ދިރާގުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް ހިލޭ އިންޓަނެޓް ދީ، ވިލިމާލެ ހިޔާ އަށް ފަސް ކޮމްޕިއުޓަރު ހަދިޔާކޮށްފި

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކުޑަކުދިންގެ ހިޔާ އަށް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ފަސް ކޮމްޕިއުޓަރު ސިސްޓަމް ދިރާގުން މިއަދު ހަދިޔާކޮށްފި އެވެ.


އެ ތަކެތި ހަދިޔާ ކުރީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި މިއަދު ހަވީރު ދިރާގުން ބޭއްވި ކުޑަކުދިންގެ ހަވީރެއްގަ އެވެ. އެ ހަވީރުގައި، ވިލިމާލޭ ހިޔާގައި ދިރާގުން 2013 ގައި ގާއިމްކޮށްދީފައިވާ ކޮމްޕިއުޓަރު ލެބަށް ފަސް ކޮމްޕިއުޓަރު ހަދިޔާ ކުރި އެވެ. އަދި ހުޅުމާލޭ ކުޑަކުދިންގެ ހިޔާގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ހިލޭ ދޭން ފަށާފައިވާ ކަން ވެސް އިއުލާންކުރި އެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާ އަށް ކޮމްޕިއުޓަރުތަކެއް ހަދިޔާކުރުން ފާހަގަކުރުމުގެ ގޮތުން، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ވ) ހިޔާގެ އޮފިޝަލަކާ ރަމްޒީ ބޯޑެއް މިއަދު ހަވާލުކުރައްވަނީ.-- ފޮޓޯ: ދިރާގު

ސްކޫލު ބަންދާ ދިމާކޮށް، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ހާއްސަކޮށް މިދިޔަ ދެ އަހަރު ވެސް ދިރާގުން ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވައިފަ އެވެ. މިފަހަރުގެ ހަވީރުގައި، ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މިއަދު ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް ޒިޔާރަތްކޮށް، އެ ތަނުގައި ދިރިއުޅޭ ކުދިންނާ އެކު ވަގުތު ހޭދަކޮށްފަ އެވެ. މި ހަވީރުގައި ކުދިން އުފާވާނެ ކަހަލަ މަޖާ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިތުރަށް، ތަފާތު ހަދިޔާ ވެސް ވަނީ ބަހައިފަ އެވެ.

"ސްކޫލު ބަންދަކީ ކިޔެވުމުގެ ދިގު އަހަރަކަށް ފަހު ހުރިހާ ކުޑަކުދިން ވެސް އެ ކުދިންގެ އާއިލާއާ އެކު މަޖާކޮށް، ހިތްހަމަޖައްސާލާ އަދި ދަތުރު ދިއުމުގައި ވަގުތު ހޭދަކުރާ ދުވަސްކޮޅަކަށް ވުމުން، ހިޔާގައި ތިބި ކުދިން ވެސް މަޖާކޮށްލައި ހިތްހަމަޖައްސާލުމުގެ ގޮތުން މި ހަވީރު ބޭއްވީ،" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ދިރާގުން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ދިރާގުގެ މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ދިރާގު

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ދިރާގުން އަންނަނީ މިހާރު ވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން، އެ ތަނުގެ މުވައްޒަފުން ސްޕޮންސަކުރުމުގެ އިތުރަށް، 2008 އިން ފެށިގެން ދިރާގުން އަންނަނީ އެ ތަނަށް ޕޭރަންޓަލް ކޮންޓްރޯލާ އެކު ހިލޭ އިންޓަނެޓުގެ ހިދުމަތް ދެމުންނެވެ.

"ކުޑަކުދިން ހިމާޔަތްކުރުމާއި އެ ކުދިންނަށް އަޅާލައި އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް،" އިމްޖާދު ވިދާޅުވި އެވެ.