މުނިފޫހިފިލުވުން / ވާހަކަ

އޭނައަށް ލޯބިވެވުނީއެވެ.

ފިރިހެނުން ދެކެ އަހަރެން ބިރުގަނެއެވެ. ޖިންނިއެއް ދެކެ ގަންނަ ކަހަލަ ބިރެއް ނޫނެވެ. ޗޮކުލެޓު ދެކެ ގަންނަ ކަހަލަ ބިރެކެވެ. އަހަންނަށް ޗޮކުލެޓު ވަރަށް މީރެވެ. ކިތަންމެ ބައިވަރެއް ވެސް ކެވިދާނެއެވެ. އެހެނަސް ފަލަވާނެތީ ބިރުގަނެއެވެ. ގިނައިން ޗޮކުލެޓު ކާކަށް ނުކެރެއެވެ. އެއީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. އަތުގައި ފައިސާ ހުރެ، ޗޮކުލެޓު ވެސް ހުރެ، ކާން ނުކެރުމެވެ.

އަހަންނަކީ އުމުރުން ބާވީސް އަހަރުގެ އަންހެނެކެވެ. ރީތި ކުއްޖަކީމެވެ. އެއީ، ލޯގަނޑު ކުރިމައްޗަށް ހުއްޓުމުން އަހަންނަށް ހީވާ ގޮތެއް ނޫނެވެ. ފިރިހެނުން ބުނާ އެއްޗެކެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ރީތިކޮށް ހުންނަން އަހަންނަށް ކުރެވުނު ހުރިހައި ކަމެއް ކުރަމެވެ. ތަރުކާރީ ކަމެވެ. ކަސްރަތުކުރަމެވެ. އިސްތަށިގަނޑުގައި ކުލަޖައްސަމެވެ. ރީތި ހެދުންލަމެވެ. ލޯބި ފައިވާނަށް އަރަމެވެ. އިންސްޓަގުރާމަށް ދުވާލަކު ފޮޓޯއެއް ލަމެވެ.

ރައްޓެހިވާނެ ފިރިހެނަކު ހޯދަން އަހަރެން ވިސްނާކަށް ނުޖެހެއެވެ. ކިޔޫގައި އެތައް ބަޔަކު އެބަ ތިއްބެވެ. ސުވާލަކީ، އެ ތަނުން އެންމެ ރަނގަޅު މީހަކީ ކާކު ހެއްޔެވެ؟ އަހަރެންގެ ދޮށްޓަށް ހަތަރު ދައްތަ ތިބެއެވެ. އެންމެން ވެސް އުޅެނީ މީހުންނާ އިނދެގެންނެވެ. ދަރިން އެބަ ތިއްބެވެ. ކޮންމެ ދައްތައެއް ވެސް އުޅެނީ މައްސަލަތަކުން ސަލާމަތްނުވެވިގެންނެވެ. ދައްކަނީ، ފިރިމީހާ އަޅާނުލާ ވާހަކައެވެ. ދަރިންނަށް ހަރަދުނުކުރާ ވާހަކައެވެ. އެހެން ލޯބިވެރިން ގެންގުޅޭ ވާހަކައެވެ. އެއީ ތެދެއްހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އެންމެން ވެސް ވަރިވާ ވާހަކަ ދައްކަދައްކައި ތިބޭތީއެވެ. ވަރިވެގެން އެހެން ދިރިއުޅުމެއް ފަށާކަށް އެކަކަށް ނުކެރެއެވެ. އެ ހިތްވަރެއް ނެތެވެ. އަހަރެން އެހެން ހިތަށްއަރަނީ އަހަރެން ހުސްހަށިބަޔަށް ހުރީމައިކަމަށް ވެދާނެއެވެ. މީހަކާ އިނުމުން އަހަރެން ވެސް އުޅޭނީ ދައްތަމެން އުޅޭ ހާލުގައިބާއެވެ؟ ޖަވާބެއް ނޭނގެއެވެ. ފުރަތަމަ ވިސްނަން ޖެހިފައި އޮތީ ރަނގަޅު ފިރިހެނަކު ހޯދާނެ ގޮތެކެވެ.

