ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުން ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ތަނުގައި އެޑްމިޓު ކުރާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.


ހުޅުމާލޭގައި ހިންގާ މަތީ ފެންވަރުގެ ހޮސްޕިޓަލުން ބުނީ، މިއީ އެ ތަނަށް ދާ މީހުންނާއި މުވައްޒަފުންގެ ސަލާމަތަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ބަދަލުގެ ސަބަބުން، ޓްރީ ޓޮޕްގައި އެޑްމިޓު ކުރާ ބަލި މީހުންނަކީ ކޮވިޑް-19އަ ށް ނެގެޓިވް ބައެއް ކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ޓްރީ ޓޮޕުން ވަނީ މުވައްޒަފުންގެ މެދުގައި ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ރެންޑަމް ޓެސްޓުތައް ހަދަން ނިންމައިފަ އެވެ. އެގޮތުން، އެޑްމިޓު ކުރާ މީހުން ޕީސީއާރު ޓެސްޓު ހަދާއިރު މުވައްޒަފުންގެ ހަދާނީ "ސެރޮލޮޖީ" ނުވަތަ ސިރަމް ޓެސްޓު ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާންކުރި ތިން މަސް ދުވަހުގެ ލޮކްޑައުން އަށް ދިން ލުއިތަކާއެކު، ހޮސްޕިޓަލަށް ދާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެހެންކަމުން ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް ހޮސްޕިޓަލްތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

މި މަހުގެ 1 ން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލް އަލުން އާންމުންނަށް ހުޅުވައިލީ، ކޮވިޑް-19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާދޭ ޚާއްސަ ތަނެއްގެ ގޮތުގައި މަހެއްހާ ދުވަހު ހިންގުމަށް ފަހު އެވެ. އެއީ އެ ބަލީގެ މީހުންނަށް ޚާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި އެ މުއްދަތަށް ހިންގީ ސަރުކާރާއި ޓްރީ ޓޮޕް ހޮސްޕިޓަލާ އެކު ވި އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އާންމުންނަށް ހުޅުވައިލީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާ ވެސް އެކުގަ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގެ އެތެރެ ސެނިޓައިޒް ކުރުމާއި ހޮސްޕިޓަލަށް ދާ މީހުންގެ ހުން ބެލުމާއި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމަށް ބާރު އެޅުން ހިމެނެ އެވެ. ހުން ހުރިތޯ ބަލާއިރު ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވަގުތުން އެ މީހަކު ފްލޫ ކްލިނަކަށް ގެންދާނެ އެވެ.

އެ ހޮސްޕިޓަލުން ވަނީ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ އުސޫލުތަކަށް ވެސް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން އައިސީޔޫ އާއި ލޭބާ ވޯޑުގައި އޮންނަ ބަލި މީހެއްގެ ގާތުގައި މިހާރު ހުރެވޭނީ އެންމެ އެހީތެރިއަކަށެވެ. އެޑްމިޓް ކުރާ މީހުން ތިބޭ ކޮޓަރިތަކަށް ޒިޔާރަތް ކުރެވޭ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މީހުން ވަނުން މަނަލެވެ. މި ކޮޓަރިތަކަށް ޒިޔާރަތް ކުރެވޭ ވަގުތުތަކުގައި ވެސް އުމުރުން 14 އަހަރުން ދަށުގެ ކުޑަކުދިންނަށް ނުވަދެވޭނެ އެވެ.