މުނިފޫހިފިލުވުން / ވާހަކަ

ތުނޑި

ބުދަ ދުވަހާ ގުޅޭ

ހީވީ ރަނގަޅަށެވެ. ފެންނަނީ ހިޔަނިތަކެކެވެ. ތުނޑި އޮތްލެއް ދުރުކަމުން، އަހަންނަކަށް މާ ސާފުކޮށް މަންޒަރެއް ނުފެނެއެވެ. އަނެއްކޮޅުން އަހަންނަކީ ދުރު ނުސާފު މީހެކެވެ. އެހެނަސް، ފަޅުރަށުގެ ދޮންވެލިގަނޑުގައި އެއްޗެއް އުޅޭހެން އަހަންނަށް ހީވަނީކީ ނޫނެވެ. ކޮންމެވެސް އެއްޗެއް ނުވަތަ މީހަކު ހަރަކާތްކުރާކަން އަހަންނަށް ޔަގީނެވެ. ބައްޓަމެއް، އިސްކޮޅެއް ނޭނގެއެވެ. ފަޅުރަށުގައި ބުޅަލެއް، މީދަލެއް ނުވަތަ ކުކުޅުހާލެއް ވެސް ނޫޅޭނެއެވެ. ހިތަށްއެރިއެވެ. ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ވަގަށް ރަށަށް އެރީއެވެ. ރަނގަޅަށް ބަލަންވާނެއެވެ.

ދޯނިގަނޑު ދަމައި ގެނެސް ފަޅުރަށަށް ބީއްސައިލީމެވެ. އަހަރެން ފަޅުރަށަށް ފޭބީމެވެ. އެ ނިންމުމާ މެދު ފަހުން ހިތާމަކުރަންޖެހޭނީ ކިހައި ވަރަކަށްކަމެއް އޭރަކު ނުވިސްނެއެވެ. އެ ބަޔަކު އުޅޭ ދިމާއަށް އަހަރެން ހިނގަން ފެށީމެވެ. އޭރު އެ "މީހާ" ވަލުތެރެއަށް ވަންނަނީއެވެ. އެ ތަނަށް އަހަންނަށް ދެވުނީ ފަނަރަ ވަރަކަށް މިނެޓުންނެވެ. ދިޔަ އިރު އެކަކު ވެސް ނެތެވެ. އަހަރެން ހިތަށްއެރިއެވެ. ނޫނެކެވެ. އެއްޗެއް ނުވަތަ އެއްޗެހިތަކެއް އުޅުނެވެ. އެއީ ޔަގީންކަމެކެވެ. އަހަރެން ފަރުވާތެރިކަމާ އެކު އަތިރިމަތި ބެލި އިރު، ފިޔަވަޅުތަކެއް ހުރިކަން ފާހަގަކުރެވުނެވެ. ވޭތުވެދިޔަ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ވެސް އަހަރެން ނޫން މީހަކު ފަޅުރަށަކަށް ނާރައެވެ. ހައިރާންވީ އެ ފިޔަވަޅުތައް އަހަރެންގެ ފިޔަވަޅާ ވައްތަރު ނުވީމައެއް ނޫނެވެ. އިންސާނެއްގެ ފިޔަވަޅާ ވެސް ވައްތަރުނުވީމައެވެ. ހީވަނީ ސިންގާއެއް ކަހަލަ ޖަނަވާރެއްގެ ފިޔަވަޅުހެންނެވެ. ބައިވަރު ފިޔަވަޅު ހުއްޓެވެ. މޫދުން ވަލުތެރެއަށެވެ. ވަލުތެރެއިން މޫދަށެވެ. ގުނާ އަދަދު ނުކުރެވޭހާ ފިޔަވަޅު ހުއްޓެވެ. ހިތަށްއެރިއެވެ. އަހަންނަށް ވެސް ފެނުނީ އެ ކަހަލަ މަންޒަރެކެވެ. އެއްޗެއް މޫދުން އަރައިގެން ވަލުތެރެއަށް ގޮސްގޮސްފައި އަންނަ ތަނެވެ.

