ހައި ކޮލިޓީގައި ފޮޓޯ ރައްކާކުރަން ބޭނުންކުރެވޭ ގޫގުލް ފޮޓޯސް އިން ދީފައި އޮތް ވަކި މިންވަރެއް ނެތި ފޮޓޯ ރައްކާކުރެވޭ އިހްތިޔާރު ނިމުމަކަށް ގެނެސް 15 ޖީބީ އަށް ވުރެ ގިނައިން ފޮޓޯ އަޕްލޯޑްކުރާ ނަމަ އަގު ނަގަން ފަށަން ނިންމުމުން އެތައް ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި "އަންލިމިޓެޑް" އޮފާ އަށް މިހާރު އޮތް ސުންގަނޑި އަކީ ޖޫން 1، 2021 ގަ އެވެ. އެހެންވެ، 15 ޖީބީ އަށް ވުރެ ގިނައިން ފޮޓޯ ހުރި މީހުން އޭގެ ކުރިން ފޮޓޯތަކުގެ ބެކަޕް ހަދައި ނަގަން ޖެހޭނެ އެވެ. މި ބުނި ތާރީހުގެ ފަހުން ހިލޭ ލިބޭނީ 15 ޖީބީއާ ހަމައަށެވެ.
އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން، 15 ޖީބީ އަށް ސްޓޮރޭޖް ގާތްވުމުން ގޫގުލް އިން ނޮޓިފިކޭޝަން ވެސް ފޮނުވާނެ އެވެ. ގޫގުލް އިން ބުނީ މި އުސޫލު ގޫގުލް ޕިކްސެލް ޑިވައިސްތައް ފިޔަވައި އެހެން ހުރިހާ އެއްޗަކަށް ހިނގާނެ ކަމަށެވެ.
ގޫގުލް އިން ބުނި ގޮތުގައި މިފަދަ ބަދަލެއް ގެންނަ ސަބަބުތަކުގެ ތެރޭގައި ގޫގުލް ފޮޓޯސްގެ ކޮލިޓީ ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުކުރުން ހިމެނެ އެވެ. އަދި މި ނިންމުމަކީ ގޫގުލް ވަން މިހާރަށް ވުރެ ފުޅާކޮށް، އޭގެ ބޭނުން ހިފާ މީހުންގެ އަދަދު ވެސް އިތުރުކުރުން ކަމަށް ބުންޏެވެ. ގޫގުލް ވަން ޕްލޭންތަކަށް ބަލާ އިރު މީގެ ދަށުން ވަނީ ތިން ޕްލޭނެއް ތައާރަފުކުރާނެ އެވެ. އެއީ 200 ޖީބީ އަށް މަހަކު 2.99 ޑޮލަރު، 2ޓީބީ އަށް މަހަކު 9.99 ޑޮލަރު އަދި 30 ޓީބީ އަށް 149.99 ޑޮލަރެވެ.
ގޫގުލް އިން ބުނެފައިވާ ގޮތުގައި މިހާތަނަށް ގޫގުލް ފޮޓޯސްގައި ހަތަރު ޓްރިިއަން ފޮޓޯ ރައްކާކޮށްފައިވާ އިރު، ކޮންމެ ހަފުތާއެއްގެ ތެރޭގައި އެވްރެޖްކޮށް 28 ބިލިއަން ފޮޓޯ/ވީޑިއޯ އަޕްލޯޑްކުރެ އެވެ.
ގޫގުލް އިން ގެންނަން އުޅޭ ބަދަލާ ހެދި ރުޅި އައިސް ތިބި މީހުން ބުނަނީ މީގެ ފަސް އަހަރު ކުރިން ގޫގުލް އިން ދޭން ފެށި މި ހިދުމަތް ބޭނުންކުރަން ފެށީ ފޯނަށް ގިނަވެފައި ހުންނަ ފޮޓޯތައް ފަސޭހަކަމާ އެކު މުޅި އުމުރަށް ރައްކާކުރެވޭތީ ކަމަށެވެ. މިއީ ހިލޭ ދޭ ހިދުމަތެއް ކަމަށް ބުނެ ގޫގުލް އިން މާކެޓްކުރުމަށް ފަހު އެއާ ނުލައި ނޫޅެވޭ ހިސާބަށް ދިއުމުން އަގު ނަގަން ފެށުމަކީ ކެހިވެރިކަމުގެ އަމަލެއް ކަމަށް ދަނީ ބުނަމުންނެވެ. ބެލެވޭ ގޮތުން މިކަމާ ހެދި ގޫގުލް އަށް ގާނޫނީ މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މުޝް
16 November 2020
ޕިކްސެލް ފޯނެއް ގަނެލާ....
ސުވާސްތި
14 November 2020
އެން އުކާފަ އެންމެން ދަހިކޮށްފަ ލަގާއެއް ދިނީ.. އަބަދު ފްރީކޮށް އެއްޗެއް ލިބޭނެކަމަށް ނުވިސްނުން ރަނގަޅުވާނީ ކިތަންމެ އިސްތިހާރެއް ކުރިއަސް.
ބަސް
14 November 2020
މަށަށް ނުވެސް އެނގި މަގޭ ފޮޓޯތައް ތިއަށް ސޭވްވަމުން ދިޔައީ. ފޯނު ސެޓިން ހެދިއިރު އެވަރަށް ވިސްނާނުލީމަ. މަގޭ ތިން އީމެއިލުން ވެސް ސޭވްވޭ. މަނުދެކޭ ފޮޓޯތައްވެސް ބައިވަރު. ވައިބާ ވަޓްސްއެޕް ފަދަ އެއްޗިހިން ވެސްއަެިސްފަ ނުފެނި ސޭވްވެފަހުރޭ. އެންމެފަހުން ބޭކާރު ފޮޓޯތައް ޑިލީޓްކުރީ. ނެއެނގިވިއަސް ހިތައް އެރީ ރަނަގަޅުކަމެކޭ. ކޮންމެ ވަގުތަކުވެސް ފޮޓޯ ބަލާލެވޭ. ޑޮކިއުމަންޓްތައް ސޭވްވާތީ އެންމެ ރަނގަޅީ.
ހަކީމް
14 November 2020
މިއީކީ ގޫގުލު އެކަނި ކުރާ ކަމެއް ނޫން. އޮޅުކޮއްފަ ކަތިލާ ބައިވަރު ސަރވިސް އެބަހުރި.
ހނހމމމ
14 November 2020
ދެރަ ދޯ...