ކޭޝް އެޖެންޓުން މެދުވެރިކޮށް ފީއަކާ ނުލައި ފައިސާ ނެގޭ ގޮތް ހަދައިފި

ކޭޝް އެޖެންޓުން މެދުވެރިކޮށް އިތުރު ފީއަކާ ނުލައި ފައިސާ ނެގޭ ގޮތް ބީއެމްއެލުން ހަދައިފި އެވެ.


ބީއެމްއެލުން ގެނައި މި ބަދަލާ އެކު، ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 2،000ރ. ނެގުމުން ދައްކަން ޖެހޭ 10ރ. މިހާރު ދައްކާކަށް ނުޖެހޭނެ އެވެ. އަދި ބޭންކުގެ 200 ކޭޝް އެޖެންޓުންގެ ތެރެއިން 40 އެޖެންޓެއް މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް މިހާރު ލިބޭނެ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ފީ ނެގުން ހުއްޓާލީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަަމަށެވެ. އެހެންކަމުން މިހާރު އޭޓީއެމްތަކާ އެއްގޮތަށް ކޭޝްއެޖެންޓުން މެދުވެރިކޮށްގެން ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޭޝް އެޖެންޓް ވިއުގަ ފުޅާކުރެވިގެންދިއުމާ އެކު މިވަނީ ބޭންކިން ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އޭޓީއެމް ނުވަތަ ބްރާންޗަށް ކަސްޓަމަރުން ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެވިފައި. މި ހިދުމަތާއެކު ރަށްރަށުގައި މިވަނީ ފަސޭހަކަމާއެކު އަސާސީ ބޭންކިން ހިދުމަތް ހޯދޭނެ މަގުފަހިވެގެން ގޮސްފައި،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބީއެމްއެލުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގެ ހިދުމަތް ދިނުމަށް ތައާރަފްކުރި ހިދުމަތެކެވެ.