ބަޖެޓް ކުޑަކޮށްފި ނަމަ އެކަށީގެންވާގޮތަށް އިންތިޚާބު ނުބޭއްވޭނެ: އީސީ

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކޮށްފި ނަމަ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ދަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އިންތިޚާބު އޮންނަ އަހަރުތަކުގައި ދައުލަތުން އެ ކޮމިޝަނަށް ކަނޑައަޅާ ދެ ބަޖެޓު އޮޅުން އަރާ ކަމަށެވެ. އެގޮތުން، އަންނަ އަހަރަށް އީސީގެ އިދާރީ ބަޖެޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އިންތިޚާބީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 71 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އަންނަ އަހަރަށް އިންތިޚާބީ ބަޖެޓުގެ ގޮތުގައި 71 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ކޮވިޑް-19ގެ ހާލަތު އޮތް ނަމަވެސް އަޅަން ޖެހޭ ފިޔަވަޅުތަކާއެކު އިންތިޚާބު ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ ބަޖެޓު ކުޑަކޮށްފި ނަމަ އިންތިޚާބު ބޭއްވުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިއޮތް 71 މިލިއަނަށްވުރެ ބަޖެޓް އިތުރަށް ކުޑަކޮށްފި ނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ދަތިވާނެ ގާނޫގައި ބުނާ އިންސާފުވެރި، ހާމަކަން ބޮޑު، މިނިވަން އިންތިޚާބެއް ކުރިއަށް ގެންގޮސްދޭން،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވިގޮތުގައި އީސީން އެދުނު ބަޖެޓުގެ 21 މިލިއަން ރުފިޔާ ވަނީ މިހާރު ވެސް އުނިކޮށްފަ އެވެ. މީގެ ތެރޭގައި އިންތިޚާބީ ބަޖެޓުގެ ދަށުން އިންތިޚާބުގެ އޮފިޝަލުންނާއި ވޯޓުލާ ބޫތުތައް ހެދުމަށާއި މީހުން ތަމްރީން ކުރުމަށް ހިނގާ ހަރަދައިގެ 15.9 މިލިއަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ އިންތިޚާބުގައި 6000އެއްހާ އޮފިޝަލުން ބޭނުންވާނެ ކަމަށް އީސީން ލަފާ ކުރެއެވެ.

"އަޅުގަނޑުމެންނަށް އޮފިޝަލުންނާއި ޓީއޯޓީ ކަންކަމުގައި ކުޑަކޮށް ވެސް ދުލެއް ދެވޭކަށް ނެތް. އަދި ހާއްސަ ގޮތެއްގައި ފާއިތުވި ރިޔާސީ އިންތިޚާބުގައި ދިމާވި ކަންތައްތަކަށް ފަހުގައި އަޅުގަނޑުމެންނަށް އޮފިޝަލުން ލިބުމުގައި އިންތިހާއަށް ދަތި،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބީ ބަޖެޓުގެ އިތުރުން އެ ކޮމިޝަންގެ އިދާރީ ބަޖެޓަކީ ވެސް ކުޑަ ބަޖެޓެއް ކަމަށް އީސީގެ މެމްބަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން، ކޮންމެ އަހަރަކު ވެސް އިދާރީ ބަޖެޓު ކުޑަވުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބޭ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ފަންނުވެރި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަތް އަހަރުވަނީ މުވައްޒަފުންނަށް ކުރިއެރުން ނުލިބޭތާ. ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން ދައްކާ ވާހަކައެއް މިއީ،" އަކްރަމް ވިދާޅުވި އެވެ.