މުނިފޫހިފިލުވުން / ވާހަކަ

ޝުކުރު

ބުދަ ދުވަހާ ގުޅޭ

"ގަދަކަމުން ރާމިޒާ ގޮވައިގެން ރަށަށް ހިނގައްޖެ!" ވަރަށް ހިތްހަމަނުޖެހިފައި ރާމިޒާގެ މަންމަ ބުންޏެވެ.

"ގަދަކަމުންނޭ؟" އަހަންނަށް ބުނެވުނެވެ. "ކާކު އޭނަ ގަދަކަމުން ގެންދިޔައީ؟"

"އޭނަގެ ބަފާ! އެހެން ކާކު؟" ރާމިޒާގެ މަންމަ ބުންޏެވެ. "ހައިބާއަށް ކުއްޖާ ދޭނެ ވާހަކަ ބުނީމަ ދެމައިން ގޮވައިގެން އެ ރައްކާވީ. އޭނަ ބޭނުމެއް ނޫން ހައިބާއަށް ކުއްޖާ ދޭކަށް."

އެ ހިސާބުން އަހަރެންނަށް ވީ ގޮތް ވެސް ނޭނގެއެވެ. ތަންތަނުގައި ހިފާއްޓަމުން ނުކުމެގެން އައިސް ގެއަށް ވަނީމެވެ. އެނދުގައި އިށީނދެލައިގެން ވިސްނަން އިނީމެވެ. ލިބިފައިވާ ކުދިންނަކަށް އަހަރެންގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ހިތް އުފައްދަނީ އެންމެ ސުވާލެކެވެ. ދެން ފިރިހެންކުއްޖަކު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ފެންނަނީ މާހިދުގެ ތުއްތު މޫނެވެ. އޭނަގެ ހިނިތުންވުމެވެ. އަހަންނަކަށް ކަރުނައެއް ނުހިފޭއްޓެއެވެ. ހީވަނީ މާހިދު ރޯލާ އަޑު ގާތުން އިވޭހެންނެވެ. ރާމިޒާއަށް ގުޅަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ކާމިޔާބެއް ނުވިއެވެ. އޭނައަށް އަހަންނާ ގުޅުނަ ނުދޭން އޭނަގެ ބައްޕައަށް ކުރެވުނު ހުރިހައި ކަމެއް ހުރީ ކޮށްފައެވެ.

އަލްވާން ގެއަށް އައި އިރު އަހަރެންގެ ހާލު ވަރަށް ބޮޑެވެ. ވީ ގޮތް ކިޔައިދެވުނީ ވެސް ވަރަށް މަސައްކަތުންނެވެ. ރާމިޒާއަށް ގުޅަން އަލްވާން ވެސް މަސައްކަތްކުރިއެވެ. ޖެހުނީ އެއްތާކުއެވެ. ފިރިމީހާ ކިހައި ލޯބިވާކަން އެނގެނީ، އޭނައަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ ކަމެއް، އަނބިމީހާއަށް ޓަކައި ކޮށްދޭންޖެހޭ ހާލަތެއް މެދުވެރިވާ ވަގުތުއެވެ. އަހަންނަށް ދިމާވީ އެ ކަހަލަ ކަމެކެވެ. ފިރިހެންކުއްޖަކު ހޯދުން އަލްވާނަށް މުހިންމެއް ނޫނެވެ. އޭނަގެ ޝައުގުވެރިކަމެއް ވެސް ނެތެވެ. އެހެނަސް، އަހަރެން ދެރަވެފައި ހުރި ވަރުން ރާމިޒާގެ ރަށަށް ދާން ވެސް އަލްވާން ހުރީ ތައްޔާރަށެވެ. އަހަރެން އެއްބަސްނުވީއެވެ. މީހެއްގެ ދަރިއެއް ގަދަކަމަކުން ނުގެނެވޭނެއެވެ. އެ ކުއްޖާގެ ކާފަޔާ ދެކޮޅަށް އަހަރެންނަށް ހެދޭނީ ކޮން ގަދައެއް ހެއްޔެވެ؟