ބަޔަކު އަހަރެން ބިރުގަންނަވަން އުޅެނީ ހެއްޔެވެ؟ ރަށް ބަލަހައްޓަން މީހަކު ހުރިޔަ ނުދޭން ބޭނުންވާ މީހަކު އުޅެނީ ހެއްޔެވެ؟ އެކަމަކު ރަށް ބެލެހެއްޓުމަށް އަހަންނަށް މުސާރަ ދެއެވެ. ވާނުވާ ބެލުމަކީ އަހަރެންގެ ޒިންމާއެކެވެ. ފާޑުފާޑަށް އަހަރެން ބިރެއްނުގެންނެވޭނެއެވެ. ފިޔަވަޅުތަކަށް ބަލަމުން، އާ ހިތްވަރަކާ އެކު ވަލުތެރެއަށް ވަނީމެވެ. އެކަމަކު ވަލުތެރެއަކު މަގެއް ނޯވެއެވެ. މުޅި ތަނުގައި އޮތީ ފަތެވެ. އެއްވެސް ފިޔަވަޅެއް ނެތެވެ. އައި އެއްޗެއް ދިޔަ ދިމާއެއް ވެސް ނޭނގެއެވެ. އޭރު ވެސް ހިތް ބުނެއެވެ. ކޮންމެވެސް އެއްޗެއް އެ ތާ އުޅުނެވެ. ރަނގަޅަށް ބަލައިފައި ނޫނީ ރަށަކަށް ނުދާނަމެވެ. އަހަންނަކީ ބިރުގަންނަ މީހެއް ނޫނެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ، ވަރުހުރި މީހަކީމެވެ. ރަނގަޅަށް ވަލުތެރެއަށް ވަދެ، ފަތްތައް މަތީގައި އިށީނދެލީމެވެ. ފަހެއް ޖެހިއެވެ. ފަސްގަޑި ބައިވިއެވެ. އެއްވެސް ހިލަމެއް ނުވިއެވެ. އެއްޗެއް ނުފެނުނު ތާނގައި އަޑެއް ވެސް ނީވުނެވެ. ހިތަށްއެރިއެވެ. މާ ބޮޑަށް އަނދިރި ވެއްޖެއްޔާ ރަށަށް ދާން އުނދަގޫވާނެއެވެ. ދޯނީގައި އޮންނާނީ އެންމެ ފާނޫޒެކެވެ. އެއަކު ވެސް މާ ބޮޑު އަލިކަމެއް ނުހުންނާނެއެވެ. ފުރަންވީއެވެ. އެހެން ހިތައި، ދޯންޏާ ދިމާއަށް ހިނގައިގަތީމެވެ. ހަމަ ހިނގައިގަތް ތަނާ އިރުއޮއްސުނެވެ. އެއީ އަޖައިބެއް ކަހަލަ ގޮތަކަށް ވީކަމެކެވެ. އިރަކީ އެ ގޮތަށް އޮއްސޭ އެއްޗެއް ނޫނެވެ. އެހައި ބާރަށް ދަތުރުކުރާ އެއްޗެއް ވެސް ނޫނެވެ. އެހެން ވިޔަސް، އޮއްސުނީމައި އޮއްސުނީއެވެ. ދެން އަހަންނަކަށް ކުރެވޭނެ ކަމެއް ނެތެވެ. މުޅި ޖައްވަށާއި މާހައުލަށް ޒާތެއްގެ އަނދިރިކަމަކާއި އޮރެންޖުކުލައެއް ވެރިވެއްޖެއެވެ. އަހަރެން ނުހުއްޓި ހިނގީމެވެ. ދޯނިން ފައިބައިގެން އެ ތަނަށް އަހަރެން އައީ ފަނަރަ ވަރަކަށް މިނެޓުންނެވެ. އެކަމަކު ތިރީހަކަށް މިނެޓު ހިނގައިގެން ވެސް ދޯންޏާ ހަމައަކަށް ނުދެވުނެވެ. ދޯނި ފެނެއެވެ. އަނދިރީގައި ވެސް އެއީ ދޯންޏެއްކަން އެނގެއެވެ. ދޯނި އޮތީ ހަމަ ބީއްސާލި ތަނުގައެވެ. ކުއްލިއަކަށް އަހަންނަށް ހުއްޓެވުނެވެ. ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. އަހަންނަށް ފެންނަނީ، ދޯންޏާ ދިމާ މަތީގައި، ދޯނި ވަށައިގެން އެއްޗެހިތަކެއް އެނބުރޭ ތަނެވެ. އަހަންނަށް ރަނގަޅަށް ދުރު ނުފެންނާތީ، އެނބުރެނީ ކޯޗެއް ކަމެއް ސާފެއް ނުވެއެވެ. އުދުހޭ އެއްޗެހިތަކެއްކަން ޔަގީނެވެ. އަދަދެއް ނޭނގެއެވެ. އަންދާޒާކުރެވުނު ގޮތުގައި ސަތޭކައެއްހައި ދޫނި އުޅޭނެއެވެ. ހިތަށްއެރިއެވެ. އެހައި އަނދިރި ވަގުތެއްގައި، އެހައި ގިނަ ދޫނި، އެއް ދިމާއެއްގައި އެނބުރުން އެއީ އާދައިގެ ކަމެއް ނޫނެވެ. ދެން ހަނދާންވީ ކާފަ ބުނި ވާހަކައެވެ. ފަޅުރަށަށް ފުރޭތައަރާ ވާހަކައެވެ. އެހެންވިޔަސް އަހަންނަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.

