12 ޖޫން 2022 - 07:15
ބުދަ ދުވަހާ ގުޅޭ
"އެކަމަކު ބިސްގަނޑު ވަސް ޖެހުނީމަ އެހަރަ ވާ ގޮތެއް." ބޮޑުދައިތަ ބުންޏެވެ.
އެ ރޭ އަހަރެން ނިދަން އޮތް އިރު ވަރަށް ގިނަ އެއްޗެހި ހިތަށްއެރިއެވެ. ހަމަ ހަގީގަތުގައި ވެސް އަހަންނަކީ އީދަށް ގެނައި ބަކަރިއެއް ހެއްޔެވެ؟ ވަގުތުޖެހުމުން ނާސިހާ އަހަރެން ކަތިލީއެވެ. އަހަރެންގެ ލެއިން ނާސިހާގެ ފަސްބައިގައި ޖެހިފައި ހުރި ލައްތައް ފިލުވީއެވެ. އޭގެ ސަބަބުން މުޅި ހެދުން ހަޑިވީކަމެއް ނާސިހާއަކަށް ނުވިސްނެއެވެ. އަހަރެންގެ ހިތުގައި ނާސިހާއަށް ޓަކައި ދެން އޮންނާނީ ކޮން ލޯތްބެއް ހެއްޔެވެ؟ ކޮން އިހުތިރާމެއް ހެއްޔެވެ؟ އެ ހިސާބުން އަނެއް ފަރާތަށް އަހަރެން ފުރޮޅިލީމެވެ. ދެން ވިސްނެން ފެށީ މުޅީން އެހެން އެއްޗެކެވެ. ވީކަމެއް ވުމަށް ފަހު ނާސިހާ އަހަންނާ އިނީ ކީއްވެގެން ހެއްޔެވެ؟ ފަހުން ފަޅާއެރިޔަސް އަހަރެން ޝަކުވާނުކުރާނެކަން ނާސިހާއަށް އެނގެނީ ހެއްޔެވެ؟ އެ ޔަގީންކަން އޮތީ ހެއްޔެވެ؟ އެހެން ނޫން ނަމަ، ނާސިހާ ބުނެލާ އިރަށް އިންނަން އެތައް ސަތޭކަ ބަޔަކު ތައްޔާރަށް ތިއްބައި އަހަންނަކާ ނީނީހެވެ. ނާސިހާ ދެކެ އަހަރެން އެހައި ލޯބިވާކަން އޭނައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދަން ޖެހޭނެއެވެ.
ހޮޑުލެވޭ ވަރުން ނާސިހާ އޮފީހަކަށް ނުދެއެވެ. އަހަރެން ދާނެ ވަޒީފާއެއް ނެތެވެ. އޮތް ނަމަވެސް، ނާސިހާ ދޫކޮށްލައިފައި އަހަންނެއް ނުދިޔައިމުހެވެ. އަހަރެން އޮތީ އަހަރެންގެ ކޮޓަރީގައެވެ. އެ ކޮޓަރިއަކަށް ނާސިހާއެއް ނާންނާނެއެވެ. އަހަރެން އޮތީ ނާސިހާ ދެކިލާ ހިތުން ކެތްމަދުވެފައެވެ. ނާސިހާ ހަނދާންކުރާނީ ނާސިހާ އެންމެ ލޯބިވާ މީހާއެވެ. އަހަރެންނަކަށް ނާސިހާ ނޫން އެހެން މީހަކާ ދޭތެރެއަކު ނުވިސްނެއެވެ. އަހަރެންގެ ލޯތްބަކު ޝަރުތެއް ނެތެވެ. ނާސިހާ ރުޅިއަޔަސް، ފޫހިވިޔަސް އަހަންނަށް ހެވެވެ. ބޭނުންވީ އޭނައަށް އެއްވެސް އެހީއެއް ބޭނުންތޯ ބަލާށެވެ. ވެވެން އޮތް ގޮތަކަށް އެހީވާށެވެ. ފިރިއެއްގެ ހައިސިއްޔަތުންނެވެ.
