ބާނާ ހުރިހާ މަހަކަށް ރަނގަޅު އަގުހޯދަން ބޮޑު އިންވެސްޓެއް ކުރަނީ

ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ބާނާ ހުރިހާ މަހެއް ވެސް ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި އެކްސްޕޯޓް ކުރުން ކަމަށާއި އެކަމަށް ބޮޑު އިންވެސްޓެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއދު ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަން އަންނަ އަހަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ސަރުކާރުން އަމާޒުހިފާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ދެތިން ހަތަރު ލަނޑުދަނޑިއެއް ކަނޑައަޅާފައިވާ ކަމަށާއި ފިޝަރީޒް މިނިސްޓްރީއާ އެކު އެކަމާ ބެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އެއް މަސައްކަތަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މަސްވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކުރުމުގެ ގާބިލުކަން ރާއްޖޭގައި އިތުރުކުރުމެވެ.

"އެއްކަމަކީ މިހާރު ދިވެހިރާއްޖެއަށް ބާނާ މަސް މިދަނީ ރޯ ފޯމްގައި ވަރަށް ކުޑަ އަގެއްގައި ނޫނީ ގެއްލުމުގައި. އަޅުގަނޑުމެންނަށް ކުރެވުނު ހިސާބުތަކުގެ ތެރޭގައި އެކަން ރަނގަޅުކުރެވެން އޮތީ އަޅުގަނޑުމެން ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަކޮށް ވެލިއު އެޑިޝަން ގެނެސްގެން. އަޅުގަނޑުމެންގެ ޓާގެޓަކީ މިފްކޯގެ ފެލިވަރު ކޭނިން ކެޕޭސިޓީއަށް އިންވެސްޓްކުރުން،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަަކަށް 30 މިލިޔަން ޑޮލަރު (462.6 މިލިޔަން ރުފިޔާ) އިންވެސްޓްކުރުމުން ރާއްޖޭގައި ބާނާ ހުރިހާ މަހަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ހެދޭނެ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ވެސް މިިނިސްްޓަރު ވިދާޅުވި އެވެ.

އެވަރުގެ އިންވެސްޓެއް ކުރުމުން އެކުއަ ކަލްޗާ އާއި މެރިކަލްޗާ މަސަައްކަތްތައް ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ 70 ޕަސެންޓަކީ ގަނޑުކުރި މަހުގެ ގޮތުގައި އަގު ހެޔޮކޮށް ތައިލެންޑަށް ވިއްކާ މަހެވެ. އެގޮތަށް އެކްސްޕޯޓް ކުރާ އިރު ސަރުކާރުން ކަނޑައަޅާ ރޭޓެއްގައި މަސްވެރިންގެ އަތުން މަސްގަންނަން ޖެހޭތީ މިފްކޯއަށް ކޮންމެ އަހަރަކު ބޮޑު ގެއްލުމަކާ ކުރިމަތިވެ އެވެ. އެކަަމަށް ހަލެއް ހޯދުމުގެ ގޮތުން ތައިލެންޑުގެ މަސް ފެކްޓްރީތައް މެދުވެރިކޮށް ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކުރުމަށް ނިންމާފައި ވާ ކަމަށް މިފްކޯއިން ކުރިން ވަނީ ބުނެފަ އެވެ.