އެކުވެރިންގެ ތެރެއިން އަހަރެން ލޯބިވާ ހިތްވީ ތިން މީހެކެވެ. އެ ތިން މީހުން ވެސް އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އެނގެއެވެ. އެކަކު ލޯބި ހުށައެޅިއެވެ. އަނެކަކު ނުސީދާކޮށް ލޯބި ހުށައެޅިއެވެ. އަނެކަކު އުޅެނީ ލޯބިވާ ވާހަކަ ބުނަން ނުކެރިގެންނެވެ. އެކަަކަށް ވެސް އަހަރެން ފެހިސިގުނަލެއް ނުދެމެވެ. ތިން މީހުން ވެސް ހަދިޔާ ގެނެސްދެއެވެ. އަގު ބޮޑު ހަދިޔާއެވެ. އެހެނަސް އަހަންނަށް އެންމެ އަގުބޮޑު އެއްޗަކީ ވަގުތެވެ. އެއީ ދައްތަމެންގެ ފަރާތުން އަހަންނަށް ލިބުނު ތަޖުރިބާއެކެވެ. ވަގުތު ނުދެވޭ މީހެއް އަހަރެންގެ ހަޔާތަކަށް ނުގެންނާނަމެވެ.

އަހަންނަށް ވަގުތުދިނީ ރަޔާންއެވެ. ނުސީދާކޮށް ލޯބިހުށައެޅީ ވެސް އޭނައެވެ. އޭނައަކީ، ތިން މީހުންގެ ތެރެއިން އަތްމަތި އެންމެ ތަނަވަސް މީހާއެއް ނޫނެވެ. އަހަންނަށް މައްސަލައެއް ނެތެވެ. ހުރިހައި އެއްޗަކީ ފައިސާއެއް ނޫނެވެ. އެންމެ ރީތި މީހާއެއް ވެސް ނޫނެވެ. ޝަކުވާއެއް ނެތެވެ. އެންމެ މުހިންމީ ސިފައެއް ނޫނެވެ. ރަޔާންގެ އާއިލާ ދިރިއުޅެނީ ހުޅުމާލޭގައެވެ. އޭނަ ބޭނުންވަނީ އަވަހަށް ކައިވެނިކުރާށެވެ. އަހަރެން ހުޅުމާލެއަށް ގެންދާށެވެ. ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އަހަރެންގެ އާއިލާއާއި، ގިނަ އެކުވެރިން ވެސް އުޅެނީ މާލޭގައެވެ. ކުރާނީ ކީއް ހެއްޔެވެ؟ ހުރިހައި މޮޅެއް ނުލިބޭނެއެވެ. ކޮންމެ މީހަކީ "ޕެކޭޖު" އެކެވެ. އެ މީހަކާ އެކުގައި، ކަމުނުދާ ކަންތައްތަކެއް ވެސް އަންނާނެއެވެ. އެ ކަމަށް ޖެހޭނީ ކެތްކޮށްލާށެވެ. ދިރިއުޅުން ކިޔަނީ އެއަށެވެ.

އަހަރެންގެ މައިންބަފައިންނަށް ރަޔާން ކަމުދިޔައެވެ. ރަޔާންގެ މައިންބަފައިންނަށް އަހަރެން ކަމުދިޔަކަމެއް ޔަގީނެއް ނޫނެވެ. އެ މީހުން އުޅެނީ ވަރަށް ލޯބިވާކަމަށް ހެދިގެންކަން ނޭނގެއެވެ. އެ ލޯބީގައި އޮފެއް ނުހުރެއެވެ. އަހަރެން އެ ގެއަށް އައުމުން، ބައެއް ފަހަރު ވާހަކަދައްކައެވެ. އަނެއްބައި ފަހަރު، ފެންނަކަމަކަށް ނަހަދައެވެ. ރަޔާންގެ ނަޒަރުގައި އެއީ މަންމަމެންގެ މޫޑު ހުންނަ ގޮތެވެ. އެ ކަން ވެސް އަހަރެން ބަލައިގަތީމެވެ.

