ބީއެމްއެލްގެ ލޯނުތައް ދެއްކުން ފަސްކޮށްދީފި

ކޮރޯނާވައިރަސްއާ ގުޅިގެން ދިމާވެފައި މި އޮތް އިގުތިސާދީ ބޮޑު ހުއްޓުމާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.


މި ހާލަތުގައި މާލީ އުނދަގޫތަކުން އަރައިގަތުމަށްޓަކައި އާންމުންނަށާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބޭންކް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދިނުމަކީ ސަރުކާރުގެ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ނިންމުމާ ގުޅިގެން ގައުމީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 1 އިން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. ލޯނު ފަސްކޮށްދިނުމަށް އޮތް ހަމައެކަނި ޝަރުތަކީ ލޯނަށް ދައްކަން ޖެހި އެކަމަކު ނުދައްކާ އެއްވެސް ފައިސާއެއް ނެތުމެވެ. އޭގެ މާނައަކީ ލޯނު ފަސްކުރުމުގެ ފުރުސަތަށް އެދުމުގެ ކުރިން އެއްވެސް ޕޭމަންޓެއް ނުދައްކާ އޮތް ނަމަ، އެބައި ހަލާސްކުރުމެވެ.

ބީއެމްއެލުން ބުނީ ލޯނު ފައިސާ ދެއްކުން ފަސްކުރާ އިރު ހަ މަސް ދުވަހަށް އަރާ އިންޓްރެސްޓް ރޭޓް ވެސް ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ހަ މަހަށް ފަހު ލޯނު އަނބުރާ ދައްކާ އިރު ފަސްކުރި މުއްދަތުގެ އިންޓްރެސްޓް، އެ ލޯނަކަށް އިތުރުވެ އެވެ. އިންޓްރެސްޓް ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ލޯނު ދެއްކުން ހަ މަސް ދުވަހަށް ފަސްކުރުމުގެ އިތުރުން ދެން ޖެހިގެން އަންނަ ހަ މަސްދުވަހު، ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރުން 20 ޕަސެންޓް މަދުކޮށްދޭން ވެސް ބޭންކުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ މަދުކުރާ ބައި ވެސް ފަހުން ލޯނުގެ ތެރެއަށް އިތުރުވާނެ އެވެ.

ބީއެމްއެލުން ބުނީ ލޯނު ފަސްކުރަން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކިވަކިން ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެކަމަށް ފަސޭހައިން އެދެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އޭގެ ބައެއްގެ ގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް އަންނަ ހަފްތާގައި ހަމަޖައްސާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.

އެކަމަކު މިހާރު ދޭ ލުއިގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑާއި އޯވާޑްރާފްޓް ފެސިލިޓީ ނުހިމެނެ އެވެ.

ލޯނު ފަސްކުރުމުގެ ފުރުސަތު އޮތް ނަމަވެސް މިހާރު ވެސް އޮންނަ އުސޫލުގެ ތެރެއިން ލޯނަށް ފައިސާ ދައްކަން ބޭނުންވާ މީހުންނަށް އެފުރުސަތު ބޭންކުން ވަނީ ހުޅުވާލައިފަ އެވެ.

ބީއެމްއެލް ނޫން އެހެން ބޭންކަކުން އެ ފުރުސަތު އަދި އިއުލާނެއް ނުކުރެ އެވެ.

ރާއްޖޭގައި ހިންގާ ބޭންކްތަކުން ދޫކޮށްފައިވާ ލޯނުގެ 45 ޕަސެންޓް ހިއްސާކުރަނީ ބީއެމްއެލުންނެވެ. އަނެއް 55 ޕަސެންޓް ބެހެނީ ދެން ހުރި ހުރިހާ ބޭންކަކަށެވެ.