ވަނީ 140 މިލިއަން ރުފިޔާގެ ފައިދާ ލިބިފަަ އެވެ. ޓެކްސް އަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 119 މިލިއަން ރުފިޔާ އެމްޓީސީސީ އަށް ލިބުނެވެ. މިއީ ކުންފުނީގެ ތާރީހުގައި ވެސް ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެެއް ލިބުނު އަހަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރާއި ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު، ދެވަނަ ކުއާޓަރުގެ އާމްދަނީ އާއި ފައިދާ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިއީ ކޮވިޑް-19 އާ އެކު، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން މަސައްކަތްތައް ހުއްޓުމުގެ ސަބަބުން އައި ދަށްވުމެއް ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އާޒިމް ވިދާޅުވިގޮތުގައި، ދެވަނަ ކުއާޓަރުގައި ވެސް 50 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރި އެވެ. ނަމަވެސް ދަތުރުފަތުރުތައް ހުއްޓި، ބޭނުންވާ ސާމާނު ލިބުން ދަތިވުމުގެ ސަބަބުން ޕްލޭންތައް ބަދަލުކޮށް، އެ ކުއާޓަރުގައި ކުންފުންޏަށް ގެއްލުން ވިޔަ ނުދޭން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެވަނަ ކުއާޓާގައި އޭރުގެ ހާލަތަށް ބަލައި އަޅުގަނޑުމެން މަސައްކަތް ކުރީ ގެއްލުން ވޮޔަ ނުދީ ކުރިއަށް ގެންދެވޭތޯ. ކޮވިޑް-19ގެ ހާލަތު ނެތް ނަމަ މިއަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާާޅުވީ ކުރިއަށް އޮތްތާނގައި ވެސް އެމްޓީސީސީން މަސައްކަތް ކުރާނީ ހަަވާލު ކުރާ ޕްރޮޖެކްޓުތައް ވަގުތަށް ނިންމައި ކުންފުނީގެ ހިންގުން ކުރިއަރުވަން ކަމަށެވެ. އެމްޓީސީސީއަކީ ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަ ށްވުމުން ކުންފުނި ހިންގާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.