ވަރަށް ކުލަގަދަ ރަސްމިއްޔާތަކާ އެކުގައި އަހަރުމެން ކައިވެނިކުރީމެވެ. ދައްތަމެން ބުނެފައިވާ ގޮތުގައި، ރައްޓެހިވެގެން އުޅޭ އިރު އެ ފެންނަނީ އަވާމެންދުރެކެވެ. ހަގީގަތް އެނގޭނީ އިނީމައެވެ. އަހަންނަށް ފެނުނީ ރަޔާން އިތުރަށް ރަނގަޅުވި ތަނެވެ. ލޯބި އިތުރުވި ތަނެވެ. ހިތަށްއެރިއެވެ. އެހެންވީމައި، ހަގީގަތަކީ އެއީތާއެވެ. ރަޔާންނާ އިންނަން އަހަރެން ނިންމިނިންމުން ރަނގަޅެވެ. ރަޔާން ބުނި ގޮތުގައި، އަހަރެން ނުލިބުނު ނަމަ ރަޔާން ދުވަހަކު ވެސް މީހަކާ ނީނީހެވެ. އަހަންނަކީ، ފުރަތަމަ ފެނުނު ވަގުތުން ފެށިގެން ރަޔާނަށް ލޯބިވެވުނު މީހެކެވެ.

އަހަންނާ ނުލައި ރަޔާނަށް ނޭވާއެއް ނުލެވެއެވެ. އޭނަ އޮފީހުން ގެއަށް އަންނަ ވަގުތު އަހަރެން ނުފެނިއްޖެއްޔާ ތެޅޮފޮޅިގަނެއެވެ. ހީވާނީ ހަގީގަތުގައި ވެސް ނޭވާ ނުލެވިގެން އުޅޭހެންނެވެ. ބައެއް ފަހަރު އަހަރެން ހިތަށްއަރައެވެ. ރަޔާން ދެކެ އަހަންނަކަށް އެ ވަރަށް ލޯތްބެއް ނުވެވެއެވެ. އަހަރެން އޮފީހުން އައިސް ރަޔާން ކޮބައިތޯއެއް ނުބެލެއެވެ. ސުވާލު އުފެދޭ ކަމެއް ވެސް، މަޑުމަޑުން ފެންމަތިވާން ފެށިއެވެ.

ރަޔާންގެ ފޯނު އަބަދު ވެސް އޮންނަނީ ތަޅުލައިފައެވެ. ރައްޓެހިވެގެންއުޅުނު އިރު ފޯނުގެ ފާސްބަސް އަހަންނަށް އެނގެއެވެ. އަހަރެން ވަރަށް ގިނައިން އެ ފޯނާ ކުޅެން ވެސް ކުޅެމެވެ. "ކޭންޑީ ކްރަޝް" އަކީ އަހަރެން ވަރަށް ގަޔާވި ގޭމެކެވެ. ކައިވެނިކުރިތާ ކައިރީގައި އަހަރެންގެ މަގާމު މައްޗަށްދިޔައެވެ. އޮފީހުގެ އިތުރު ޒިންމާތަކެއް ނަގަންޖެހުނެވެ. އަންބެއްގެ ޒިންމާތައް ވެސް ނަގަންޖެހުނެވެ. އެހެންވެ، ރަޔާންގެ ފޯނާ ކުޅެން ވަގުތު އޮތީ ނުލިބިފައެވެ. ކިތަންމެ ފަހަރަކު ގޭމު މަތިން ހަނދާންވެއެވެ.

އެއްދުވަހަކު ރަޔާނަށް ފޯނެއް އައި އިރު ފޯނު އޮތީ އެނދުމަތީގައެވެ. ރަޔާން އުޅުނީ ފާހާނައިގައެވެ. ގުޅީ ރަޔާންގެ އެކުވެރިއެކެވެ. އެ ވަގުތު އަހަރެން ހިތަށްއެރިއެވެ. ގޭމުކުޅެލަން ވެއްޖެއެވެ. ފޯނު ކެނޑުމުން އަހަރެން ފޯނު ނެގީމެވެ. ފޯނުގެ ތަޅު ހުޅުވަން ފާސްބަސް ޖެހީމެވެ. ނުހުޅުވުނެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. ދެވަނަ ފަހަރަށް ފާސްބަސް ޖެހީމައި ވެސް ނުހުޅުވުނެވެ.

