22 ޖޫން 2022 - 07:15
އުނިގަހަކީ ނާމާން ގަހެކެވެ. އުނިމަލު ވަހަށް ޖިންނި އަންނާނެއެވެ. މަންމަ ވަރަށް ގިނައިން އެހެން ކިޔައެވެ. ކުރީޒަމާނުގައި ހިނގި ބިރުވެރި ހާދިސާތަކާއި، ކުރި ތަޖުރިބާތައް ވެސް މަންމަމެން ކިޔައެވެ. އާނއެކެވެ. އެއީ މާލޭގައި ގަސް ގިނަ ޒަމާނެވެ. ގޯތީގައި ޖާގަ އޮވެއެވެ. މާގަސް ގިނަކަމުން މަގުތައް އޮންނާނީ އެއްވަސްވެފައެވެ. އެކަމަކު ދެ ހާސް ބާވީސްވަނަ އަހަރާ ހަމައަށް އައި އިރު މާލެއަކީ ވަރަށް ތަފާތު މާލެއެކެވެ. ގަސްމަދު، ގޮނގުރެޓު ޖަންގައްޔެކެވެ. މީހުން ގިނަ، އަޑުގަދަ ކާރުހާނާއެކެވެ. އެއްޗެއް ތޮރުފައި، ތަޅާ އަޑު ނީވޭ ވަގުތެއް ނާދެއެވެ. ދަންވަރެއް، ހުކުރެއް ނޯވެއެވެ. މާލޭގެ ފަޅުކަން ގެއްލުނުތާ ކިތަންމެ ޒަމާނެކެވެ. ގެތައް އުސްވެ، ޖާގަ ކުޑަވެއްޖެއެވެ. ގަސްމުށިގަނޑެއްގައި ވިޔަސް ގަހެއް ބަހައްޓާލެވޭނީ ހާމަފެންޑާއެއް އޮންނަ ގެއެއްގައި އެކަންޏެވެ.
އަހަރެންގެ ގޭގައި ވަރަށް ބޮޑު ހާމަފެންޑާއެއް އޮވެއެވެ. އަހަރެންގެ މައިންބަފައިންނަކީ ގަސް ހެއްދުމަށް ފޯރިހުންނަ ބައެކެވެ. ތަފާތު ކުލަކުލައިގެ މާގަސްތައް އެއްކުރަމުންދިޔަ އިރު، އުނިމަލަކީ ބައްޕަގެ ރައްޓެހިން ބައްޕައަށް ދީފައިވާ ހަދިޔާއެވެ. ހަދިޔާ ގަބޫލުނުކޮށެއް ބައްޕައަކަށް ނުކެރެއެވެ. ފަހުން އެއްލައިލާކަށް ވެސް ނުކެރެއެވެ. ފުރަތަމަ މައްސަލައަކީ އެއީއެވެ. ގޭގައި އާދަޔާހިލާފަށް އުނިމާ ގިނައެވެ. ބޮޑެތި ގަސްމުށިތަކުގައި ހެދިފައި ހުންނަ އުނިމާ ގަސްތަކުގައި މާތައް އޮންނަނީ ބަރާވެފަައެވެ. އެންމެ ފަސޭހައި ހެދި، އެންމެ ގިނަ މާ އަޅަނީ ވެސް އުނިގަހުގައެވެ. އޭގެ ސިއްރެއް އެކަކަށް ވެސް ނޭނގެއެވެ. ވަށައިގެން ބޮޑު ބައެއްގައި ދަގަނޑުޖަހައި، އޭގައި ވެސް ހުންނަނީ ގަސްމުށި އެލުވައިފައެވެ. ދާގަނޑުކެކުރި ވެލަކާއި، މާއަޅާ އެކި ކަހަލަ ވެޔޮތައް ވެސް ހައްދައިފައި އޮވެއެވެ.
