އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މޯލްޑިވްސް ބްލަޑް ސާވިސް އަށް އިއްޔެ ލޭ ހަދިޔާކޮށްފި އެވެ.


އެ ކުންފުނީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ބޭއްވި މި ހަރަކާތުގައި ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެ ލޭ ހަދިޔާކުރި އެވެ.

އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މި ހަރަކާތަކީ ކޮވިޑް-19ގެ ސަބަބުން މޯލްޑިވްސް ބްލަޑް ސާވިސް އަށް ލޭ ލިބުމުގައި ދަތިތަކާ ދިމާވެފައިވާތީ، އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތުގައި އުޅެމުން ވެސް މުޖުތަމައަށް ފައިދާ ހުރި ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުވުމަކީ ވެސް މި ހަރަކާތުގެ މައިގަނޑު އެއް މަގުސަދު ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.