"ލޯބީ!" އަހަރެން ގޮވައިލީމެވެ. " ފޯނުގެ ޕާސްވޯޑް ބަދަލުކުރީތަ؟"

ރަޔާންގެ ޖަވާބެއް ނައެވެ. އެ ވަގުތު މައިދައިތަ ގޮވުމުން ފޯނު ބާއްވާފައި އަހަރެން ނުކުތީމެވެ. ފަހުން އަނެއްކާ ވެސް އެ ސުވާލުކުރީމެވެ. ރަޔާން އިންކާރުކުރަމުން ފޯނު ދިނެވެ. އެ ފަހަރު ފޯނު ހުޅުވުނެވެ. ހިތަށްއެރިއެވެ. އެ ވީ ކިހިނެއް ހެއްޔެވެ؟ ފުހެލަން ބޭނުންވި ސާމާނު ފުހެފައި، ކުރީގެ ފާސްބަސް އަލުން ޖެހީ ހެއްޔެވެ؟ އެ ކަން ވެސް އެ ހިސާބުން ނިމުނީއެވެ.

ދުވަސްތައް ފާއިތުވެގެންދިޔައީ ބުރު ނޭނގޭހައި އަވަހަށެވެ. ފުރަތަމަ ކުއްޖާ ލިބުނެވެ. ފިރިހެންކުއްޖެކެވެ. ދެވަނަ ކުއްޖާ ލިބުނެވެ. އަންހެންކުއްޖެކެވެ. އާއިލާ ފުރާފުރިހަމަވިއެވެ. ކުދިކުދި ކަންތައް ނުފެނެއެކޭ ނޫނެވެ. ދެމީހުން އެކުގައި ތިއްބައި ރަޔާނަށް ފޯނެއް އަތުވެދާނެއެވެ. އެ ފޯނުން ވާހަކަދައްކަން ރަޔާން ދުރަށްދާންޖެހިދާނެއެވެ. އެއީ އޮފީސްކޯލެކެވެ. ބުނަނީ އެހެންނެވެ. ލަހުން ގެއަށް އައިސް، އައި ތަނެއް ނުވަތަ ކުރި ކަމެއް ބުނެނުދެވިގެން ރަޔާން އެތައް ސަކަރާތެއްޖަހައިފާނެއެވެ. އޮފީސް ދަތުރެއްގައި ކުއްލިއަކަށް ރާއްޖެއިން ބޭރަށް ފުރަންޖެހިދާނެއެވެ. ސަބަބެއް ނެތި ރުޅިގަދަވެދާނެއެވެ. މިލާފައި ހުރެދާނެއެވެ. ދައްކާނީ އޮފީސް ބަހަނާއެކެވެ.