އަހަރެންގެ ބުއްދި ގޯސްވާން ފެށިއެވެ. ދައްކާ ވާހަކަ ހަމަނުޖެހެން ފެށިއެވެ. އަހަރެންގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. އަހަންނަކަށް ނުކެވެއެވެ. ހޭލާހުންނަ އިރު ވެސް، ނިދީމައި ވެސް އަހަންނަށް ފެންނަނީ މާހިދެވެ. އޭނަގެ ލޯބިލޯބި ހިނިތުންވުމެވެ. ބަލަހައްޓައިގެން އޮންނަ ގޮތެވެ. އަހަރެންގެ ކަމަކީ ރާމިޒާގެ ގެއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ރުއިމެވެ. އަލްވާނާއި އޭނަގެ މައިންބަފައިން ވެސް ވަރަށް ކަންބޮޑުވިއެވެ. އަހަރެންގެ ދަރިން އެބަ ތިބިކަން އަހަންނަށް ހަނދާންކޮށްދިނެވެ. ނުރޯން އަހަރެން ހިތްވަރުކުރަމެވެ. ލޮލުން ކަރުނަ ނުހިކެންޏާ އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ އަހަރެން އެނދުން ނަގައިގެން، އަހަރެން ގޮވައިގެން ސައިކަލުދުއްވައިލަން ދާން ވެސް އަލްވާން މަސައްކަތްކުރިއެވެ. އެއްފަހަރު އަހަރެން ދިޔައިން ވެސް މެއެވެ. މަގުމަތިން ފެންނަނީ މާ ހިތްދަތި މަންޒަރެކެވެ. އެކި އުމުރުގެ ފިރިހެންކުދިން ގޮވައިގެން އެ ކުދިންގެ މަންމަމެން އުޅޭ ތަން ބަލާނީ ކިހިނެއް ހެއްޔެވެ؟ ނުބަލާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ބޮލުގަރިއްސައެވެ. ގައިގަ ރިއްސައެވެ. ހޮސްޕިޓަލަށް ދިޔުމުން ޑަކުޓަރު ބުނަނީ އަހަންނަށް ދޭނެ ބޭހެއް ނެތްކަމުގައެވެ. ފަރުވާއަކީ ހިތްހަމަޖެހުންކަމުގައެވެ. އެ ކަން ކުރެވޭނެ މީހަކު ނެތެވެ. ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

އަހަރެންގެ އެ ބަލިގަނޑާ ބެހޭ ގޮތުން ހިސާބުގަނޑު އެންމެނަށް އެނގެން ފެށިއެވެ. ހަގީގަތް ގަބޫލުކުރަން އަހަރެން ވަރަށް ބޭނުމެވެ. މާހިދަކީ އަހަރެންގެ ދަރިއެއް ނޫނެވެ. އޭނަ ގެންދިޔައީ އޭނަގެ މަންމައެވެ. މައްސަލައަކީ އަހަރެންގެ ހިތަށް ކުޅަދާނަ ނުވުމެވެ. އެ ބަލިގަނޑުން ރަނގަޅުވާން އަހަރެން ނުކުރާކަމެއް ނޯންނާނެއެވެ. ދުއާކުރީމެވެ. ފާލުބެލީމެވެ. ފާލުބެލިމީހާ ބުނީ ހައިރާންވާ ކަހަލަ އެއްްޗެވެ. އޭނަ ބުނި ގޮތުގައި، ފިރިހެންކުއްޖެއްގެ ފަރާތުން އަހަންނަށް މަންމައެއްގެ ޝަރަފުލިބޭނެއެވެ. ނުލިބޭނީ ލޮލަށް ލިބެންޖެހޭ ފިނިކަމެވެ. އެއީ ކޮން ކަހަލަ ޖަވާބެއް ހެއްޔެވެ؟

