ދަރަނި ދައްކަން ޖެހޭނެ، އެއީ ލާޒިމް ކަމެއް: އަމީރު

ދެމެހެއްޓެނިވި ގޮތަކަށް ދަރަނީގެ ކަންތައް ހަމަ ނުޖެއްސޭ ހާލަތަކާ ދިމާލަށް ރާއްޖެ ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށާއި އެކަން ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސަށް ހާއްސަކޮށްގެން މަޖިލީހުން މިއަދު ކުރިއަށް ގެންދާ ޖަލްސާގައި މެމްބަރުންނަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ ދަރަނި އަދާކުރުން ސަރުކާރަށް ލާޒިމް ކަމަށާއި، ނަގާ ލޯނުތައް ދައްކަން ކަނޑައަޅާފައިވާ މުއްދަތަށް ދެއްކުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަމީރު މިހެން ވިދާޅުވި އިރު މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީގެ ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ދަރަނި އަދާކުރަން ބަޖެޓްގަައި ޖެހި ފައިސާ ކަނޑައިލަން ޖެހޭ ކަމަށެވެ.

އަމީރު ވިދާޅުވީ ދަރަނި އަދާކުރުން އުނދަގޫ މަގަކަށް ދިޔައީ ކޮވިޑް-19ގެ ސަބަބުން ކަމަށާއި އެކަމަކު އެކަން ހައްލުކުރެވޭނީ ވެސް މިހާރު ހުށަހަޅާފައި އޮތް ފަދަ ބަޖެޓަކުން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް އެބަ ފެނޭ ދަރަނި ސަސްޓެއިނަަބުލް ޕާތަކަށް އަންނަތަން. މި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެބަ ބޭރުގެ ފަރާތްތަކާ ވެސް ވާހަކަ ދައްކަން. މި އިއްޒަތްތެރި މަޖިލީހުން ފާސްކުރި ރިޕޯޓުގެ ރިކޮމެންޑޭޝަންގައިވާ ގޮތަށް ވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަ ގެންދަން،" އަމީރު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ ދައުލަތުގެ ދަރަނީގެ ހާލަތު ބެލުމަށް ފަހު މަޖިލީހުން ފާސްކުރި ރިޕޯޓްގެ ވާހަކައެވެ. އެ ރިޕޯޓުގައި ސަރުކާރަށް ލަފާދީފައި އޮތީ ރާއްޖޭގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށެވެ. ދަރަނި ރިސްޓްރަކްޗާކުރުމަކީ ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ޝެޑިއުލް ބަދަލުކުރުމާއި އެއްފަހަރާ ދައްކަން ޖެހޭ އަދަދުތަކަށް ބަދަލު ގެނައުން ފަދަ އެކި ބަދަލުތައް ލޯނު އެއްބަސްވުންތަކަށް ގެނައުމެވެ.

ސަރުކާރުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ނަގާ ލޯނުތަކަކީ ކޮންސެޝަނަލް ނުވަތަ އެއާ ގާތްގުރާ ޓާމްސްތަކުގައި ނަގާ ލޯނުތަކަށް ހަދަން ދުނިޔޭގެ މާލީ އިދާރާތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވި އިރު ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އިން މަޖިލީހަށް ދިން ލަފާގައި ވެސް ބުނެފައި އޮތީ އެފަދަ ލޯނުތައް ނޫނީ ނުނަަގަން ސަރުކާރަށް ބާރު އަޅަން އެދޭ ކަމަށެވެ.

އަންނަ އަަހަރަށް ލަފާކުރާ ބަޖެޓަށް މަޖިލީހުން ބަހުސްކުރަން ފެށި ފަހުން އަމީރު އެތައް ފަހަރަކު މަޖިލީހަށް ވަޑައިގެން މެމްބަރުންނަށް މައުލޫމާތު ދެއްވައި ޖަލްސާތަކުގައި ވާހަކަ ދެއްކެވި އެވެ. ވާހަކަ ނިންމަވައިލައްވަމުން މިއަދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަޖެޓް ފާސްކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ.