ދަރުމަވަންތަ ހޮސްޕިޓަލް "ވިއްކާލަނީ" ގައުމު ބަނގުރޫޓު ވުމުން: ޑރ. ޖަމީލް

ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް "ވިއްކާލަން" މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމު ބަނގުރޫޓު ވެގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޖަމީލް މިހެން ވިދާޅުވީ، ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް، ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރާތީ އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތަށް އާމްދަނީ ހޯދުމަށް 300 މިލިއަން ޑޮލަރު (4.6 ބިިލިއަން ރުފިޔާ) ގެ ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރިޔަސް، އެތަން ވިއްކައި ނުވަތަ ރަހުނު ނުކުރާނެ ކަމަށެވެ.

ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި އިސްލާމިކް ކޯޕަރޭޝަން ފޯ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

މި ކަމާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ހަރުމުދާ ވިއްކާލަން ޖެހެނީ ސަރުކާރުގެ ނޫ އިގްތިސާދާ ހެދި ކަމަށެވެ. އެއީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވިގޮތުގައި، ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކާއި މުވައްޒަފުން ތަކުލީފު އުފުލަމުން ދާއިރު، ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެއްވެސް ކަމެއް ހިމަނައިފައެއް ނެތެވެ. ސަރުކާރު ހިންގަން ޖެހޭނީ ރައްޔިތުން ޖޫރިމަނާކޮށް، މުދާ ވިއްކައިގެންތޯ އާއި މަޖިލިސް މެމްބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭތޯ ވެސް ޑރ. ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޖަމީލް ކުރެއްވި ޓްވީޓު-

ފިނޭންސުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސުކޫކު ވިއްކަނީ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިިކަލް (އެސްޕީވީ) އަކަށް ދައުލަތުގެ މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް ބަދަލުކޮށް، އަދި ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނިފިޝަލް އޯނާޝިޕްގައިވާ މުދާ އިޖާރާ އެއްބަސްވުމެއްގެ ދަށުން ފިނޭންސް މިނިސްޓްރީއަށް ދަރުމަވަންތަ ހޮސްޕިޓަލް ލީސް ކުރާ ގޮތަށް ކަމަށެވެ. ސުކޫކުގެ މުއްދަތު ހަމަވުމުން އެ މުދަލެއް އަނބުރާ ފިނޭންސް މިނިސްޓްރީ އަށް ނެގޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ވެސް ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުން ކޮށްގެން ސުކޫކު ވިއްކަން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ދިމާވި ގާނޫނީ ގޮންޖެހުންތަކާ ހެދި އެ މަސައްކަތް ނުކުރެވުނީ ކަމަށް ފިނޭންސުން ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ޔާމީންގެ ސަރުކާރުގައި، ސިއްހީ ދާއިރާ އަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި ހިންގި އެންމެ މުހިންމު އެއް ޕްރޮޖެކްޓެވެ. އަދި އެއީ އެ މަނިކުފާނު އެންމެ ގާތުން ބެއްލެވި، ކޮންމެހެން އަމަލީ ސިފަ ގެންނަން ބޭނުންފުޅުވި ޕްރޮޖެކްޓެއް ވެސް މެ އެވެ.