"ފުރޭތައެއް ނާރާނެ،" ހިތާހިތުން އަހަންނަށް ބުނެވުނެވެ. "މީ އެ ޒަމާނެއް ނޫން."

ހިތަށް ހަމަޖެހުމެއް ހޯދުމަށް ޓަކައި މަޑުމަޑުން އެހެން ބުނެލީމެވެ. ހަގީގަތަކީ އިރު އޮއްސިއްޖެކަމެވެ. އަނދިރިވެއްޖެކަމެވެ. ފަޅުރަށުގައި ގެއެއް ނުވަތަ ޖަނަރޭޓަރެއް ވެސް ނެތެވެ. އަހަރެން ނޫން މީހަކު ވެސް ނެތެވެ. ފުރޭތައަކީ ފުލޯކެކެވެ. އެކަމަކު ޖިންނިސައިތާނުންނަކީ ހަގީގަތެކެވެ. ފަޅު، އަނދިރި ތަންތަނުގައި ޖިންނި އުޅޭނެއެވެ. އެ ހިސާބުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އެއް ގޮތަކީ، އެ ދޫނިތަކާ ދިމާއަށް ގޮސް ވާނުވާ ބެލުމެވެ. އަނެއް ގޮތަކީ، ވަލުތެރެއަށް ވަދެ، އިރުއަރަންދެން ފިލާ އޮތުމެވެ. އެއީ އެންމެ ފިނޑި ގޮތެވެ. އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ވެސް ވެދާނެއެވެ. ކުރިން އަހަންނަށް އެ ފަޅުރަށް ބޮޑެވެ. އެކަމަކު ރަށުގައި ބަންދުވިކަމުގެ އިހުސާސްކުރެވެމުން ހިތަށްއެރިއެވެ. ކުޑަ ފަޅުރަށެއްގައި އަހަރެން ބަންދުވީއެވެ.

ގޮތެއް ނުނިންމިގެން އުޅެނިކޮށް، ދޫނިތަކާ ދިމާ ތިރީގައި އެއްޗެއް ކޮޅަށް ހުއްޓައި ފެނިއްޖެއެވެ. އެއީ ކުރިން ނެތް އެއްޗެކެވެ. އަހަރެން ހުރިލެއް ދުރުކަމާއި، ދުރު ސާފުކޮށް ނުފެންނާތީ އެއީ ކޯޗެއްކަމެއް، އެއްގޮތަކަށް ވެސް ނޭނގެއެވެ. އޭރު އުދަރެހުގައި ހުރި އޮރެންޖުކަން ފިލައި، އެކީއެކަށް އަނދިރިވަނީއެވެ. ކޮޅަށް ހުރި ސޫރަ ސާފުވަނީ ކިރިޔަކިރިޔާއެވެ. އޭތި ތިރިވެއެވެ. ތެދުވެއެވެ. ކަނާއަތަށް ތިން ފޫޓެއް ވަރު ޖެހިލައިފައި، ވައަތަށް ހަތަރު ފޫޓެއް ވަރު ޖެހިލައެވެ. އެ ނޫން ހަރަކާތެއް ނުކުރެއެވެ. އަސްލު އޭތި ކުރަނީ ކީއް ކަމެއް އަހަންނަކަށް ނޭނގެއެވެ.

މާ ގިނަ ގޮތްތަކެއް އަހަންނަކަށް ނެތެވެ. އަހަންނަށް ފިލިދާނެއެވެ. ނުވަތަ ކުރިޔަށް ހިނގިދާނެއެވެ. އަހަންނަކީ ރަށް ބަލަހައްޓަން ހަވާލުވެގެން ހުރި މީހާއެވެ. ހަގީގަތް ބެލުމަކީ އަހަރެންގެ ޒިންމާއެކެވެ. ފަހަރެއްގައި ރަށަށް ވަގެއް އަރައި، ރަށުން ވައްކަންކުރަނީކަމަށް ވެސް ވެދާނެއެވެ. ދޭތެރެއަކުން އެ ހިޔާލު އަހަރެންގެ ސިކުނޑީގައި އެނބުރިގަނެއެވެ. އަހަރެންގެ ނަފުސު އަހަންނަށް ލަފާދިނީ، ސިއްރުން ވިޔަސް ހަގީގަތް ބަލާށެވެ.