އަހަރެންގެ އުމުރުން ތިރީސް ހަތަރު އަހަރެވެ. އަހަރެންގެ ގެއަކީ، ފަސް ފަންގިފިލައަށް ހަދައިފައިވާ ގެއެކެވެ. އަހަރެންގެ ދަރިފުޅު ނާވީއަށް ހަތަރު އަހަރެވެ. ފިރިމީހާގެ ވަޒީފާގެ ގޮތުން އޭނަ ގިނައިން އުޅެނީ ރަށުން ބޭރުގައެވެ. ހަވީރު ފިނިޖެހުމުން ދަރިފުޅު ގޮވައިގެން އަހަރެން ހާމަފެންޑާއަށް އަރަމެވެ. އެ ތަނުގައި އޭނަ ނިކަން ފަރިތަކޮށް ބައިސްކަލާއި ކާރު ދުއްވައެވެ. އަހަރުމެން ފީކޯއިކުޅެމެވެ. ބޮކިއަރުވައި، އެކަކުއަނެކަކު ގަޔަށް ފެންޖަހައި، އުނދޯލިހެއްލައި ހަދަމެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް ވަންނަން ބައްޕަ އޮންނަނީ ބުނެފައެވެ. އެހެނަސް، ބައެއް ދުވަސްދުވަހު އިރުއޮއްސޭ ފަހުން ވެސް ގެއަށް ވަދެވެއެވެ. އެއީ ދެން އެ ވަރު ކަމެއްކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ދެވަނަ މައްސަލައަކީ އެއީއެވެ.
ރޭގަނޑެއްގެ ވަގުތެވެ. ދަރިފުޅު ނާވީ ނިންދަވާފައި އަހަރެން އިނީ ލެޕުޓޮޕު ކައިރީގައެވެ. ބޮޑުކޮޓަރީގައެވެ. މަންމައާއި ބައްޕަ އެ މީހުންގެ ކޮޓަރީގައި އުޅުނު ވަގުތެކެވެ. އޭރު ގަޑިން ރޭގަނޑު ނުވައެއް ޖަހައި އިރުކޮޅެއް ވެއްޖެއެވެ. ގޭގައި އިތުރު މީހަކު ނޫޅޭނެއެވެ. އެ ރޭ ވެސް ފިރިމީހާ ވީ ރަށުން ބޭރުގައެވެ. ކުއްލިއަކަށް އަހަންނަށް އިވެން ފެށީ ދަރިފުޅު ވާހަކަދައްކާ އަޑެވެ. އަހަރެން ހިތަށްއެރިއެވެ. އެހައި އަވަހަށް ނާވީ ހޭލީ ކީއްވެގެންބާއެވެ؟ އޭނައަކީ، ނިންދެވުމަށް ފަހު އެހައި އަވަހަށް ހޭލާ ކުއްޖެއް ނޫނެވެ. އަހަރެން ގޮސް ނާވީ އޮތް ކޮޓަރިއަށް ބޯދިއްކޮށްލީމެވެ. ނާވީ އޮތީ ނިދައިފައެވެ. އަހަރެން ކުޑަކޮށް ހައިރާންވިއެވެ. ދަރިފުޅު ނިދީގައި ވެސް މަދުމަދުން ވާހަކަދައްކައެވެ. ހިތަށްއެރިއެވެ. އެ ކަހަލަ ކަމެއް ދިމާވީ ހެއްޔެވެ؟ އެކަމަކު އަހަންނަށް އަޑުއިވުނީ އެހެން ދިމާއަކުންނެވެ. ހީވި ގޮތެއްކަން ނޭނގެއެވެ. އަހަރެން އަނެއްކާ ވެސް ލެޕުޓޮޕު ކައިރީގައި އިށީނީމެވެ. މަސައްކަތުގެ ތެރެއަށް ވަނީމެވެ. އަނެއްކާ ވެސް ނާވީ ވާހަކަދައްކާ އަޑުއިވެން ފެށިއެވެ. އެ ފަހަރު އަހަރެން ވަރަށް ސަމާލުކަންދީގެން އަޑުއެހީމެވެ. ދަރިފުޅުގެ އަޑު އައީ ކައިރިވަމުންނެވެ. އަޑުއައީ ނާވީ އޮތް ކޮޓަރިޔާ ދިމާއިން ނޫންކަން އަހަންނަށް ޔަގީންވިއެވެ. ނާވީއަކީ ނިދީގައި ހިނގާ ކުއްޖެއް ނޫނެވެ. އަވަސްއަވަހަށް ތެދުވެގެން ގޮސް ދަރިފުޅުގެ ކޮޓަރިއަށް، އަނެއްކާ ވެސް ބޯދިއްކޮށްލީމެވެ. ނާވީ އޮތީ ނިދައިފައެވެ. އެ ވަގުތު އެޕާޓުމަންޓުގެ ރަނގަބީލުޖެހި އަޑުއިވުނެވެ. ހިތަށްއެރިއެވެ. ކާކުބާއެވެ؟ އަހަރެން ދޮރު ހުޅުވީމެވެ. ދޮރުމަތީގައި ހުރީ ފަހަރިއެވެ. ބޭބެގެ އަންހެނުންނެވެ. ބޭބެ އުޅެނީ، ޖެހިގެން ހުރި އެޕާޓުމަންޓުގައެވެ. އެ މީހުންގެ ދަރިޔަކު ހުރެއެވެ. އުމުރުން އަށާރަ އަހަރުގެ އަހުސަންއެވެ.