އަހަރެން ކޮޓަރިން ނުކުތީމެވެ. މައިދައިތަގެ ހިލަމެއްވޭތޯ މަޑުކޮށްލީމެވެ. ގޭތެރެ އޮތީ ވަރަށް ފަޅުކޮށެވެ. އެ ފަހަރު ނާސިހާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލީމެވެ.
"ކާކު؟" ނާސިހާގެ އަޑުއިވުނެވެ.
އަހަރެން އެއްޗެއް ނުބުނަމެވެ. އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ބެލީމެވެ.
"ވަދޭ!" ނާސިހާ ހުއްދަދިނެވެ.
އަހަރެން މަޑުމަޑުން ދޮރު ހުޅުވައިލީމެވެ. ނާސިހާ އޮތީ އެނދުގައެވެ. އަހަރެން ފެނުމުން އިތުރު އެއްޗެއް ނުބުނެއެވެ. ހުއްދަ އޮތީ ލިބިފައެވެ. ވަދެފައި ދޮރު ލައްޕައިލީމެވެ. ފިރިއަކަސް އަހަރެން ކޮންމެހެން އަހަރެންގެ ހައްގު ހޯދާކަށް ނޫޅެމެވެ. އަހަރެން އެ ތަނަށް ވަނީ ނޯކަރެއް ވެސް އެ ތަނަށް ވަންނާނެހެންނެވެ. ނާސިހާއަށް ބެލީ ވެސް، ނާސިހާ ގާތުގައި ހުއްޓުނީ ވެސް އެހެންނެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ ބޭނުމަކީ ނާސިހާގެ ރުހުން ހޯދުމެވެ. އޭނަ ރުޅިނޭރުވުމެވެ. އަހަރެންގެ އެހީތެރިކަން އޭނަ ގަބޫލުކުރުމެވެ. ކަންތައްތައް ގޮސްފައިވާ ހިސާބުން، އަހަންނާ ހަތަރުކަޅި ހަމަކުރާކަށް ނާސިހާއަކަށް ނުކެރުނެވެ. އޭނަ އޮތީ އެހެން ދިމާއެއް ބަލަހައްޓައިގެންނެވެ.
"ހާލުކިހިނެއްތޯ؟" ވަރަށް އޯގާތެރިކަމާ އެކު އަހަރެން އެހީމެވެ.
ނާސިހާ ޖަވާބެއްނުދިނެވެ. އެއްޗެއް ބުނަން އޭނަ ބޭނުން ނުވީއެވެ. ނުވަތަ މިހެން ވެސް ވެދާނެއެވެ. އޭނަ ހީކުރީ އަހަރެން ރުޅިއަންނާނެކަމަށެވެ. ނުވަތަ ގެއިން ނުކުމެގެންދާނެކަމަށެވެ. ވީ އެހެނެއް ނޫނެވެ. އަހަންނަކަށް ބަދަލެއް ނައެވެ. އޭގެ ސަބަބުން ނާސިހާގެ ހިލަހިތުގެ ކޮންމެވެސް ތަންކޮޅެއް މަޑުވީއެވެ. އަހަންނަށް ޓަކައި ކޮންމެވެސް ކަހަލަ ހަމުދަރުދީއެއް އުފެދުނީއެވެ.
"ޒުހުރީ ކީއްވެ ނުގޮސް ތިހިރީ؟" އަހަންނާ ހަތަރުކަޅި ހަމަނުކޮށް ނާސިހާ ބުނެލިއެވެ.
