މިދިޔަ މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި 888 މިލިއަން ރުފިޔާ، ޖުމްލަ އާމްދަނީ 12 ބިލިއަންގައި

ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 888.4 މިލިއަން ރުފިޔާ ލިބި، މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 12.3 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި ޑޮލަރުން ދެއްކި 34.5 މިލިއަން ހިމެނޭއިރު، އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އަށް ވުރެ 23.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ ވެސް އާމްދަނީ ވަނީ 22.2 ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެ ގޮތުން، ޖީއެސްޓީގެ ގޮތުގައި ލިބުނު 545.2 މިލިއަން ރުފިޔާ އާމްދަނީގެ 61 ޕަސެންޓް ހިއްސާ ކުރިއިރު، ޓޫރިޒަމް ދާއިރާ އިން ނަގާ ޓީޖީއެސްޓީން 308.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދެން އެންމެ ބޮޑު އަދަދެއް (11.4 ޕަސެންޓް) ހިއްސާކުރި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުން ދެއްކި ކުލީގެ ގޮތުގައި 101 މިލިއަން ރުފިޔާ ލިބިފައި ވާއިރު، ވިޔަފާރީގެ ފައިދާ އިން 47 މިލިއަން ރުފިޔާ (އާމްދަނީގެ 5.5 ޕަސެންޓް) މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައްކާފައިވެ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ތިން މިލިއަން ރުފިޔާ (އާމްދަނީގެ 5.5 ޕަސެންޓް) ވެސް ލިބިފައިވެ އެވެ.

މިދިޔަ މަހުގެ އާމްދަނީގެ ހުލާސާ:

- ޖީއެސްޓީ: 545.2 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 61 ޕަސެންޓް)

- ރިސޯޓުތަކުން ދެއްކި ކުލި: 101 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 11.4 ޕަސެންޓް)

- ބީޕީޓީ: 47 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 5.5 ޕަސެންޓް)

- ގްރީން ޓެކްސް: ތިން މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 5.5 ޕަސެންޓް)

މިދިޔަ މަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 12.3 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.2 ބިލިއަން ރުފިޔާ އަށް ވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓަށް މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތަކާއި އަންދާޒާކުރުންތަކަށް ބަލާއިރު މި އަހަރުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ލިބޭނީ ޖުމްލަ 14.06 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ މިންވަރަށް ވުރެ 2.47 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.

މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، ދައުލަތަށް ލިބޭ އާމްދަނީ ލަފާކުރި މިންވަރަށް ވުރެ ދަށް ވަމުން ދާތީ، ބަޖެޓު ޑެފިސިޓް އެއަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.