އަހަރެން އުޅެނީ ވަޒީފާއެއްގައެވެ. އެކަމަކު، ދިމާވި ކަންތަކުގެ ސަބަބުން ގިނަ ދުވަހު ވަޒީފާއަކަށް ނުދެވެއެވެ. އަހަރެންގެ ހާލުބަލަން އޮފީސް އެކުވެރިން ގުޅައެވެ. ތައުފީގު ވެސް ގުޅައެވެ. ތައުފީގަކީ އަހަރެން ބައްޕަ އުމުރުގެ މީހެކެވެ. އަހަންނަށް ވަރަށް ހެޔޮ މީހެކެވެ. އޭނަގެ ހުންނަނީ އެންމެ އަންހެންދަރިއެކެވެ. އެއީ އުމުރުން ފަންސަވީސް އަހަރުގެ މަލްސާއެވެ. އެ ދަރިފުޅާ އަހަންނާ ވައްތަރު ގޮތެއް ހުންނަކަމަށް ތައުފީގު އަބަދު ވެސް ބުނެއެވެ. އާއިލީ ގޮތުން އަހަންނާ އެއްވެސް ގުޅުމެއް ނެތަސް، އަހަރެން ދެކެ ތައުފީގު ލޯބިވަނީ ދަރިއެއްގެ ހައިސިއްޔަތުންނެވެ. އޭނަ ބުނަނީ އެހެންނެވެ.

މާޒީއަށް ބަލައިލާ އިރު، މަލްސާއަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިގެން ބޮޑުވި ކުއްޖެކެވެ. އުމުރުން ނުވަ އަހަރުގައި މަލްސާގެ މަންމަ ނިޔާވިއެވެ. ދަރިފުޅުގެ ހުރިހާ ޒިންމާއެއް އުފުލީ ތައުފީގެވެ. ތައުފީގު މީހަކާނީނދެއެވެ. މަލްސާއަށް ގެންނަ ދޮންމަންމަ ހެޔޮނުވެދާނެތީއެވެ. މަލްސާ މޮޅަށް ކިޔަވައި، އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނި، ބޭރަށް ކިޔަވަންދިޔުމުން މަލްސާއާ އެކުގައި ތައުފީގު ދިޔައެވެ. މަލްސާ އެދުނީމައެވެ. ކިޔަވައިގެން މޮޅަށް ފާސްވެގެން މާލެއައިސް މަލްސާ އިނީ ސިފައިންގެ މަތީ މަގާމެއްގެ މީހަކާއެވެ. އުމުރުގެ ގޮތުން ތިން އަހަރު ތަފާތު ހުއްޓަސް، އެ ނިންމުމަކީ ވެސް މަލްސާ އަމިއްލައަށް ނިންމި ނިންމުމެކެވެ. ކައިވެނިކޮށްގެން މަލްސާ ދިޔައީ ފިރިމީހާގެ ގެއަށެވެ. މައްސަލަ ނުކުންނަން ފެށީ އެ ހިސާބުންނެވެ.