"ކިހިނެއްތޯ ދާނީ؟" އަހަރެން ބުނީމެވެ. "ނާސިހާއަށް ކަމެއް ޖެހިއްޖެއްޔާ ކާކުތޯ ކޮށްދޭނީ؟"
އަހަންނާ ދިމާއަށް ނާސިހާ އެނބުރުނެވެ. އެ ވަގުތު ނާސިހާގެ ލޮލުން އަހަންނަށް ފެނުނީ، ކުރިން ނުފެންނަ ކަހަލަ ޖަޒުބާތެކެވެ. އެއީ ލޯބި ނޫން އެހެން ކޯޗެއް ހެއްޔެވެ؟ ނާސިހާ ހިނިތުންވެލިއެވެ. ޝުކުރުވެރި ނަޒަރަކުންނެވެ.
"މާ ބޮޑަށް ބޯއަނބުރަނީތޯ؟" އަހަރެން އެހީމެވެ. ނާސިހާ ބޯޖަހައިލިއެވެ. "ކުރުނބައެއް ގެންނަންތޯ؟"
ނާސިހާ ބޯޖަހައިލިއެވެ. އަހަރެން އުފަލުން ގޮތެއް ނެތެވެ. އަވަސްއަވަހަށް ހިނގައިގަތީމެވެ.
"މަޑުކޮށްބަލަ!" ނާސިހާ އެދުނެވެ. "އެހެރީ ލާރި. ބޭނުން ވަރެއް ނަގާ!"
އަހަރެން ބަލައިލި އިރު އެ ތަނުގައި ހުރި ކުޑަ މޭޒު މަތީގައި ނާސިހާގެ ލާރިދަބަސް އޮތެވެ. ކުރުނބައެއް ގަނެވޭ ވަރަށް އަހަރެން އަތުގައި ވެސް ފައިސާ ހުއްޓެވެ. އަހަރެން ބޭނުންވީ ދަބަސް ބަލައިލާށެވެ. އެއީ ނާސިހާ އަތުގައި އަބަދު ކަހަލަ ގޮތަކަށް އޮންނަ ދަބަހެކެވެ. އެ ދަބަހުގައި އަހަންނަށް އަތްލެވުމަކީ ކިހައި ބޮޑު ޝަރަފެއް ހެއްޔެވެ؟ ދަބަސް ނަގައި ހުޅުވައިލީމެވެ. ބައިވަރު ފައިސާ ހުއްޓެވެ. އަހަރެން އަޅައިގަތީ ފައިސާއެއް ނޫނެވެ. ދަބަހުގެ އެތެރޭ ޖީބަކަށް ލައްވާފައި އޮތް ފޮޓޯއެވެ. އެއީ ކާކުކަން އަހަންނަށް އެނގެއެވެ. ނާސިހާއަށް ސިޓީ ފޮނުވީ އޭނައެވެ. ނާސިހާ ސިޓީ ލިޔުނީ އޭނައަށެވެ. އެ ދެމެދުގައި ވަނީ ގުޅުން ބަދަހިވެފައެވެ. އަހަންނަކަށް ކެތެއް ނުވިއެވެ. ފޮޓޯ ދަމައިގަތީމެވެ. ފައިސާ ދަބަސް ބާއްވާފައި ހިނގައިގަތީމެވެ.
"ވީދާލާ އިނގޭ!" ނާސިހާ ބުނި އަޑުއިވުނެވެ.
އަހަރެން ކުރި ކަންތައް ނާސިހާއަކަށް ނުފެންނާނެއެވެ. ކޮޓަރި ހުރި ގޮތުން، ފައިސާ ދަބަސް އޮތް މޭޒު ކައިރީގައި ހުއްޓި ހުންނަ އިރު ނާސިހާގެ އެނދުން ފެންނަނީ ފައިލާކޮޅު އެކަންޏެވެ. ބުނި އެއްޗެއް ނާސިހާ ބުނީ ލަފާކޮށްފައެވެ. މަޅީގައި އަހަރެން ޖެހުނުލެއް ފަސޭހަކަމުން ނާސިހާޔާ ދިމާއަށް ބަލައިލާކަށް އަހަންނަކަށް ނުކެރުނެވެ.