ރޯދަމަހު ރެސްޓޯރަންޓެއްގައި އާއިލީ ރޯދަވީއްލުމެއް އޮތެވެ. ރޯދަވީއްލަން ތިބި އިރު، ރަޔާން އިނީ ކުޑަކޮށް ނުތަނަވަސްވެފައެވެ. އެ ދުވަހަކީ ރަޔާންގެ ރައްޓެއްސެއް އެކުސިޑެންޓުވެގެން އެޑުމިޓުކުރި ދުވަހެކެވެ. އެ ކަމާ ރަޔާން ހުރީ ވަރަށް ދެރަވެފައެވެ. ރަޔާންގެ ނުތަނަވަސްކަމާ އަހަންނަށް ގުޅުވުނީ އެ ކަމެވެ. އެކަމަކު ރަޔާން ވައްކަޅިން އެހެން ދިމާއެއް ބަލާ ތަން އަހަންނަށް ފެނުނެވެ. ރަޔާން ބެލި ދިމާ ބަލާކަށް އަހަންނަކަށް، އެ ވަގުތަކު ނުކެރުނެވެ. ރަޔާން އިނީ އަހަރެންގެ ކުރިމަތީގައެވެ. ދެން ރަޔާންގެ ފޯނަށް މެސެޖު އަންނަން ފެށިއެވެ. އަހަންނަކަށް ނުފެނެއެވެ. ނުވެސް އިވެއެވެ. ފޮނިއެއްޗެހި އަޅަންކަމަށް ހަދައިފައި އަހަރެން ތެދުވީމެވެ. އަހަރެންގެ ފަހަތުގައި ހުރި މޭޒަށް ކަޅިއެއް އެއްލީމެވެ. އެ މޭޒުގައި ތިބިކަމަށް ލަފާކުރެވުނީ އާއިލާއެކެވެ. އެ ތަނުގައި އިނީ، ޒުވާން އެންމެ އަންހެންކުއްޖެކެވެ. ވަރަށް ރީތި ކުއްޖެކެވެ. އެ ވަގުތު ވެސް އޭނަ މެސެޖެއްކޮށްފައި ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ރަޔާނަށް މެސެޖެއް އައި އަޑު އަހަންނަށް އިވުނެވެ. އެއީ އިއްތިފާގެއް ނޫނެވެ.

ހަގު ދަރިފުޅަށް އެއް އަހަރު ފުރުނު ދުވަހެވެ. ރަޔާން ގެއަށް އައީ، އެ ދުވަހު ގެއިން ނުކުތް މޫނަކައިގެނެއް ނޫނެވެ. ފަހަކަށްއައިސް ވަަރަށް ގިނައިން އެހެން ދިމާވެއެވެ. އެކަމަކު، އެ ދުވަހު އަހަރެންގެ ހިތް ބުންޏެވެ. މިއަދަކީ އާދައިގެ ދުވަހެއް ނޫނެވެ. ލިބިދާނެ ޖަވާބަކަށް ބިރުން އަހަރެން ހުރީ ސުވާލެއް ކުރަން ވެސް ނުކެރިފައެވެ.

"އަހަރެން އެބަ ޖެހޭ ނަހުޒާ ވަރިކުރަން،" ބުނަންނުބުނަން އުޅެފައި ރަޔާން ބުންޏެވެ. "ކުދިން ވެސް ގޮވައިގެން ދާންޖެހޭނީ!"

އަހަރެން ބިރުން ތެޅިފޮޅިގަތީމެވެ. ދެކުދިން ތިއްބައި ވަރިނުކުރުމަށް އެދި އާދޭސްކުރީމެވެ. އާއިލާގެ ފުރަތަމަ ވަރީގެ ސިއްކަ އަހަރެންގެ ނިތްކުރީގައި ނުޖެހުމަށް އެދި، ރަޔާންގެ ދެފައި މައްޗަށް ވެއްޓުނީމެވެ. އަހަރެންގެ ކުށެއް އޮތް ނަމަ ބުނެދިނުމަށާއި، ރަނގަޅުކުރާނެކަމުގެ ޔަގީންކަންދިނީމެވެ. ރަޔާން އަޑެއްނޭހިއެވެ.

"ނަހުޒާގެ އެއްވެސް ކުށެއް ނެތް،" ރަޔާން ބުންޏެވެ. "އެހެން މީހަކު ދެކެ އަހަންނަށް ލޯބިވެވުނީ. އޭނަޔާ ވަކިން ދެނެއް ނޫޅެވޭނެ. އަހަރެން ނަހުޒާ ވަރިކޮށްފިން."

ލޯމަރާލައިގެން އެތައް އިރަކު އަހަރެން ހުރީމެވެ. އެއަށް ފަހު، ފޮށްޓަށް އެއްޗެހި އަޅައިގެން، ދެކުދީން ގޮވައިގެން ހިނގައިގަތީމެވެ. ފޮށި ހިފައިގެން ޓެކުސީއާ ހަމައަށް ވެސް ރަޔާން ނަޔެވެ. ގެއަށް ދިޔުމުން އަހަރެންގެ މައިންބަފައިން ކިއީ ހޫނު މަރުހަބާއެކެވެ. އެ މީހުން ދެއްކީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ.

