ވާހަކަ

ޝުކުރު

އާދިއްތަ ދުވަހާ ގުޅޭ

"މަލްސާއަށް އޯކޭތަ މި ބޭބީ ގެންދިޔަސް؟" އަހަރެން އެހީމެވެ.

"އެންދޭ އެންދޭ!" ގެންދޭ ބުނަން އުޅެގެން މަލްސާއަށް ބުނެވެނީ އެހެންނެވެ.

މަލްސާ އޭރު ވެސް ހުރީ އަމަލުވެފައެވެ. އަހަރެން ތައުފީގަށް ބަލައިލި އިރު އޭނަ އިސްޖަހައިގެން ހުއްޓެވެ. އަހަރުމެންނާ ހަތަރުކަޅި ހަމަކުރަން އޭނަ ލަދުގަތީއެވެ. އެހެނަސް ކުރާނީ ކީއް ހެއްޔެވެ؟ މަލްސާއަކީ ތައުފީގުގެ ދަރިފުޅެވެ. ދަރިފުޅު ދެކެ ތައުފީގު ލޯބިވެއެވެ. ހީވާ ކަހަލައެވެ. ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ނުދެވުމުގެ ހުރިހައި ޒިންމާއެއް ތައުފީގު ހުރީ އަމިއްލަ ބޮލުގައަޅައިގެންނެވެ. ކާފަދަރިފުޅު އަހަންނަށް ދެނީ ވެސް އެހެންވެއެވެ. އެ ކުއްޖާ ދެކެ ލޯބިވާތީއެވެ. މަލްސާއަށް ވީ ގޮތް އުސައިދަށް ވާން ބޭނުން ނުވާތީއެވެ.

އުސައިދު ގެއަށް ގެނައި ނަމަވެސް، ރަސްމީކޮށް ކުރަންޖެހޭ ހުރިހައި ކަމެއް ކުރީމެވެ. ގާނޫނު އޮތް ގޮތުން، ކުއްޖާ އެއްކޮށެއް އެހެން މީހަކަށް ނުދެވެއެވެ. ކުއްޖާއަށް އަށާރަ ފުރެންދެން ބެލެނިވެރިކަމާ ހަވާލުވެވިދާނެއެވެ. އަހަރެން ހީކުރީ އެންމެ އުނދަގޫވާނީ އެ މަރުހަލާކަމަށެވެ. ވީ އެހެނެއް ނޫނެވެ. ވަރަށް އަވަހަށް އެ ކަން ހަމަޖެހުނެވެ. އުނދަގޫވީ އުސައިދު ފެނަށްދިރުވުމެވެ. އަހަރެން ގޭގެ މާހައުލަށް އޭނަ ހޭނުވުމެވެ. ގޮންޖެހުން އެންމެ ބޮޑުވީ ފުރަތަމަ ދުވަސްކޮޅެވެ.

އުސައިދަށް ބުއްދޭން މަލްސާއަކަށް ނާދެވެއެވެ. އަންނަން އޭނަ ބޭނުމެވެ. އެހެނަސް ކޮޅަށް ހުރެވިގެންތާއެވެ. ވާނުވާ އެނގޭ ވަރަށް އޭނަގެ ހޭވެރިކަން ހުރެގެންތާއެވެ. ވަރަށް އަސަރާ އެކު ތައުފީގު އެ ވާހަކަ ކިޔައިދެއެވެ. ކިޔައިދެމުން ގޮސް ހަމަނުޖެހޭ ވާހަކަ ވެސް ތައުފީގަށް ދެއްކެއެވެ. ކޮޅަށް ނުހުރެވޭ ވާހަކަދައްކަމުން ގޮސް މަލްސާ ގޭގައި ނެތް ވާހަކަ ބުނެފާނެއެވެ. އެއްޗެއް ނުކެވޭ ވާހަކަ ބުނެފައި، ވާހަކައިގެ ފަހަތުބައިގައި، ދެބަނޑަށް ކައިގެން ނިދާފައި އޮތް ވާހަކަ ބުނެވިދާނެއެވެ. ބައެއް ފަހަރު އަހަންނަށް ހީވެއެވެ. މަލްސާއަށް އާދެވޭނެއެވެ. އެ ވަރުގެ ހޭވެރިކަން އޭނަގެ ހުރެއެވެ. ޑުރަގު ބޭނުންކުރާ މަންމައަކު އުސައިދަށް ބުއްދޭން ތައުފީގު ބޭނުން ނުވަނީއެވެ. އޭނަ ބިރުގަންނަނީއެވެ. ކާފަދަރިފުޅަށް ނުބައި އަސަރެއްކޮށްފާނެތީއެވެ. އެއާ މެދު އެއްޗެއް ބުނަން އެނގޭ ވަރަކަށް އަހަރެންގެ ތަޖުރިބާއެއް، މައުލޫމާތެއް ނެތެވެ. އުސައިދަށް އެންމެ ރަނގަޅު ގޮތް އެނގޭނީ ތައުފީގަށެވެ. އަހަރެން އެހެން ނިންމީއެވެ.