ކުރުނބާފަނި ހަދައިފައި ނާސިހާއަށް ދިނީމެވެ. އެކަކު ވެސް ފޮޓޯގެ ވާހަކައެއް ނުދައްކައެވެ. ކުރުނބާ ބުއިމުން ފެން ދިނީމެވެ. ފޯއްކޮޅެއް ވެސް ދިނީމެވެ. ކުރި ކުށެއް ނާސިހާ ކޮށްފިއެވެ. ވީކަމެއް ނުވާކަމަކަށް ނެހެދޭނެއެވެ. އަހަރެން އެ ކަން ރަނގަޅެއް ނުކުރަމެވެ. ދަރިފުޅުގެ ބައްޕައަކީ އަހަރެން ކަމަކަށް ނުބުނަމެވެ. ނާސިހާއަކީ އަހަރެންގެ އަނބިމީހާއެވެ. އަހަންނަކީ ނާސިހާގެ ފިރިމީހާއެވެ. ކައިވެނީގެ ސައްހަކަމާއި، ނާސިހާ ކުރި ކުށުގެ އަދަބާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް އަހަންނަކަށް ނޭނގެއެވެ. އަހަންނަކީ އެ ވަރަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އެއް ކަމެއް ގައިމު ވެސް ޔަގީނެވެ. ނާސިހާ ދެކެ އަހަރެން އިންތިހާއަށް ލޯބިވަމެވެ. އެ ކަމަށް މަލާމާތްކުރާނެ މީހަކު ކުރާށެވެ. ރުޅިއަންނަ މީހަކު އަންނާށެވެ. އެކަމަކު އަހަރެން ކުށްވެރިކޮށްގެން ނުވާނެއެވެ. ލޯތްބަކީ ކުށެއް ނޫނެވެ. އަހަރެން ކުށެއް ނުކުރަމެވެ.
ކަންމަތީ ފިހާރައަށް ރޭގަނޑު ވެސް ދިޔައީމެވެ. ނާސިހާ ބުނެގެން ހުތްއަނބު ގަންނާށެވެ. ދާ އިރަށް ސޭޓު ކޮންމެވެސް ހާސަރެއްދަމާނެކަން އެނގެއެވެ. ދިޔައީ ވެސް އެހެންވެއެވެ. އަހަރެން ފެނުނީއް ސުރެ ސޭޓުގެ އަނގައެއް ނުހުއްޓެއެވެ. އަހަރެން އެކައްޗެއް ވެސް ނުބުނަމެވެ. ރުޅި ދިޔައީ ގަދަވަމުންނެވެ. އަހަރެންގެ އަނބިމީހާގެ ހުރިހައި ޒިންމާއެއް އަހަރެން އެބަ އުފުލަމެވެ. ސޭޓަކަށް ނުޖައްސަމެވެ. އޭނަޔާ ކޮން ބެހޭކަމެއް ހެއްޔެވެ؟ ހުތްއަނބަށް ލާރިދޭން ވެގެން ނެގި ފައިސާތައް މޭޒުމަތީގައި ބެހެއްޓީމެވެ.
"ހާދަހާ ބައިވަރެއް؟" ސޭޓު ބުންޏެވެ. "ދިހަ ރުފިޔާ ވަނީ."
ސޭޓު ދިހަ ރުފިޔާ ނެގިއެވެ. ދެން އޮތީ ފަންސާސް ރުފިޔާއެވެ. އޭރަށް ބަލާ އިރު ބޮޑު އެއްޗެކެވެ. އަހަންނާ ދިމާއަށް ސޭޓު ޖައްސައިލި ފަންސާސް ރުފިޔާގެ ނޫޓު އަހަރެން އަނެއްކާ ސޭޓާ ދިމާއަށް ޖައްސައިލީމެވެ. ސޭޓު ފާޑަކަށް ބަލައިލިއެވެ.
