އެއް ލައްކަ ރުފިޔާގެ އިންޖީނެއް ލިބޭ "ކަށަވަރު ޕްރޮމޯ" އެމްޓީސީސީން ފަށައިފި

އެއް ލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އައުޓްބޯޑް އިންޖީނެއް ލިބޭ "ކަށަވަރު ޕްރޮމޯ" އެމްޓީސީސީން ފަށައިފި އެވެ.


އެ ޕްރޮމޯޝަން ރަސްމީކޮށް ފެށީ ހެންވޭރުގައި ހުންނަ އެމްޓީސީސީގެ "ކަށަވަރު" ފިހާރައިގައި މިއަދު ހެނދުނު އޮތް ކުޑަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް ދޭ 30 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނު ދައްކާލި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި "ކަށަވަރު" ފިހާރަ އިން ވިއްކާ ތަކެއްޗަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި، އެ ތަނުން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީން، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް އެންޑް މެރިން ކޯޓިންސް، ސްކޮޓް ބާޑާ ކޮމްޕޮޒިޓްސް އަދި އިންޖީނުގެ ސްޕެއާ ޕާޓްސް ހިމެނެ އެވެ.

އެމްޓީސީސީން ބުނީ އެ ފިހާރަ އިން ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. ކޫޕަން ފުރުމަށް ފަހު ހުށަހަޅާ ފަރާތްތަކުގެ މެދުގައި މި މަސް ނިމުމުން ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް، މި ޕްރޮމޯޝަންގެ އިނާމަކަށް ހުށަހަޅާފައިވާ ސުޒުކީ އިންޖީނު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށް ގެންދާ "ކަށަވަރު ޕްރޮމޯ"ގެ އިތުރުން ވެސް މުޅި އަހަރުގެ ތެރޭގައި އެމްޓީސީސީން ތަފާތު ޕްރޮމޯޝަންތައް ހިންގަ އެވެ. އޭގެ ތެރޭގައި، ސުޒުކީ އިންޖީނަށް ހާއްސަކޮށް ކުރިއަށް ގެންދާ "ސުޒުކީ ފޯރި" ޕްރޮމޯޝަންގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.