އަތިރިމަތިން ގޮއްސިއްޔާ އެ "މީހަކަށް" އަހަރެން މާ ކުރިން ފެންނާނެއެވެ. އެހެން ހިތައި، ވަލުތެރެއަށް ވަނީމެވެ. ވަލުތެރެއިން ގޮސް ސީދާ ދޯންޏާ ދިމާ އަތިރިމައްޗަށް ނުކުތުމަށް ޓަކައެވެ. ކުރިމަތިލާން މި އުޅެނީ ކިހާ ވަރެއްގެ ކަމަކާކަމެއް އޭރަކު އަންދާޒާ ވެސް ނުކުރެވެއެވެ. އަހަރެން ކުރިޔަށް ހިނގާ ވަރަކަށް، އަޑެއްއިވޭ ކަމުގެ އިހުސާސްކުރެވެން ފެށިއެވެ. އަޑަށް ސަމާލުކަންދެމުން ހިނގުން ބާރުކޮށްލީމެވެ. އިރުކޮޅަކުން އަޑު ސާފުވާން ފެށިއެވެ. އިވެމުންދިޔައީ ކާޅުތަކެއް ގޮވާ އަޑެވެ. އަޑުކަނޑައިގެނެއް ނުދެއެވެ.

ދޯނި ފެންނަ ހިސާބަށް ދެވުމުން ގަސްތަކުގެ ތެރޭގައި މަޑުކޮށްލީމެވެ. ފަތްތަކު ތެރެއިން ބަލައިލީމެވެ. އަހަރެންގެ ދޯނި ކައިރީގައި ހުރި "އެތި" އެންމެ ވައްތަރީ އިންސާނަކާއެވެ. ހީވަނީ މުންޑު ނުވަތަ ތުވާލި އަރުވައިޖަހައިގެން ހުރިހެންނެވެ. ފޫޅުން މަތީގައި ފޭރާމެއް ނެތެވެ. އެ ވެސް ލަފައެކެވެ. ހަނދުވަރުދޭ ރެޔެއް ނޫނެވެ. އޭނަގެ ބައްޓަން އެނގެނީ ކިރިޔަކިރިޔާއެވެ. ބޮލުގެ އިސްތަށިގަނޑު ދިގެވެ. މޫނެއް ނޭނގެއެވެ. ގައިގެ ކުލައެއް ނޭނގެއެވެ. އިސްކޮޅުން ދިގެވެ. އަހަރުމެން ދެ މީހުން ދެމެދުގައި ހުންނާނީ ދުއިސައްތައެއްހައި ފޫޓެވެ. އޭނަ ހުރީ އަހަރެންގެ ދޯނި ކައިރީގައެވެ.

"އެއީ ކާކު؟" ހިތާހިތުން އަހަންނަށް ބުނެވުނެވެ.

