ފެރީ ޓާމިނަލްގެ ޕާކިން ޒޯން ހުސްކުރަން އެމްޓީސީސީން ނޯޓިސްދީފި

ހުޅުމާލެ އަށް ދަތުރުކުރާ ފެރީތަކަށް ހާއްސަ ޓާމިނަލްގެ ޕާކިން ޒޯން ހުސްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ނޯޓިސް ފޮނުވައިފި އެވެ.


ޕާކިން ޒޯން ކުއްޔަށް ހިފާފައިވާ ފަރާތަކަށް އެމްޓީސީސީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އަންނަ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ "ފެންނާ ގިމަތަ" އިގެ ޕާކިން ޒޯނު ސަރަހައްދުގައި ތަރައްގީގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާތީ މި މަހުގެ 30ގެ ކުރިން ޕާކިން ޒޯން ހުސްކުރުމަށް އަންގާ ކަމަށެވެ. އަދި އެ ތާރީހުން ފެށިގެން ޕާކިން ޒޯނު އުޅަނދު ޕާކުކުރުމަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލްގެ ޕާކިން ޒޯންގައި ވެހިކަލްތަކެއް މިއަދު ޕާކްކޮށްފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޓީސީސީން ފޮނުވި ސިޓީގައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދު ނެގުމަށް ވެސް އަންގައިފަ އެވެ.

ފެރީ ޓާމިނަލް ސަރަހައްދުގައި އެމްޓީސީސީން ފަށަން ނިންމާފައި ވަނީ ކޮން ޕްރޮޖެކްޓެއް ކަމެއް ސާފުވާ ގޮތެއްނުވި އެވެ.