މަލްސާގެ ފިރިމީހާއަކީ ގޯސް މީހެއް ނޫނެވެ. އިންތިހާއަށް މަލްސާ ދެކެ ލޯބިވެއެވެ. އެކަމަކު ވަޒީފާގެ ސަބަބުން ފިރިމީހާ އަބަދު ވެސް އޮންނަނީ ކޯހަކަށް ފުރަން ޖެހިފައެވެ. މާލޭގައި ހުރެވޭ ދުވަސްކޮޅު ވެސް މަލްސާއަކަށް ވަގުތެއް ނުދެވެއެވެ. ފިރިމީހާއަށް ހަމަ ވަގުތު ނުވަނީއެވެ. އެ ކަމާ ފިރިމީހާ ވެސް ކަންބޮޑުވެއެވެ. އެކަމަކު އެ ދުވަސްވަރަކީ ސިޔާސީ ގޮތުން ރާއްޖޭގެ މަސްރަހު ވަރަށް ހަލަބޮލި ދުވަސްވަރެކެވެ. ސިފައިންނަށް ޗުއްޓީއެއް ނުލިބެއެވެ. ގިނަ ވަގުތު އުޅެންޖެހެނީ ޑިއުޓީގައެވެ. މާލޭގައި އެއްވުންތައް ގިނައެވެ. ހަމަނުޖެހުން ހިނގައެވެ. ފުލުހުންގެ އިތުރަށް ސިފައިން ވެސް ނުކުންނަން ޖެހެއެވެ.

އެކަނިވެރިކަން ކުރިމަތިވުމުން މަލްސާ އާ ރައްޓެހިން ހޯދިއެވެ. ރަނގަޅު ރައްޓެހިންނެއް ނޫނެވެ. ހެޔޮއެދޭ މީހުނެއް ވެސް ނޫނެވެ. ބައްޕަ ދިން ތަރުބިއްޔަތު ހަނދާންނައްތާލައި، އެކުވެރިން ދިން ވަގުތީ އުފަލުގައި މަލްސާ ހައްޔަރުވިއެވެ. ކައިވެނި ރޫޅުނެވެ. މަލްސާގެ ގެއަކަށް ރިހެބު ވިއެވެ. ދެން ކައިވެނިކުރަން މަލްސާއަށް އިހުތިޔާރުކުރެވުނީ ވެސް އެކުވެރިންގެ ތެރެއިން މީހެކެވެ. ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. ދަރިފުޅަށް ޓަކައި ދޫދީގެން ހުރި ތައުފީގަށް ފެންނަމުންދިޔައީ އަސަރުކުރަނިވި މަންޒަރުތަކެކެވެ. ފޮޅުވަތަކުން މަލްސާގެ މާޒީ ކިޔައިދޭ ނަމަ، ވީ ގޮތަކީ އެއީއެވެ.

އެއްދުވަހަކު ތައުފީގުގެ ފޯނެއް އައެވެ. ރޭގަނޑު ވަގުތެއްގައެވެ. އެހެންޏާ ދުވަހަކު ވެސް އެ ގަޑިއަކު ތައުފީގެއް ނުގުޅާނެއެވެ.

"ބިޒީ ނޫނިއްޔާ މި ގެއަށް ޖައްސާލަދީބަލަ!" ތައުފީގު އެދުނެވެ.

އޭނަގެ އަޑާއި، ވާހަކަދެއްކި ރާގު ވެސް ތަފާތެވެ. އަހަރެން ހިތަށްއެރިއެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެކަނި އެ ގެއަށް ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އެކަމަކު ތައުފީގު ގާތުގައި ނުބުނެ އެހެން މީހަކު ގެންދިޔުމަކީ ވެސް ރީތި ގޮތެއް ނޫނެވެ. އަހަރެންގެ ދަރިން މައިދައިތަޔާ ހަވާލުކޮށްފައި، އަލްވާނާ އެކުގައި އެ ގެއަށް ދިޔައީމެވެ. ތައުފީގަކީ މެދު ފަންތީގެ މީހެކެވެ. ގޭތެރެ ތަނަވަހެވެ. އެހެނަސް ފަޅެވެ. ދިރުމެއް ނެތެވެ. ތައުފީގަށް އަލްވާން އެނގޭނެއެވެ. އަލްވާން ފެނުމާ އެކު ތައުފީގު ސަލާންކުރިއެވެ. ސޯފާގައި އިށީނުމަށް އެދުނެވެ. އޭރު ވެސް، ވެގެން އުޅޭ ގޮތެއް އަހަރުމެންނަކަށް ނޭނގެއެވެ. ތައުފީގު އެތެރެއަށް ވަނެވެ. ދެން ފެނުނީ ހައިރާންވާ ކަހަލަ މަންޒަރެކެވެ. އަހަންނަށް މަޑުމަޑުން ތެދުވެވުނެވެ.

