"ބޭވޮޗް"ގައި އެންމެ ރީތި ބައި ކުޅުނީ ޕްރިޔަންކާ: މަދޫ ޗޯޕްރާ

ޕްރިޔަންކާ ޗޯޕްރާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް"ގެ ފުރަތަމަ ޓްރެއިލާ ދެއްކުމާ އެކު އޭނާގެ ފޭނުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަން ފެށި އެވެ. އެ އިޝްތިހާރުގައި ޕްރިޔަންކާ ފެނިލަނީ އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތުކޮޅަކަށް ކަމަށް ބުނެ އެވެ.


ނަމަވެސް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ބުނަނީ އެ އިޝްތިހާރުގައި އެގޮތަށް ދެއްކީ ފިލްމު އުފެއްދި މީހުން ގަސްތުގައި މީހުންނަށް އޮޅުވާލާ ފިލްމާ ދޭތެރޭ އޮތް ޝައުގުވެރިކަން ބޮޑުކުރަން ކަމަށެވެ. އަދި ފިލްމުގެ އެންމެ މޮޅު އަދި ރީތި ބައި ފަހަށް ބާއްވައިގެން ބެލުންތެރިން ހައިރާންކޮށްލުމަކީ ފިލްމު އުފެއްދި ފަރާތުގެ ރޭވުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޑްވޭން ޖޯންސަން އާއި ޒެކް އެފްރޮން އެކްޓަރުންގެ ގޮތުގައި ހިމެނޭ މި ފިލްމުގެ ފުރަތަމަ ޓްރެއިލާގައި ހިމެނެނީ ޕްރިޔަންކާގެ އެންމެ މަންޒަރެކެވެ. ނަމަވެސް ޕްރިޔަންކާގެ މަންމަ ބުނީ އިޝްތިހާރުގައި ދައްކާ އެއްޗަކާ ފިލްމު ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި ޕްރިޔަންކާ މި ފިލްމުގައި ކުޅެނީ ނެގެޓިވް ރޯލެއް ކަމަށާއި އެ ރޯލުން ޕްރިޔަންކާ ވަރަށް ވިދާލާނެ ކަމަށް ވެސް މަންމަ ޔަގީންކުރެ އެވެ.

ޕްރިޔަންކާގެ މަންމަ ބުނީ އޭނާގެ ދަރިފުޅާ ބެހޭ ގޮތުން އިވޭ ނެގެޓިވް ޚަބަރުތަކާ މެދު މިހާރު އެހާ ކަންބޮޑު ނުވާ ކަމަށެވެ.

"ނެގެޓިވް ޚަބަރުތަކުން އަހަރެން ކަންބޮޑުވީ ދުވަސްވަރެއް ވެސް ދިޔަ. ނަމަވެސް މިހާރު އެފަދަ ކަންކަމާ ކަންބޮޑެއް ނުވޭ. އެހެން މީހުންނަށް ވުރެ އަހަންނަށް އަހަރެންގެ ދަރިފުޅު މާ ރަނގަޅަށް އެނގޭ،" މަދޫ ބުންޏެވެ.

"އެހެންވީމާ މިހާރު މީހަކު ނެގެޓިވްކޮށް ލިޔުނަސް އަހަރެންގެ ދަރިފުޅަކީ ތެދުވެރިއެއްކަން އެނގޭތީ ހާހެއް ނުވޭ. ޕްރިޔަންކާ އަކީ ވަރަށް ތެދުވެރި، އެހާމެ ރަނގަޅު މީހެއް. އަހަރެން ނުބުނަން އޭނާއަށް ވެސް ގޯސް ކަންތައްތައް ނުކުރެވޭނެއެކޭ. ނަމަވެސް އެހެން މީހަކަށް ގެއްލުމެއް، ދެރައެއް ލިބޭ ކަހަލަ ކަމެއް އޭނާ ނުކުރާނެ. އަހަންނަށް އެކަމުގެ ގެރެންޓީ އެބަ އޮތް."