ރަޔާން މިހާރު އުޅެނީ ފަސްވަނަ ކައިވެންޏެއްކޮށްގެންނެވެ. ހައްތަހާ ވެސް ފުރަތަމަ ނަޒަރުން އޭނައަށް ލޯބިވެވުނު އަންހެނުންނެވެ. ލޯބިން މަރުވާވަރުވެގެން ކައިވެނިކުރި މީހުންނެވެ. އެކަމަކު ކައިވެނި ރޫޅޭ އިރު އަހަރު ވެސް ނުވެއެވެ. އެއީ ބައެއް ފިރިންނަށް ޖެހޭ ޒާތެއްގެ ބައްޔެކެވެ. ކަށީގައިހިފާ ކަމެކެވެ. އެ ފަދަ ފިރިޔަކާ އެއްކަކު ނޫޅެވޭނެއެވެ. ދެވަނަ ފުރުސަތެއް ވެސް އެ މީހުންނަށް ދޭނެކަމެއް ނެތެވެ.

ނިމުނީ

5 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 36%
icon angry icon angry 7%
icon wow icon wow 14%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޭކޮކާ

19 June 2022

މީ ދެން ހަމަ ޓިޕކަލް ދިވެހި ފިރިހެނުން ދޯ.... އަބަދުވެސް ލޯބި ވެވިފަ ތިބޭނީ .. ވާންޖެހޭ މީހާދެކެ ދުވަހަކުވެސް ނުވާނެ

The name is already taken The name is available. Register?

ލޯބި ފޯބިޔާ

19 June 2022

ހެހެހެ...އޭނައަށް ލޯބިވެވުނީއެވެ..އަހަންނަށްވެސް ފިރިހެނުން ދެކެ ފޫހިވެވުނީއެވެ..އެއީ ލޯބިވާނެ މީހެއް ނޭނގިގެން ހިފެހެއްޓުމެއް ނެތް ގިރިޓީ ލޯބިވާ މީހުން ގިނަކަމުންނެވެ..މީހަކު ކިތަންމެ ވަރަކަށް ލޯބިވެޔޭ ބުންޏަސް އެކަން ޤަބޫލުކުރަން އުނދަގުލެވެ..ހުދު އަހަރެން ލޯބިވާ މީހާ ދެކެ ލޯބިވާ ވާހަކަ ބުނަންވެސް ޖެހިލުންވެއެވެ..މިހާރު އަހަންނަށްވެސް ޖެހިފަ މިވަނީ ބިރުވެރި ބައްޔެކެވެ..

The name is already taken The name is available. Register?

ޙަދީ

19 June 2022

ސައުންޑްސް ލައިކް މައި އެކްސް! ޙަހަަަހަހަހަހަހަ

The name is already taken The name is available. Register?

ކާށިނާށިކޮރޮޅިއުނބު

19 June 2022

ތީ މިހާރު ދެ ޖިންސްގެ މެދުގަ އޮތް އާއްމު މައްސަލައެއް..ހުރިހާވެސް މައްސަލައަކީ ހަމައެކަނި ލޯބިވެގެން ކައިވެނި ކުރާތީ..އެހެޔޮ އެއްވެސް އުޅުމެއް ނެތް މީހަކު ކަމުުގަވިޔަސް. ކައިވެނިކުރުމަށް ބޭނުންވަނީ ދީންވެރި އަޚްލާޤު ރަނގަޅު ބައިވެރިއެއް..ލޯބި އަންނާނީ ކައިވެނި ކުރުމަށް ފަހު..ޤަބޫލު ކުރަން ބޭނުން ނުވިޔަސް މިފަދަ ކައިވެނި ތަކަކީ ގިނަދުވަހަށް ދެމިގެންދާ ކައިވެނިތައް..ކައިވެނީގެ ކުރިން ލޯބިވެގެން ކުރާ ކައިވެނިތައް ރޫޅޭލެއް އަވަސްކަން ފާހަނގަކޮށްލެވޭ.

The name is already taken The name is available. Register?

ޙޙ2022

19 June 2022

ޔޭ މަ ?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454