"އުރާލަބަލަ!" ތުއްތު ކުއްޖަކު އަހަންނަށް ދިއްކޮށްލަމުން ތައުފީގު ބުންޏެވެ.

އަހަރެން އެ ކުއްޖާ އުރީމެވެ. އެއީ ފިރިހެންކުއްޖެކެވެ. ވަރަށް ލޯބިލޯބި ކުއްޖެކެވެ.

"މަލްސާއަކަށް ތި ކުއްޖާއެއް ނުބެލޭނެ،" ތައުފީގު ފެންކަޅިވަމުން ބުންޏެވެ. "ދުވާލަކު އެތައް ފަހަރަކު އެބަ ބުނޭ އުސައިދެއް ނުބެލޭނޭ. ތި ކުއްޖާއަށް ކިޔަނީ އުސައިދު. ތީ ބޭނުންވެގެން ހޯދި ކުއްޖެއް ނޫން. މަލްސާ ވަރިކުރި އިރު މަލްސާއަކަށް ވެސް ނޭނގޭ ބަނޑުބޮޑުކަމެއް."

"ދެން އަހަންނަށް މި ކުއްޖާ ދޭންވީނު." އަހަރެން ބުނީމެވެ.

"ދޭންވެގެންނޭ މި ގެނައީ،" ތައުފީގު ބުންޏެވެ. "ގެންދޭ! އަހަރެން ހަރަދު ވެސް ދޭނަން. އެ ކަމާ ވިސްނާކަށް ނުޖެހޭނެ."

އަހަރެން ބޭނުންވީ ކުއްޖާ ގޮވައިގެން ވަގުތުން ނުކުންނާށެވެ. އެހެނަސް، ކުރިން ކުރެވުނު ތަޖުރިބާގެ އެކި ހަނދާންތައް އަހަރެން ލޯކުރިމަތީގައި ފިޔަޖަހައިލިއެވެ. މާހިދު ލިބުނު ގޮތާއި އޭނަ ގެއްލުނު ގޮތެވެ.

"މި ފަހަރަކު މިހެނެއް ނުގެންދާނަން،" އަހަރެން ބުނީމެވެ. "ދެންޏާ ދޭންވާނީ ކޯޓު މެދުވެރިކޮށް."

"އެއީ ތެދެއް،" އަލްވާން ވެސް އަހަންނަށް ހިތްވަރުދިނެވެ. "ރަސްމީކޮށް މި ކަން ދާންޖެހޭނީ. މިހާރު އޮވޭ އުސޫލެއް."

ތައުފީގު އެއްބަސްވިއެވެ. އެހެން މައްސަލައެއް ވެސް ފެންމަތިކުރިއެވެ. ތައުފީގު ބޭނުންވަނީ ހުރިހައި ހަގީގަތެއް ކިޔައިދޭށެވެ.

"ކުރިން ބުނިހެން، ވަރިކުރި އިރަކު ނޭނގެ ބަނޑުބޮޑުކަމެއް. އޭގެ ނުވަ މަސް ފަހުން ވިހެއީ،" ތައުފީގު ކިޔައިދިނެވެ. "ކުރީގެ ފިރިމީހާ އޭނަގެ ދަރިއެއްކަމަށް ސޮޔެއް ނުކުރި. އޭނަ ބުނަނީ މަލްސާއަކީ ވިޔާނުދާ ކުއްޖެކޭ. އެހެން މީހެއްގެ ދަރިޔަކަށް ވެސް ވެދާނެ ނޫންހޭ؟ އެ ހުންނަނީ ހަރަދު ދޭން ޖެހިދާނެތީ އެއިން ރެކެން ދައްކާ ވާހަކަ. އަހަރެން ވެސް އެއްބަސް މަލްސާއަކީ މިހާރު ވިޔާނުދާ ކުއްޖެއް. އެކަމަކު އެ ބުނާހާ ވިޔާނުދާ ކުއްޖެއް ނޫން. ދެން ކޮންމެ ގޮތެއް ވިޔަސް އުސައިދުގެ ބައްޕަގެ ރުހުން ހޯދާކަށް ނުޖެހޭނެ. މަލްސާ ބޭނުން މިއަދު ވެސް ތި ކުއްޖާ މީހަކާ ހަވާލުކުރަން."