އުސައިދު އުމުރުގެ ކުއްޖަކަށް ދެވިދާނެ ހުރިހައި ކާނާއެއް އަހަރެން ދިނީމެވެ. ތައުފީގު އެ ވަރަށް ފައިސާދީފައި ހުންނާތީއެވެ. ނަތީޖާ ހަމަ ސުމެކެވެ. އުސައިދު އެކައްޗެއް ވެސް ނުބުޔެވެ. ބަނޑުހައިވެފައި އޮންނާތީ، ރުއިން ނޫން ކަމެއް ނުކުރެވެއެވެ. ވާނީ ވެސް އެހެންނެވެ. އެ ވަރުގެ ތުއްތު ކުއްޖަކަށް ކުރެވޭނީ އެހެން ކޮން ކަމެއް ހެއްޔެވެ؟ އަލްވާން ލަފާދިނީ ޑަކުޓަރަށް ދެއްކުމަށެވެ. އަހަރެން ހިތަށްއެރިއެވެ. އެ ހިޔާލު އަހަންނަށް ނައީ ކީއްވެގެން ހެއްޔެވެ؟

ހޮސްޕިޓަލަށް ގޮސް ކުޑަކުދިންގެ ޑަކުޓަރަކަށް އުސައިދު ދެއްކީމެވެ. ވެގެންއުޅޭ ގޮތް ކިޔައިދިނީމެވެ. ޑަކުޓަރު އިރުޝާދުދިނީ ބުއްދިނުމަށެވެ. އޭނަ ހީކުރީ އުސައިދަކީ އަހަރެންގެ ދަރިއެއްކަމަށެވެ. އަހަރެން ޖެހުނީ އެ ވާހަކަ ވެސް ކިޔައިދޭށެވެ.

"އަސްލު މަންމަ އެބަ ހުރި،" އަލްވާން ބުންޏެވެ. "އެކަމަކު އެއީ ހަމަ ނެތް މީހެއް."

"ނެތްތަ ރައްޓެއްސެއް ވެސް؟" ޑަކުޓަރު ވިސްނާލައިފައި ބުންޏެވެ. "ކުޑަދަރިފުޅަށް އެންމެ ރަނގަޅުވާނީ ބުއްދެވުނިއްޔާ. އެއަށް ވުރެ ފުރިހަމަ ކާނާއެއް ނުހުންނާނެ."

"ވިހައިގެންއުޅޭ ރައްޓެއްސެއް ނެތް،" އަހަރުމެން ބުނީމެވެ. "ތުއްތުކުދިންނަށް ދޭ ހުރިހާ އެއްޗެއް ގަނެވިއްޖެ! ނުބުއި."

ޑަކުޓަރު އިރުކޮޅެއް ވަންދެން ވިސްނަން އިނެވެ.

"ހަކުރުފަނިފޮދެއް ޖައްސަބަލަ! އަހަރެން ބުނާނަން ތައްޔާރުކުރާނެ ގޮތް،" ޑަކުޓަރު ބުންޏެވެ. "އޭތި ބޮއިފިއްޔާ އާފަލު ނޫނީ އަންނާރު ކަހަލަ މޭވާގެ ދިޔަ ދެވޭތޯބަލާ! ވަރަށް ރަނގަޅަށް ފުރާނާފަ ދޭނީ."

ފަސޭހަކަމެއް ނޫނެވެ. އެކަމަކު ކުރަން ބޭނުންވާ މީހަކަށް ނުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ހަކުރުފަނި ކާމިޔާބުވިއެވެ. އޭގެ ފަހުން މޭވާގެ ދިޔަ ވެސް ކާމިޔާބުވިއެވެ. އުސައިދަކީ އަހަރެންގެ ހިތަށް ލިބުނު ހަމަޖެހުމެކެވެ. ގެއަށް ލިބުނު ރޯއްޖެކެވެ. ގެއިން މޭވާ ހުސްނުވެއެވެ. ކުރިން އެއީ ތަދު އެއްޗެކެވެ. ތައުފީގު ފޯނުނުކުރާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އުސައިދަށް ހަރަދުކުރަން ފައިސާ ދީފައި، އިތުރަށް ނެޕީއާއި ލޯޝަން ފަދަ އެއްޗެހި ވެސް ތައުފީގު ގެނެސްދެއެވެ. މީހަކު އަތަށްދީފައި ފޮނުވަނީއެއް ނޫނެވެ. އޭނަ ހިފައިގެން އަންނަނީއެވެ. ބޭނުމަކީ ކާފަދަރިފުޅު ދެކިލުމެވެ. އުރައިލުމެވެ. އަހަރެން ހީކުރީ އެއީ ރަނގަޅު އަލާމާތެއްކަމަށެވެ.

އުސައިދަށް އަކުރުކިޔެން ފެށިއެވެ. އަހަންނަށް ފުރަތަމަ މަންމަ ކިއި ދުވަހު ވީ އުފާ ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ. އަހަންނަށް ރޮވުނެވެ. އަލްވާނަށް ބައްޕަ ކިއި ދުވަހު އަލްވާނަށް ވެސް ވީ ހަމަ އެ ވަރެވެ. އަހަރުމެން އަހަރުމެންނަށް ވަރުގަދަ އުސޫލެއް ކަނޑައެޅީމެވެ. ދޮށީ ކުދިންނަށް ވުރެ ބޮޑަށް އުސައިދު ދެކެ ލޯބިނުވުމަށެވެ. ވަކީން ހާއްސަކޮށް، އަންހެންދަރިން ކުރިމަތީގައި ފިރިހެންދަރިފުޅު ތަފާތުނުކުރުމަށެވެ. ޔަގީނުން ވެސް ގަސްތުގައި އެ ކަހަލަ ކަމެއް ނުކުރަމެވެ. ބޭއިހުތިޔާރުގައި ކުރެވެއެވެ.

އުފަންދުވަހު ޕާޓީ ބޭއްވުމަކީ އަހަރުމެންގެ ފެންވަރެއް ނޫނެވެ. އެކަމަކު އަހަރުމެން ކޭކެއް ފަޅަމެވެ. ހަވީރު ސަޔެއް ބާއްވަމެވެ. އެ ވެސް އަހަރުމެންގެ މެދުގައެވެ. ގޭތެރެ ޒީނަތްތެރިއެއް ނުކުރަމެވެ. ހުރިހައި ކުދިންނަށް ވެސް އޮންނާނީ އެއް މިންގަނޑެކެވެ. މައްސަލައަކީ އަހަރެންގެ ހިތެވެ. އަހަރެންގެ މުޅި ހިތް އުސައިދު ވެރިކޮށް ނިންމައިފިއެވެ. އެއީ ބޮޑު ސިއްރެކެވެ. އަހަރެން ނޫން މީހަކަށް އެ ކަމެއް ނޭނގޭނެއެވެ. އަހަރެންގެ ނަޒަރުގައި އުސައިދަކީ އަހަރެންގެ ނަސީބެވެ. ހިތުގެ ވިންދެވެ. ވިހެއީ އެހެން މީހަކު ނަމަވެސް މަންމައަކީ އަހަންނެވެ. އުސައިދުގެ ތުއްތު އަތްތިލަ އަހަރެންގެ މޫނުގައި ބީހުމުން އެ ކުރާ އަސަރު، އެހެން ދަރިއެއްގެ ފަރާތަކުން އަހަންނަކަށް ނުކުރެއެވެ. އޭނަ "މަންމަ" ކިޔާ ކޮންމެ ފަހަރަކު އަހަރެން އުފާވެއެވެ. މައިވަންތަ ލޯބި އުތުރިއަރައެވެ. އެކަކަށް ވެސް އެ ކަމެއް ނާންގަމެވެ.

އުސައިދަކީ އަހަރެންގެ ދަރިއެއް ނޫންކަމެއް އޭނައަކަށް ނާންގަމެވެ. އޭނަގެ އުމުރުން ހަތަރު އަހަރު ފުރުނު އިރު، އަހަރެންގެ އަސްލު ދަރީންނަށް ވުރެ ބޮޑަށް އަހަރެން ދެކެ އުސައިދު ލޯބިވެއެވެ. އަހަންނަށް ހުންނަ ވަރު އަލްވާނާއި ތައުފީގަކަށް ވެސް ނުހުރެއެވެ. ހިތަށްއެރިއެވެ. ތައުފީގާއި އަލްވާން އެ ކަމާ ޝަކުވާއެއް ނުކުރާނެއެވެ. އުސައިދުގެ ލޯބި އެންމެ ބޮޑަށް ހައްގުވަނީ އަހަންނަށްކަމުގައިވީތީއެވެ. ފިރިހެންދަރިއެއް ބޭނުންވީ އަހަންނެވެ. އެ ދަރިފުޅު ދެކެ އެންމެ ލޯބިވީ ވެސް އަހަންނެވެ. އަލްވާނާއި ތައުފީގަށް އެ ވަރު ވިސްނޭނެއެވެ.

އެންމެ ކުޑައިރުއް ސުރެ ވެސް، އުސައިދާ އެކުގައި އަހަރެން ފޮޓޯނަގަމެވެ. އެއީ ވަރަށް މުހިންމު ބޭނުމަކު އަހަރެން ކުރާ ކަމެކެވެ. މުނާސަބަތެއް ފާހަގަކުރަން ފޮޓޯނެގިޔަސް، އުސައިދާއި އަހަރެން އެކުގައި ފޮޓޯއެއްނަގަން އަހަރެން ހަނދާންބަހައްޓަމެވެ. އެ ފޮޓޯގައި ތިންވަނަ މީހަކު ހުރެގެން ނުވާނެއެވެ. އަހަރެން އެ ކަން ކުރަނީ އެހެން މީހަކު އަޅައިނުގަންނާނެ ކަހަލަ ސިއްރު ގޮތަކަށެވެ. އުމުރުން އަށާރަ އަހަރު ފުރުމުން، ދާންވީ މަގު އިހުތިޔާރުކުރުމުގެ ފުރުސަތު އުސައިދަށް ލިބޭނެއެވެ. ކޯޓުން އުސައިދާ ސުވާލުކުރާނެއެވެ. އެއްކޮޅުގައި ތިބޭނީ މަލްސާއާއި ތައުފީގެވެ. ނުވަތަ މަންމައާއި ކާފައެވެ. އަނެއްކޮޅުގައި އަހަންނެވެ. އެ ދުވަހު އުސައިދުގެ ފައި، ހުރި ތަނުން ގުޑުވައިނުލެވޭ ވަރު ކުރުމަކީ އަހަރެން އަތުގައި އޮތް ބާރެކެވެ. އެންމެ ސިކުންތަކު ވެސް އަހަރެން އެ ކަން ހަނދާންނައްތައެއް ނުލަމެވެ. އުސައިދުގެ އަތުގައި އަހަރެން ހިފީ، އަށާރަ އަހަރު ފަހުން ދޫކޮށްލާ ގޮތަކަށް ނޫނެވެ. އުންމީދަކީ، އުސައިދުގެ ފާރަވެރިޔަކަށް އަހަރެން ވީ ފަދައިން އަހަރެންގެ ހަށިފާރަވެރިޔަކަށް އުސައިދު ވެސް ވުމެވެ.

އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫނެވެ. އަހަންނަށް އެ ކަން ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ އެ ކަމަށް ތައްޔާރު ނުވެވުނީ ކީއްވެގެން ހެއްޔެވެ؟ އުސައިދު އިސްކޫލަށް ދާން ފެށި އިރު އަހަރުމެންނަކީ ދެމައިންނެވެ. އޭނައަށް "ދަރިފުޅު" ކިޔަން އަހަރެން އާދަވެއްޖެއެވެ. އުސައިދުގެ ނަޒަރުގައި އުސައިދަކީ އަހަރެންގެ ބަނޑުން ވިހެއި ދަރިއެކެވެ. އަހަރުމެން އުޅެމުންއައީ ހަސަދަވެރި ހިތެއްގައި އަލިފާން ރޯވާހައި އުފަލުގައެވެ. އެކަމަކު، ކަމުގެ ހަގީގަތް އެނގޭ އެންމެން ވެސް ކުރަން ޖެހޭނީ ޝުކުރެވެ. ތައުރީފެވެ. މައިވަންތަ ލޯތްބަށް މީހަކު އެސްފީނާއަޅައިފާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟

އުސައިދުގެ އުނދަގޫ އުމުރު ފަހަނައަޅައިދާން ފެށިއެވެ. މަންޒަރު މަޑުމަޑުން ބަދަލުވާން ފެށިއެވެ. އަހަރަކީ، ގުރޭޑު ދޭކަށް އުސައިދު ދިޔަ އަހަރެވެ. ކުޑައިރުއް ސުރެ ވެސް ސައިކަލުދުއްވަން އުސައިދު ވަރަށް ވަރުހުރެއެވެ. އޭނަ ގޮވައިގެން އަލްވާން ދެއެވެ. ފުރަތަމަ ފަހަރަށް ތައުފީގު އެ ކަން ކުރަން ބޭނުންވިއެވެ. އަހަރެންގެ އިޒުނައަށް އެދުނެވެ. މައްސަލައެއް ނޫނެވެ. ހަވީރުކޮޅު ބުރެއްޖަހާލައިފައި ގެނައީމައި ނިމުނީއެވެ. އެހެނަސް، މަލްސާ ގާތަށް ގެންގޮސްގެން ނުވާނެއެވެ. އަށާރަ ފުރުމަށް ފަހު، އުސައިދު ގޮތެއް ނިންމަންދެން އޭނަ ހުންނަންޖެހޭނީ އަހަރެން ކައިރީގައެވެ. އެއްބަސްވުމުގައި އޮންނާނީ އެހެންނެވެ. ތައުފީގު އެ ކަން ހަނދާންނެތްކަމަށް ހެދެނީއެވެ. ހަތަރުކަޅި ހަމަކޮށްފައި ތައުފީގަށް އަހަރެން އެ ކަން ހަނދާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ނުލާހިކު ހެޔޮ ކާފައެކެވެ. ބޮޑު ހިތާމައަކުން އަހަރެން ސަލާމަތްކޮށްދިން އެކުވެރިއެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނީއެވެ.

"އޯކޭ!" ގަދަކަމުން ހިނިތުންވެލަމުން ތައުފީގު ބުންޏެވެ. "ވިސްނިއްޖެ!"

"އިތުބާރުނުކުރާތީއެއް ނޫން. އެކަމަކު މިހާރު ދުއްވާ އެއްޗެހި ނުލާހިކު ގިނަ،" އަހަރެން ދެއްކީ މުޅީން އެހެން ބަހަނާއެކެވެ. "ގޮތެއްގޮތެއް ނުބަލާ އެ ދުއްވަނީ. އަލްވާން ގާތުގަ ވެސް ކިތަންމެ ފަހަރަކު ބުނެފިން އުސައިދު ނުގެންދާށޭ. ކަމެއް ވެއްޖެއްޔާ އަހަންނަށް ވުރެ ބޮޑަށް ތައުފީގު ދެރަވާނީ ވެސް."

އަހަރެން އެހެން ބުނީ ތައުފީގު ހިތްހަމަޖައްސައިލަދޭށެވެ. އުސައިދަށް ކަމެއް ވެއްޖެއްޔާ ހޮސްޕިޓަލުގައި ފުރަތަމަ ބާއްވަންޖެހޭނީ އަހަންނެވެ. އެއީ ކަށަވަރުކަމެކެވެ. އަހަރެން ލޯބިވާ ވަރަށް އުސައިދު ދެކެ ލޯބިވާނެ އެކަކު ވެސް ނުހުންނާނެއެވެ. އެ ދުވަހު ތައުފީގު ނުކުމެގެންދިޔައީ ހިތުގައި ލައްގަނޑެއް ޖައްސައިގެންނެވެ. އޭނަ ހީކުރި ކަހަލަ މީހަކަށް އަހަރެން ނުވީމައެވެ. ޖެހިގެންއައި ދުވަހު ތައުފީގު އައީ މަލްސާ ގޮވައިގެންނެވެ.

ނުނިމޭ

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 27%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454