ޓްވިންކަލް އާއި ޝާއީގެ "ރޮވޭނެހޭ" މިހާރު ބަލާލެވޭނެ

ޓްވިންކަލް އާއި ޝާއީ ބުނީ އަނެއްކާ ވެސް ލަސްނުކޮށް، އާ ލަވައެއް ފޭނުންނަށް ގެނެސް ދޭނެ ކަމަށް.

ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ދެ އަންހެން ކުއްޖެއްގެ ލަވައެއްގެ ވާހަކަ މީގެ ދުވަސްތަކެއް ކުރިން އަޑު އަހާފައި ވާނެ އެވެ. އެއީ ޓްވިންކަލް ޝަރީފާއި ޝާއީ ޝަރީފްގެ ވާހަކަ އެވެ.

މި ދެ ކުދިން ސައުންޑްކުލައުޑްގައި އެހުންތެރިންނަށް ދޫކޮށްލި ލަވަ "ރޮވޭނެހޭ" އަކީ އާންމުންނަށް ވަރަށް ކަމުދިޔަ ލަވައަކަށްވި އެވެ. އެކަމަކު އޯޑިއޯ ލަވައެއްގެ ގޮތުގައި ލަވަ ރިލީޒްކޮށްފައި ނިންމައިލިކީ ނޫނެވެ.

ކުރިން ވެސް ޓްވިންކަލް އާއި ޝާއީ ވަނީ އެ ލަވަ ވީޑިއޯ ގެނެސް ދޭނެ ކަމަށް ވައުދުވެފަ އެވެ. މިހާރު މިއޮތީ އެ ވައުދު ފުއްދައިފަ އެވެ.

ސިންގަޕޫރުގެ ރޭގަނޑުގެ މަންޒަރުތަކެއް ދައްކުވައިދޭ "ރޮވޭނެހޭ" ގެ ވީޑިއޯ ލަވަ، ފޭނުންނަށް މިހާރު ވަނީ ދައްކާލައިފަ އެވެ.

މިއީ ދޮޅު މަހެއްހާ ދުވަހުގެ މަސައްކަތެވެ. ޓްވިންކަލް އާއި ޝާއީ ފެނިގެންދާ މި ލަވަ ތައްޔާރުކޮށްފައި ވަނީ ސިންގަޕޫރުގެ ސްޓޯޑިއަކާ ގުޅިގެންނެވެ. މި މަސައްކަތުގައި އިސްކޮށް ހުރީ މާކަސް ޗުއާ އެވެ.

ޓްވިންކަލް ބުނީ ލަވަ އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މިއީ އަހަރެމެންގެ މިފަދަ ފުރަތަމަ މަސައްކަތާ ބަލާފައި ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" އެކައުންޓްސް ޑިވެލޮޕްމަންޓް އެގްޒެކެޓިވެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓްވިންކަލް ބުންޏެވެ. "އުންމީދު ކުރަނީ އެންމެންނަށް ވެސް ލަވަ ކަމުދާނެ ކަމަށް."

ޓްވިންކަލް އާއި ޝާއީގެ އަޑުން ކިޔައި ދީފައިވާ "ރޮވޭނޭހޭ" ލަވައަކީ ހަމަ އެ ނަމުގައި އެ ދެ މީހުން ހަދަމުން އަންނަ އަލްބަމެއްގެ ލަވައެކެވެ.

"ބަލާނަން މީގެ ދެވަނަ ލަވަ ވެސް ފޭނުންނާ ހަމައަށް ލަސްނުކޮށް ގެނެވޭތޯ،" އަމިއްލަ އަށް މިއުޒިކް ހަދައި، ޅެން ވެސް ހަދަން ޝައުގުވެރިކަން ހުންނަ ޓްވިންކަލް ބުންޏެވެ.

"ރޮވޭނޭހޭ" ލަވައިގައި ކިޔައި ދެނީ ލޯބީގައި ދީވާނާވެފައިވާ މީހެއްގެ އުދާސްތަކެވެ. ލަވައިގެ ވީޑިއޯ ވެސް ހަދާފައި ވަނީ ލަވައިގައި ބުނާ އެއްޗަކާ ގުޅޭ ގޮތަށެވެ.

ލަވައިގައި ޓްވިންކަލް އާއި ޝާއީ ފެންނަނީ އެ މީހުންގެ އުދާސްތައް، އަސަރާ އެކު ބަންޑުން ކުރަމުންދާ ތަނެވެ.

ކިތަންމެ ދުރުން ޝާއީ އާއި ޓްވިންކަލް "ރޮވޭނެހޭ" އެހިޔަސް، ބޭރުގައި ތިބި ދިވެހި ދެ ފަންނާނެއްގެ މި ލަވަ ދިވެހިން ބަލައި ގަންނާނެ އެވެ. ލަވަ ހަމަ ވަރަށް ފުރިހަމަ އެވެ.