ތައުފީގު ހުރީ ސޮއިކުރަންޖެހޭ ހުރިހައި ލިޔުމެއްގައި ސޮއިކުރާ ގޮތަށެވެ. އެ ވަރަކުން އަހަންނަކަށް ނުފުދުނެވެ.

"ތައުފީގުގެ ވާހަކަ ގަބޫލުނުކުރަނީކީ ނޫން. އެކަމަކު، އަހަރެން ބޭނުން ފޭސް ޓު ފޭސްކޮށް މަލްސާޔާ ވާހަކަދައްކަން،" އަހަރެން އެދުނީމެވެ. "އޭނަ އެބަ އުޅޭތަ؟"

ތައުފީގަށް ކުޑަކޮށް އުނދަގޫވިއެވެ. އެހެނަސް މަލްސާ ކުރިމައްޗަށް އަހަރުމެން ގެންދިޔައެވެ.

"މަލްސާއަށް އޯކޭތަ މި ބޭބީ ގެންދިޔަސް؟" އަހަރެން އެހީމެވެ.

ނުނިމޭ

8 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޖެކޮއެ

31 July 2022

ކޯޓު މެދުވެރިކޮށް ތި ކުއްޖާ ހޯދިއަސް ތި ކުއްޖާ ބާލިޣު ވީމަ ތި ކުއްޖާ ވެސް ވާނީ ހައިބާ އަށް އަދި ހައިބާގެ އަންހެން ދަރިންނަށް ހިލޭ ފިރިހެނަކަށް. މަހްރަމަކަށް ނުވާނެ. ހިލޭ ފިރިހެނުން ކުރިމަތީ އައުރަ ނިވާކުރަން ޖެހޭ ވަރަށް އައުރަ ނިވާކުރަން ޖެހޭނެ އެކުއްޖާ ކުރިމަތީ. އިސްލާމް ދީނުގަ އޮންނަ ކަމެއް ނޫން އެޑޮޕްޓް ކުރުމަކީ.

The name is already taken The name is available. Register?

ރާލން

31 July 2022

އަހަރެން މިއުޅެނީ އަންހެން ދަރިޔަކު ނުލިބިގެން....

The name is already taken The name is available. Register?

ތުނިޔަ

31 July 2022

ޝުކުރު ނުކުރާ މަންޖެ އެއް!

The name is already taken The name is available. Register?

ސްނޯ

31 July 2022

ސާބަސް. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްވެސް ބަލައި ބޮޑުކުރީ ހުސް އަންހެން ދަރިން

The name is already taken The name is available. Register?

ވާހަކަ

31 July 2022

މިފަހަރު ނޫނެކޭ ނުބުނާތި

The name is already taken The name is available. Register?

ޙޙ2022

31 July 2022

މަލްސާ ބުންޏޭ ނުން ނުދޭނަން.... ބޮއިހަލަކި

The name is already taken The name is available. Register?

ލޮލްނާ

31 July 2022

ތީނަޔާ ހެދި މަގޭ ވެސް ބޮއި ހަލަކި

The name is already taken The name is available. Register?

ތުނިޔަ

31 July 2022

ތީނަގެ ބޮއެ ހުންނަނީ އަބަދުވެސް ހަލާކުވެފަދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454