އިހަވަންދޫ ބޯޓެއްގެ ފަޅުވެރިއަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. އިހަވަންދު އާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކޭޝިއަރު ކޮވިޑް-19 އަށް ރޭ ޕޮޒިޓިވް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.


އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު، "މިހާރު" އަށް ވިދާޅުވީ އެ ރަށު "242" ބޯޓު، މާލެ އިން އެ ރަށަށް ދިޔައީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ރަށަށް ބޯޓު ދިޔަތާ އެއް ދުވަސް ތެރޭގައި އެ ކޭޝިއަރުގެ ފަރާތުން ބަލީގެ އަލާމާތަށް ޝައްކު ކުރެވިގެން، ހެދި ޓެސްޓުގެ ނަތީޖާ ރޭ ލިބުނުއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އިހަވަންދޫ އެ ފިރިހެން މީހާ އަދި ހުރީ އެ ރަށުގަ އެވެ. އޭނާ ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން މީހުން އަރައި ފޭބުން ވަނީ މަނާކޮށް، ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. އޭނާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"ކްލަސްޓާ ކުޑަ ވާނެ ކަމަކަށް ނުބެލެވޭ. އެއީ ވަރަށް ގިނަ މީހުން އަރައި އުޅޭ ބޯޓެއް. އެ މީހާ ވެސް ރަށަށް އައިސް ރަށު ތެރޭގައި އުޅެ، މީހުންނާ ބައްދަލުކޮށް ހެދި. ތަންތަނަށް ގޮސް ވެސް އުޅުނު،" ރަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހަދައިފައިވާ ތިން މީހުންގެ ޖާގައިގެ ފެސިލިޓީއެއް އިހަވަންދޫގައި ހުރެ އެވެ. ނަމަވެސް ޕޮޒިޓިވްވި މީހާގެ ހާލު އެހާ ގޯސް ނުވުމުން އޭނާ ގެންދާނެ ކަމަށް ބެލެވެނީ ށ. ފުނަދޫގައި ހުންނަ ފެސިލިޓީ އަށް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

މާލެ ފިޔަވައި ރާއްޖޭން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ވެސް އިހަވަންދޫ ބޯޓަކުން އެ އަތޮޅު އުލިގަމަށް ދިޔަ މީހެކެވެ. މިދިޔަ އޭޕްރީލް 15 ގައި އެ ރަށު "ކާވިޔާ" ބޯޓުން އުލިގަމަށް ދިޔަ މީހާ ޕޮޒިޓިވް ވުމުން، އެ ބޯޓުން ދިޔަ އެހެން މީހުން ވެސް ޓެސްޓު ހެދި އެވެ. އޭގެ ތެރެއިން ތަކަންދު އަށް ދިޔަ ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެން ވެސް މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނާ އެކު އެ ބޯޓުން ދަތުރުކުރި 10 މީހަކު ވެސް މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުން ތިބުމުން ކެލާގެ އިތުރުން އެ އަތޮޅު ދިއްދު އާއި ވަށަފަރު އަދި ހދ. ނޮޅިވަރަމްފަރަށް ވެސް އަރައިފޭބުން ވަގުތީ ގޮތުން އިއްޔެ ވަނީ މަނާ ކޮށްފަ އެވެ.