"އޭ! މި އަހުސަން ބޭރަށް ދާންވެގެން އެހެންވެގެން މީނަ މި ގެނައީ އިނގޭ." ފަހަރި ބުންޏެވެ.
އޭރު އަހަންނަށް އަހުސަނެއް ނުފެނެއެވެ. އަހަންނަށް ފެންނަން ހުރީ ދޮރުމަތީގައި ހުރި ފަހަރި އެކަންޏެވެ.
"ކޯނައެއް؟" އަހަރެން ހައިރާންވެފައި އެހީމެވެ.
"އެހެރީނު!" އިޝާރާތްކުރަމުން ފަހަރި ބުންޏެވެ.
އަހަރެން ދޮރުން ބޭރަށް ބޯދިއްކޮށްލައިފައި ބަލައިލި އިރު އަހުސަން ހުރީ ނާވީ އުރައިގެންނެވެ. ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ހައިރާންވެފައި، ބަލަހައްޓައިގެން ހުރެވުނީއެވެ. ނިދާފައި އޮތީ ވެސް ނާވީއެވެ. އަހުސަން އުރައިގެން ހުރީ ވެސް ނާވީއެވެ. އަހުސަން އައިސް އަހަރެން ކައިރިއަށް ހުއްޓުނެވެ. ނާވީ ހިނގައި، ދުވެހަދާނެއެވެ. އެހެނަސް އަހުސަން ހުރީ ނާވީ އުރާލައިގެންނެވެ. އަހުސަން އުންމީދުކުރީ އަހަރެން ނާވީ އުރާފައި އެތެރޭގައި ބަހައްޓާނެކަމަށެވެ.
"ތީ މައްސަލައެއް!" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.
"ކޮބާ މައްސަލައަކީ؟" ހައިރާންވެފައި އަހުސަން އެހިއެވެ.
ދޭނެ ޖަވާބެއް ނުވަތަ ހަދާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގުނެވެ. އަހުސަން އުރައިގެންހުރީ އަހަރެންގެ ދަރިފުޅެވެ. އެއްވެސް ތަފާތެއް ނެތެވެ. އޭނަ ލައިގެންހުރީ ވެސް އާންމުކޮށް އޭނަ ލާ ޓީޝާޓަކާއި ސޯޓެކެވެ.
"ބައްޕާ!" ރާގެއް ލައިފައި އަހަރެން ގޮވައިލީމެވެ. "އާދެބަލަ!"
އަހަރެން ގޮވައިލި ރާގުން ބައްޕަ ވަގުތުން ކޮޓަރިން ނުކުމެގެން އައެވެ. ދޮރުމަތީގައި ހުރި އަހުސަނަށް ބަލައިލިއެވެ.
"މީ މައްސަލައެއްނު!" ކުޑަކޮށް ބިރުގެންފައި އަހަރެން ބުނީމެވެ.
"ތީ މައްސަލައެއް،" ބައްޕަ ވެސް ބުންޏެވެ. "ވަރަށް ބޮޑު މައްސަލައެއް."
އަހަރެން ދަރިފުޅު ނިންދެވި އިރު ބައްޕަ ވެސް އެނދުގައި އިނެވެ. ނާވީ ނިދުމުން އަހަރުމެން ކޮޓަރިން ނުކުތީ އެކުއެކީގައެވެ.
"ކޮން އިރަކު ނާވީ ތި ބަޔަށް ދިޔައީ؟" ބައްޕަ އެހިއެވެ.