އިރުކޮޅަކު ބަލަން ހުރުމުން އޭނަ ޖައްސާ ވައްތަރުތައް އެނގޭ ވަރު ވިއެވެ. އޭނަ ދެކޮޅަށް ހިނގަނީއެވެ. ހިނގުމަށް ވުރެ ވައްތަރީ ފުންމުމަކާއެވެ. ކާޅު ހިނގާނީ އެ ކަހަލަ ގޮތަކަށެވެ. ކޮންމެ ކޮޅަކަށް ގޮސްފައި ވެސް މޫދަށް ގުދުވެއެވެ. ކޮންމެވެސް ކަމެއް ކުރެއެވެ. ބައެއް ފަހަރު ހަތަރެސްފައިޖަހާހެން ވެސް ހީވެއެވެ. މާ ގިނަ އިރެއް ނުވެ ތެދުވެއެވެ. ކުރަނީ ކީއް ކަމެއް ނޭނގެއެވެ. އިރުކޮޅަކުން އޭނަ އެއްޗެއް ދިއްލައިލިއެވެ. ހީވަނީ އެއީ ފާނޫޒެއްހެންނެވެ. އަލި ހުރީ އެ ކަހަލަ، ފަނޑު ގޮތަކަށެވެ. އަލިގުޅައެއް ނުވަތަ ބައްތިއެއްހެނެއް ނޫނެވެ. އަލި މަޑުކަމުން މާ ބޮޑު އެއްޗެއް ނުފެނެއެވެ. އޭނަ ފާނޫޒު މައްޗަށް ހިއްލައިލައި، އިސްކޮޅުން ދެމިލިއެވެ. އެއީ އިންސާނެއްގެ އިސްކޮޅުބާއޭ އަހަރެން ހިތަށްއެރިއެވެ. އެހައި ވެސް ދިގެވެ. އެ ފަހަރު ފާނޫޒުގެ އަލިން ދޫނިތައް ފެނުނެވެ. ދޫނިތައް އުދުހޭލެއް ކައިރިކަމުންނެވެ. އެ ތަނުގައި އޮލަވެފައި އޮތީ ކާޅެވެ. އޭގެ އަދަދު ސަތޭކައަށް ވުރެ ގިނަވާނެހެން ވަރަށް ހީވެއެވެ. ކުއްލިއަކަށް ކާޅުގެ އަޑު ގަދަވިއެވެ. އޭނަ ބިންމަތީގައި ފާނޫޒު ކަހަލަ އެތި ބެހެއްޓިއެވެ. ބައެއް ކާޅު މޫދަށް ޖެހިގަންނަން ފެށިއެވެ. އޭނަގެ ފައި ކައިރިއަށް ގިނަ އަދަދެއްގެ ކާޅު ޖެއްސިއެވެ. އޭނަ ހަރަކާތެއް ކޮށްލުމުން އެކި ދިމަދިމާއަށް ކާޅުތައް ކެވިއަރައިގެންދެއެވެ.

ތިރީހަކަށް މިނެޓުވީ އިރު ވެސް އެ ތަމުސީލު ނިމޭކަށް ނޫޅުނެވެ. ތަކުރާރުވަނީ ދާދި އެއް ކަމެކެވެ. އަހަރެން ހިތަށްއެރިއެވެ. އޭނަ ވާންޖެހޭނީ އިންސާނަކަށެވެ. ޖިންނީންނަކީ އެ ފާޑަށް އުޅޭ ބައެއް ނޫނެވެ. އަހަންނަކަށް ޖިންނިއެއް ނުވެސް ފެންނާނެއެވެ. ހިތްވަރުކޮށްފައި ވަލުތެރެއިން ނުކުމެ ހަޅޭއްލަވައިގަންނަންވީއެވެ. ލޮލުން ދެކި އަތުން ހިފާފައި ނޫނީ މި ފަހަރަކު ގޮތެއް ނުނިންމާނަމެވެ. ވާނެ ގޮތެއް ވެދާނެ ނޫން ހެއްޔެވެ؟ ހަގީގަތް ނުބަލައި ދޫކޮށްލައިގެން ނުވާނެއެވެ. ފަޅުރަށަށް އަރާ "ފުރޭތަ" ބޭޒާރުކޮށްލަންވާނެއެވެ. އެތައް އިރަކު ވިސްނުމަށް ފަހު ގަސްތަކު ތެރެއިން އަތިރިމައްޗަށް ނުކުތީމެވެ. ވަރަށް މަޑުމަޑުންނެވެ. އޭރު އޭނަ ހުރީ އަހަންނަށް ފުރަގަސްދީގެން ކޮންމެވެސް ކަމެއް ކުރާށެވެ. އޭނަ ކައިރީގައި ބަހައްޓާފައި ހުރީ، އަހަރެން ދޯނީގައި ބަހައްޓާފައި ހުރި ފާނޫޒެވެ. އެ ކަން އެނގޭހައި ގާތަށް އަހަންނަށް ދެވުނެވެ.

"އޭތް! ކާކު ތީ؟" އަހަރެން ހަޅޭއްލަވައިގަތީމެވެ.

ނުނިމޭ

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔަނބ

15 May 2022

ކަލޭނާ މަރުވާނެ ގޮތެއް ނޭގިގެން އުޅެ ސޮރެއް....... މައިތިރި ވެގެން އިދެބަލަ އިރު އަރަންދެން... މަހުވައި

The name is already taken The name is available. Register?

މަނަމަ

16 May 2022

އެވަރުވާއިރުވެސް ހިތައް ބިރުވެރިކަން ނުވަންނަނީ ހމ؟ މަނަމަ އެގަޑީ އިނސާނެއް ފެނުނަސް ބިރުގަންނާނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެވަރަށް ކާޅު ގޮވާއިރު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަމުދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454