"ނާސިހާޔާ ބެހޭ ގޮތުން އޭތިމީތި ކިޔައިގެން ފާފަ ނޫން އެއްޗެއް ބޭބެއަކަށް ނުލިބޭނެ،" ވިސްނައިދޭ ރާގެއްގައި އަހަރެން ބުނީމެވެ. "އެއްވެސް އެއްޗެއް ދެން ނުކިޔާ މަތިން މި ލާރި ބޭބެއަށް. ކޮން ގޮތެއް ފައިދާ ބޮޑީ؟ އަޅެ ބުނެބަލަ! ބޭބެއަކީ ވިޔަފާރިވެރިއެއްނު."
ސޭޓު އިރުކޮޅެއްވަންދެން އަހަންނަށް ބަލަހައްޓައިގެން އިނެވެ. އަހަންނަށް އެނގެއެވެ. އަހަރެން ވަރުގެ ބޮޑު މޮޔައެއް އޭނަ ދުވަހަކު ވެސް ނުދެކޭނެއެވެ. ސޭޓު އެ ފައިސާ ނެގިއެވެ.
"ތީ ބޮޑު މޮޔައެއް!" ސޭޓު ބުންޏެވެ.
"އެކަމަކު ބޭބެއަކީ ބުއްދިވެރިއެއް،" އަހަރެން ބުނީމެވެ. "ތި ކުރެވުނީ ރަނގަޅު ވިޔަފާރިއެއް."
އަހަރެން ބޭނުންވީ ސައުވީސް ގަޑިއިރު ނާސިހާގެ ކޮޓަރީގައި، އޭނަގެ އެނދު ކައިރީގައި، ކޮޅަށް ހުންނާށެވެ. ކަމެއް ޖެހިދާނެކަމަށެވެ. އަހަރެންގެ އެއްވެސް އެހީއަކުން ނާސިހާއަށް ލުޔެއް ލިބޭ ނަމަ އަހަރެންނަކީ ނަސީބުވެރިޔެކެވެ.
ހޮޑުލެވޭލެއް ގިނަކަމުން ރޭގަނޑު ގެއަށް ޑަކުޓަރެއް ގެނައެވެ. އަހަރެންގެ ކޮޓަރީގެ ދޮރުފަތުގައި ކަންފަތް ޖަހައިގެން ހުރުމުން، ގޭތެރޭގައި ވާނުވާ ކުޑަކޮށް އެނގެއެވެ. ދައްކާ ވާހަކަ އިވެއެވެ.
"ސަމަދު!" ބަފައިބެގެ އަޑު އިވުނެވެ. "ދޭބަލަ މި ބޭސް ނަގައިގެން އަންނަން."
އަހަރެން ހިތަށްއެރިއެވެ. އަހަރެން ހުއްޓައި އަހަރެންގެ އަނބިމީހާއަށް އެހެން މީހަކު ބޭސްނަގަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ވަގުތުން ދޮރު ހުޅުވައިލީމެވެ.
"އަޅުގަނޑު ދަންތޯ؟" އަހަރެން އެހީމެވެ.
މައިދައިތަ އަހަންނަށް ބަލާހެން ބަފައިބެ ވެސް ބަލައިލިއެވެ. އެކަމަކު ރުޅިއައިސްގެން އެއްޗެއް ނުބުނެއެވެ. ބޭސްސިޓީ ދިއްކޮށްލިއެވެ. އަހަންނަށް ހީވީ ވަނަޔަކަށް ގޮސްގެން އިނާމެއް ލިބުނުހެންނެވެ. ބޭސްސިޓީ ހިފައިގެން ހިނގައިގަތީމެވެ. ބަފައިބެ އަލުން ގޮވައިފައި ފައިސާދިނެވެ. ބޭހުގެ އަގެއް އަހަންނަކަށް ނޭނގެއެވެ. އެހެންވެ ފައިސާ ހިފީމެވެ. ތެދުތެދަށް ބުނާ ނަމަ އަހަރެން ބޭސްނަގަން ދިޔައީ ދުވެފައެވެ. ބައިސްކަލުގެ ޗޭނު އިރުއިރުކޮޅާ ނެއްޓޭތީ، އެއަށް އަރައިގެން ލަސްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ބޭނުންވަނީ ނާސިހާއަށް ލުޔެއް ލިބޭށެވެ.
