ރޯދައިގެ ފަހު ހުކުރު ޖަމާއަތުގައި، ބޮޑު އުފަލެއް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދާއި ހުކުރު ނަމާދު ކުރުން ވެސް މެދުކަނޑައިލިތާ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު، ސަރުކާރުން ދިން ލުޔާ އެކު ގިނަ މިސްކިތްތަކުގައި މިއަދު ވަނީ މި ރޯދަ މަހުގެ ފަހު ހުކުރު ނަމާދު ކޮށްފަ އެވެ. މިއީ ޖަމާއަތުގައި ނަމާދު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް ލިބުނު ބޮޑު އުފަލެކެވެ. ސޯޝަލް މީޑިއާ ވެސް މިއަދު ފުރައިލީ ހުކުރު ނަމާދަށް އެކި ރަށްރަށުގައި މީހުން ދިޔަ ފޮޓޯތަކުންނެވެ.


ސަރުކާރުގެ ނިންމުމާ އެކު، ޖަމާއަތުގައި މިސްކިތުގައި ނަމާދު ނުކުރެވޭނީ 25 ރަށެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. އޭގެ ތެރޭގައި އާބާދީ ބޮޑެތި ރަށްތައް ކަމަށްވާ، ހދ. ކުޅުދުއްފުއްޓާއި ނ. ވެލިދު އާއި އެ އަތޮޅު މަނަދު އާއި ކ. މާފުށި ހިމެނެ އެވެ. އެންމެ ގިނައިން ހިމެނެނީ ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ރަށްތަކެވެ.

ހަސަން ޒަހީން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނީ ރޯދަ މަހުގެ ފަހު ހުކުރު ޖަމާއަތުގައި ކުރުމުގެ ނަސީބު ލިބިއްޖެ ކަމަށެވެ. އެކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެހެން ޒުވާނަކު ބުނީ އެހާ ދުވަސް ފަހުން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.

"ރޯދަ މަހުގެ އެއް ހުކުރު ނަމަވެސް ކުރަން ލިބުނީތީ ވަރަށް އުފާވެއްޖެ،" އެ ޒުވާނާ ބުންޏެވެ.

ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިން ކަމުގައި ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން ދިއުމާއި އަމިއްލަ މުސައްލައެއް ގެންދަން އެދިފައި ވެ އެވެ. އޭގެ އިތުރުން ޖަމާއަތުގައި ސަފުހެދުމުގައި ގައިދުރުކަން ނުބެހެއްޓުމާއި މާސްކް އެޅުމާއި ރޯގާ ޖެހި ކިނބިހި އަޅާނަމަ މިސްކިތަށް ނުދާން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދިވެސް ލޮކްޑައުންގައި އޮތުމުން ޖަމާއަތުގައި ނަމާދުކުރުން ނުފަށަ އެވެ.