"ބަންގިގޮވައި ނިމުނު ތަނާ ދޮރުގަ ޓަކިޖެހީ،" ފަހަރި ކިޔައިދިނެވެ. "އަހަރެން ދޮރުހުޅުވާލި އިރު މީނަ އެކަނި ހުރީ. އަހަރެން ކުޑަކޮށް ހައިރާން ވެސް ވި މީނަ އެކަނި ހުރީމަ. އަހަރެން ފެންނަ އިރަށް ބުނެފި އަންކަލް ހޯދާށޯ މިއައީ. ދެން އަހަރެން އޭނަ ވައްދާފަ އަހުސަންއަށް ގޮވީމަ، މިޔޮއް ހުރިހާ އިރު ދެ މީހުން ކުޅެން ތިބީ. ދެންމެ ގެއިން ގުޅާފަ އަންނަން ބުނީމަ މި ކުއްޖާ މި ގެނައީ ވެސް. ގެންނަ ހިތަކުން ނޫން މި ގެނައީ. ކޮބައިތަ މައްސަލައަކީ؟"
އަހަރެން ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަނީމެވެ. ދަރިފުޅު ނިދާފައި އޮއްވައި ނެގީމެވެ. ނަގައިގެން ގޮސް ފަހަރިޔަށް ދައްކައިލީމެވެ.
"މީ މައްސަލައަކީ." އަހަރެން ބުނީމެވެ.
ފަހަރި ދިޔައީ ސިއްސައިގެންނެވެ. އެއް ފަހަރު އަހުސަން އުރައިގެން ހުރި ކުއްޖާއަށް، އަނެއް ފަހަރު އަހަރެން އުރައިގެން ހުރި ކުއްޖާއަށް ބަލައިލިއެވެ. އަހުސަން ވެސް ހައިރާންވިއެވެ.
"ތީ މައްސަލައެއްނު،" އަހުސަނާ ދިމާއަށް ފަހަރި ބުންޏެވެ. "ތި ކުއްޖާ އަވަހަށް ބަހައްޓާ!"
އަހުސަން ވެސް ކުޑަކޮށް ބިރުގެންފައި އެ ކުއްޖާ ބެހެއްޓިއެވެ. އޭނަ ވަގުތުން އަހަންނާ ދިމާއަށް އަތްދިއްކޮށްލިއެވެ. އުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އެއީ ހަމަ އަހަރެންގެ ދަރިފުޅެވެ. ދެކޮޅުހަދާނީ ކިހިނެއް ހެއްޔެވެ؟ ހިތަށްއެރިއެވެ. ބަރުދަނުގައި ތަފާތެއް ހުރެދާނެ ހެއްޔެވެ؟ ހުރެއްޖެއްޔާ އަސްލު ދަރިފުޅަކީ ކާކުކަން އެނގުނީއެވެ.
"ބައްޕަ އުރާބަލަ މީނަ." ނާވީ ދެމުން އަހަރެން ބުނީމެވެ.
"އުހުނ! ބައްޕަ އުރާނަން އޭނަ،" ބައްޕަ ބުންޏެވެ. "އަވަހަށް އާދޭ ދަރިފުޅާ!"
ބައްޕަ އެހެން ބުނުމާއެކު ބައްޕަޔާ ދިމާއަށް އެ ކުއްޖާ އެނބުރުނެވެ.
"ހުތްގަބުޅިޔާ!" އާދައިގެމަތިން ނާވީ އުރާ އިރު ކިޔާ އެތި ބައްޕަ ކިޔެވެ.
އެ ކުއްޖާ އުރުމާއިއެކު، ނާވީ ވާހަކަދައްކާހެން އެ ކުއްޖާ ވެސް ބައްޕަޔާ ވާހަކަދައްކަން ފެށިއެވެ. ދިވެއްސާއި އިނގެރޭސި މަސްހުނިކޮށްގެންނެވެ. ބައްޕައަށް ކިއީ ކާކައެވެ. ބައްޕައަށް ނާވީ ވެސް ކިޔާނީ ކާކައެވެ. ކާފައެއް ނޫނެވެ. އަހަރެން އުރައިގެން ހުރި ނާވީ އޭރު ވެސް އޮތީ ނިދައިފައެވެ. ނާވީއަކީ ފަސޭހައިން ހޭލާ ކުއްޖެއް ނޫނެވެ.
"ދަރިފުޅު ކޮން ތާކުން ތި އައީ؟" ބައްޕަ ވާހަކަދެއްކީ ދިވެހިބަހުންނެވެ.
ނާވީއަށް ދިވެހިބަސް އެނގޭނެއެވެ. އެހެނަސް ޖަވާބުދޭނީ އިނގެރޭސިބަހުންނެވެ. އެ ކުއްޖާ ވެސް ކަންތައްކުރީ ހަމަ އެހެންނެވެ.
"އަންކަލްއާ އެއްކޮށް ކުޅެން އިނީ." އިނގެރޭސިން އެ ކުއްޖާ ބުންޏެވެ.
އެހެން ބުނެފައި އެ ކުއްޖާ ބަލައިލީ ނާވީއަށެވެ.
"ހޫ އިޒް ދެޓް؟" އެ ކުއްޖާ އެހިއެވެ.
"އޭނަ ހޭލައްވާލަބަލަ!" ބައްޕަ އެދުނެވެ.
ނާވީއަކީ، ނިދާ ވަގުތު ވަރަށް ގަދައަށް ނިދާ ކުއްޖެކެވެ. ދެތިން ގަޑިއިރު ފަހުން ނިދި މަޑުވާނެއެވެ. އެކަމަކު އޭރު ނިންދެވިތާ ގަޑިއެއްގެ އިރު ވެސް ނުވެއެވެ. އަހަރެން ވަރަށް މަސައްކަތުން ނާވީއަށް ގޮވައި ހޭލެއްވީމެވެ. އެހައި އަވަހަށް ހޭލެއްވުމުން ނާވީ ހިތްހަމަނުޖެހުނެވެ.
"މަންމާ! އަހަރެން ނިދަން ބާއްވަބަލަ!" ބޮޑާހާކާ ރާގެއްގައި، އިނގެރޭސިބަހުން ނާވީ ބުންޏެވެ.
އެ ވަގުތު މަންމައަށް ބައްޕަ ގޮވިއެވެ. މަންމަ އައެވެ. ދެ ނާވީ ފެނުމާ އެކު މަންމަ ވެސް ދިޔައީ ސިއްސައިގެންނެވެ.
"އޭ! ކިހިނެއް ތި ވަނީ؟" މަންމަ ބުންޏެވެ. "ތީ ކޮން ތާކުން އައި ކުއްޖެއް؟"
އެ ސުވާލަކަށް އެކަކަށް ވެސް ޖަވާބެއް ނުދެވުނެވެ. ހައިރާންވެފައި ތިބީއެވެ. ދިމާވެގެން މި އުޅެނީ، ދުވަހަކު ވެސް ދިމާވި ކަމެއް ނޫނެވެ.
"މަ ބުނަން ހަދަންވީ ގޮތް؟" ފަހަރިޔާ ދިމާއަށް މަންމަ ބުންޏެވެ. "ނަޒްދާ ދޭ!"
"އަސްލު ވެސް؟" ފަހަރި އެހިއެވެ. "ޔަގީން؟"
މަންމަ ބޯޖަހައިލުމުން ފަހަރިޔާއި އަހުސަން ދިޔައެވެ. މަންމަ ދޮރު ލެއްޕިއެވެ. އޭރު ވެސް އަހަރެން އުރައިގެންހުރި ނާވީ މައްސަލަޖައްސަނީއެވެ. ނިދިން ހޭލެއްވީތީއެވެ. ބައްޕަ އުރައިގެންހުރި ނާވީ، ހުއްޓައިނުލައި ބައްޕަޔާ ވާހަކަދައްކަނީއެވެ. އެ އަޑުގައި ވެސް، ރާގުގައި ވެސް ތަފާތެއް ނެތެވެ.
"އަހަރެން ކިޔަވަން ފަށަނީ." މަންމަ ބުންޏެވެ.
ނުނިމޭ
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުންނާޒިމް
25 June 2022
މީ ދެން ހަމަ އިމްޕޮސިބަލް. ނުގަބޫލު ކުރެވޭ. ޚިހިނެއް ވާނެ ކަމެއް މީ!!!!ބިންބިމާ ވެސް ތަންކޮޅެއް ބޮޑުވަރުމީ ދޯ!!!
ވާހަކަ
23 June 2022
ވާހަކައިގެ އަނެއްބައި އަވަހަށް ފޮނުވާ! އިޓްސް އިންޓްރެސްޓިންގ
މަބަލްދީބް
22 June 2022
ރިއަލީ؟ މީ އެބައުޅޭ މިބައުޅޭ ވާހަކައެއްތަ؟
ޕިޔާ
22 June 2022
މަލްޓިވާރސް ވާހަކައެއްތަ؟؟
މާ ބިރޭ
22 June 2022
ވަޓް ދަ ފިޝް!!!!!!!!!
މީހު
22 June 2022
ވަޓް ދަ ހެކް.
ޙޙ2022
22 June 2022
ޢޯ ހޮރޯއެއްދޯ... ބޮއިހަލަކި