ނާސިހާގެ ހާލު ރަނގަޅުވާން ފެށިއެވެ. ވަރަށް މަޑުމަޑުންނެވެ. ހެނދުނު ސައިބޯން މޭޒުކައިރިއަށް އާދެއެވެ. މާ ބޮޑު އެއްޗެއް ނުކައެވެ. ކެވޭތޯ މަސައްކަތްކުރެއެވެ. މައްސަލައަކީ މޭނުބައިކޮށް، ބޯއަނބުރާ ގޮތްވުމެވެ. އެހެން ވެއްޖެއްޔާ ދެން އެކައްޗެއް ވެސް ނުކެވެއެވެ. އިށީނދެގެން އިންނަން ވެސް އޭނައަށް އުނދަގުލެވެ. އޭނަ ގޮވައިގެން ކޮޓަރިއަށް ދަނީ ބަފައިބެއެވެ. ނުވަތަ މައިދައިތައެވެ. އެއް ދުވަހަކު އެހެން ދިމާވި ވަގުތު، އަހަރެން ނޫން މީހަކު އެ ތާކު ނެތެވެ.
"އަހަރެން ކޮޓަރިއަށް ގެންގޮސްދީފާނަން؟" ނާސިހާ އެދުނެވެ.
އަހަރެން ފުންމައިގެން ތެދުވީމެވެ. ނާސިހާ އަތްދިއްކޮށްލިއެވެ. ފުރުސަތުގެ ބޭނުން އަހަރެން ހިފީމެވެ. ނާސިހާ އަތްދަނޑިމައްޗަށްލީމެވެ. އޭނަ އިންކާރެއް ނުކުރެއެވެ. އަހަންނަށް ބުނެވުނީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ.
ނުނިމޭ
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޙ2022
12 June 2022
ޢެދޭނަމަ ލޯބިވާންވީވެސް ހިތަށްކުޅަދާނަ މިންވަރަކުން...ބޮއިހަލަކި
ވަޑި
13 June 2022
ވަޑި ޑިސްކަވަރ ކުރީ އެންމެ އަވަހައް ބަނޑުފުރޭގޮތް، ވަޑި ބުނީ ބަނަހެއް ކާލާފަ ފެންތައްޓެއް ބޯލާށޯ! އެއީ ޒުހުރީއަށް ވާންޖެހޭ ގޮތަކީ
ސްނޯ
12 June 2022
ކައިވެނި ސައްހައެއް ނުވާނެ
ކޮންޓެ
12 June 2022
އަހަރެންގެ އެކުވެރި ރަދީފަކީ ވެސް އެއްދުވަސްވަރަކު މިގޮތަށް އަންހެނަކު ދެކެ ލޯބިވި ސޮރެއް
ސޭޓުބެ
12 June 2022
ތިވާހަކައިގެ ފަހުކޮޅު ނާސިހާ ޒުހުރީ ފަހަތުން ދުވާނީ. ޒުހުރީ ފޫކަހާނީ.. ސޯ ސިމްޕަލް
ޙޙ2022
12 June 2022
ނަޓް ސޮރެއްތީ... ބޮއުހަލަކި
ކްއިކް ގަން މުރުގަން
12 June 2022
ތީ ހޭބަލިވުން. ލޯއިބެއް ނޫން.
ސަސި
12 June 2022
ކައިވެނީގެ ޝައްޙަކަމާމެދު ސުވާލު އަމިއްލައަށް އުފެދިފަހުރިއިރު އެކަން އޮޅުން ފިލުވާލަންވާނެތާ. އެކަމާ ސައްކުވާއިރު މަގޭ އަނބިމީހާ ފިރިމީހާ ނުކިޔޭނެ. ލޯބިވެސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަކަށް.