މުނިފޫހިފިލުވުން / ވާހަކަ

ޝުކުރު

އާދިއްތަ ދުވަހާ ގުޅޭ

"ކާކު؟" އަހަރެން އެހީމެވެ.

"ޒެކް! އަހަންނަކަށް ވެސް ނޭނގެ އަސްލު ނަމެއް. ޒެކް ކިޔާނީ. މި ގެ ކައިރީގަ އޭނަގެ ގެ ހުންނާނީ،" ލަޔާން ބުންޏެވެ. "ހަމަ އުސައިދު ވަރު ވާނީ. ޒެކް ބުންޏޯ ކަލޭ މާ ފޮނިވެގެން އުޅޭނެކަމެއް ނެތޭ. ކަލެއަކީ އެ މީހުންގެ ދަރިއެއް ވެސް ނޫނޭ. ކަލޭތީ އެ މީހުން މަގުމަތިން ހޮވައިގެން ގެނައި ކުއްޖެކޭ."

"އެކަމަކު ޒެކްއަކަށް ނޭނގޭނެ ތިހެން ބުނާކަށް،" އަހަރެން ބުނީމެވެ. "އަހަންނަކަށް ގަބޫލެއް ނުކުރެވޭ."

"އަހަރެން ދިވެހިން އެހެން ބުންޏަސް ޒެކްއަށް އެނގޭނީ އިންގްލިޝް،" ލަޔާން ބުންޏެވެ. "އޭނަގެ ޕޭރަންޓުން ވެސް އެ ވާހަކަދައްކާނެއްނު. ހިސާބުގަނޑު އެންމެންނަށް އެ ކަން އެނގޭނެ."

އުސައިދަށް އެ ވާހަކަ އެހައި ފަސޭހައިން ގަބޫލުކުރެވުނީ ކުރިން ދިމާވި ކަމަކާ ވެސް ގުޅިގެންނެވެ. އެ ކަމެއް ދިމާވީ އިސްކޫލަށް ވަންނަންވެގެން އުސައިދުގެ އައިޑީކާޑު ހަދަން އުޅުނު އިރުއެވެ. އަހަރެން ކުރީ ބައިގައި އެ ތަނަށް ގުޅައިފައި އުސައިދަކީ ކާކުކަމާއި، އަސްލު މައިންބަފައިންގެ މައުލޫމާތު ވެސް ދިނީމެވެ. އަހަންނަކީ ކާކުކަން ވެސް ބުނީމެވެ. ވީހައި ވެސް އޮމާންކޮށް އެ ކަން ގެންދިޔުމަށް ޓަކައެވެ. އެ ވަރުން ވެސް، އެ ތަނުގައި އިން ކުއްޖާ ސުވާލުކުރިއެވެ. އުސައިދު އިންދައެވެ. ކުޑަކުދިން ބައެއް ފަހަރު، ހީ ވެސް ނުކުރާ އެއްޗެހި އަޑުއަހައެވެ. އެ ކަމާ މެދު ވިސްނައެވެ.

ތަންކޮޅެއް އަމިއްލައެދުން ބޮޑުކަމެއް ވެސް އަހަރެން ކުރީމެވެ. އިސްކޫލަށް ވެއްދި އިރު، ދަރިފުޅު ބަލައި އަންނާނީ އަހަރުމެން ދެމަފިރިން ކުރެ އެކަކުކަމާއި، އެހެން މީހަކު އަޔަސް ދަރިފުޅު ހަވާލުނުކުރުމަށް ބުނީމެވެ. އެއީ ވެސް، ކުރިން ކުރެވުނު ތަޖުރިބާގެ އަލީގައި ކުރި ކަމެކެވެ. ތައުފީގު ނުވަތަ މަލްސާއަށް ދަރިފުޅު ހަވާލުކުރިޔަ ނުދިނުމަށް ޓަކައެވެ.

ކޮންމެއަކަސް، އުސައިދަށް ވިސްނައިދިނުމަށް ޓަކައި، އޭނަ ގެނެސް ކައިރީގައި ބައިންދައިގެން، ވަރަށް ލޯތްބާއެކު ވާހަކަދެއްކީމެވެ. ތެދު ބުނެވޭކަށް ނެތެވެ. ފަހުން އޮޅުން ނުފިލުވޭ ވަރަށް އެ ކަން އޮޅުންބޮޅުންކޮށްލެވޭކަށް ވެސް ނެތެވެ. އުސައިދަށް އަށާރަ އަހަރު ފުރުނީމައި އޭނައަށް ހަގީގަތް ކިޔައިދޭން ޖެހޭނެއެވެ. އެއީ ނައިސް ނުދާނެ ދުވަހެކެވެ. އެ ހިސާބަށްދާ އިރު އަހަންނަކީ ބަހުގެ އިތުބާރު ގެއްލިފައިވާ މީހަކަށް ވެއްޖެ ނަމަ، އަނެއްކާ ވެސް އެތައް އުނދަގުލެއް ކުރިމަތިވާނެއެވެ.

"ދަރިފުޅު ދުނިޔެއަށް އައި ގޮތަށް ތުއްތި ވެސް އައީ،" އަހަރެން ބުނީމެވެ. "ކޮންމެ ކުއްޖަކު ވެސް ކޮންމެވެސް ގޮތަކަށްތާ އަންނާނީ. މަންމަ ހިތަށްއަރާ މިއަށް ވުރެ ތަފުސީލުކޮށް ވެސް ކިޔައިދެވޭނެ ނަމައޭ. އެކަމަކު ދަރިފުޅު އަދި ވަރަށް ކުޑަ. މާ ދިގުކޮށް ކިޔައިދިނީމަ، ވާއެއްނުވާއެއް ދަރިފުޅަކަށް އަދި ނުވިސްނޭނެ."

"ތުއްތިއަކީ ވެސް މަގުމަތިން ހޮވައިގެން ގެނައި ކުއްޖެއްތަ؟" އުސައިދު އެހިއެވެ.

އަހަންނަކީ އެ ކަހަލަ ވާހަކަދައްކަން މާ މޮޅު މީހެއް ނޫނެވެ. އެހެނަސް، ދެ ކުދިން ބޮޑުކޮށްފީމެވެ. ހަމަ އެކަނި ތަޖުރިބާއަކީ އެއީއެވެ. އޭރު ވެސް އަހަރެން ހުރީ އުސައިދުގެ ދެ އަތުގައި ބާރަށް ހިފާއްޓައިގެންނެވެ. އޭނަ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

"ދަރިފުޅާ! މަގުމައްޗަށް ކުދިން އުކާފައެއް ނުހުންނާނެއްނު! ދަރިފުޅަށް ވެސް މަގުމަތި ފެނެއެއްނު،" އަހަރެން ބުނީމެވެ. "ކޮންމެ ކުއްޖަކު ވެސް އުފަންވާނީ ހޮސްޕިޓަލުގަ. ހޮސްޕިޓަލުން ގެއަށް ގެންނާނީ. ދަރިފުޅު ވެސް ތުއްތި ވެސް ހަމަ އެހެން އައީ. ޒެކްއަށް އެ ކަން ނޭނގެނީހެން މަންމައަށް ހީވަނީ."

ވަރަށް އުދަނގޫ ސުވާލުތަކާ އަހަރެން ކުރިމަތިލީމެވެ. ކޮންމެ ސުވާލަކަށް ވެސް އަހަރެން ޖަވާބުދިނީމެވެ. އުސައިދު ގެއަށް ގެނައި ދުވަހުން ފެށިގެން އުސައިދާ އެކުގައި އަހަރެން ފޮޓޯނެގީ މި ދުވަހަށް ޓަކައެވެ. އެ ފޮޓޯތައް އުސައިދަށް ދެއްކީމެވެ. ލަޔާންއާއި ނަޖާތުގެ ފޮޓޯތައް ވެސް ދެއްކީމެވެ.

"ހަމަ އެއްގޮތަކަށްނު މިހިރީ،" އަހަރެން ބުނީމެވެ. "ހޮވައިގެން ގެނައި ނަމަ ދަރިފުޅުގެ މި ފޮޓޯތަކެއް ނުހުންނާނެއްނު."

އުސައިދު ގަބޫލުކުރިއެވެ. އެކަމަކު އިސްކޫލުން އުސައިދަށް އިތުރު ގޮންޖެހުން ކުރިމަތިވިއެވެ. ހެޔޮނުބައި ނުވިސްނޭ ވަރުގެ ކުޑަކުޑަކުދިންނެވެ. ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކައިފާނެއެވެ. އުސައިދު ގެއަށް އަންނަނީ އާ ސުވާލުތަކެއް ހިފައިގެންނެވެ. އެއް ވާހަކައެއް އެތައް ފަހަރަކު އަހަރެން ތަކުރާރުކުރަން ޖެހެއެވެ. ތައުފީގަށާއި މަލްސާއަށް ފާރަވެރިވާންޖެހެއެވެ. ކުއްޖަކު ބަލައިބޮޑުކޮށް، ކިޔަވައިދިނުމަށް ލައްކަ ހަރަދުހިނގައެވެ. އުސައިދުގެ ހަރަދު ބަލަހައްޓަނީ ތައުފީގެވެ. ފައިސާ ހިފައިގެން އޭނަ އަންނަނީ ގެއަށެވެ. އޭނަ އަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެނަސް، އެ ފައިސާގައި ނުހިފައެއް އަހަންނަކަށް ނުކެރެއެވެ. ތައުފީގާ އެކުގައި މަލްސާ ނުގެންނަކަން އެއީ އަހަރެންގެ ނަސީބެވެ. ނުވަތަ ތައުފީގުގެ ހަރުދަނާކަމެވެ.

އަހަރެން ކުރެހި އިމުގެ ތެރޭގައި އުސައިދު ބޮޑުވަމުންއައެވެ. ކޮންމެ ދުވަހަކީ، އަށާރަ އަހަރާ ގާތަށް އެޅޭ ފިޔަވަޅެކެވެ. އަހަރެން އުޅުނު ހިސާބަކީ ޑުރަގުގެ ކަންތައް ވަރަށް ބޮޑު ހިސާބެކެވެ. ޑުރަގު ހާލިތައް އިންތިހާއަށް ގިނައެވެ. ރޯމާ ދުވާލު، ލޯކުރިމަތީގައި ވިޔަފާރި ހިނގައެވެ. އުސައިދުގެ މަންމައަކީ އެ ވަބާއިން ނަޖާނުވެވުނު މީހެކެވެ. އަހަރެންގެ ބިރަކީ އެއީއެވެ. ފަހަރެއްގައި ވެސް މަލްސާ އެއިން ހާއްޔަކަށް ވަންނަ ތަން އުސައިދަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. މަލްސާއަށް ހެޔޮއެދިގެނެއް ނޫނެވެ. އުސައިދު ފަހުން ދެރަވާނެ ވަރު ހިތަށްއަރަނީއެވެ. އެއީ ވެސް އަޖައިބެކެވެ. އަސްލު މަންމަ ނުވިސްނާ ވަރަށް އަހަންނަށް ވިސްނެނީ ކީއްވެގެން ހެއްޔެވެ؟

ކަމަކާ ދޭތެރޭ މާ ބޮޑަށް ބިރުން އުޅޭ ނަމަ، އެ ބަލާވެރިކަން ކުރިމަތިވެއެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. ގޭދޮށު ޑުރަގު ހާލިތަކަށް މަލްސާ އަންނަން ފެށިއެވެ. މަންމައަކު އެހައި ގޮތްކުޑަވާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ޑުރަގަށް ދެވިހިފިލެއް ބޮޑުކަމުން އެ ކަމުން މަލްސާއަށް ސަލާމަތްނުވެވުނީއެވެ. މައްސަލައެއް ނެތެވެ. އެކަމަކު މާލެއަކީ ޑުރަގު ހާއްޔެކެވެ. ދަރިފުޅަށް ފެންނަ ހިސާބަށް ނައިސް، އެހެން ތަނަކަށް މަލްސާ ނުދިޔައީ ކީއްވެގެން ހެއްޔެވެ؟

މަލްސާއާއި އަހަރެން ބައްދަލުވާން ފެށިއެވެ. އުސައިދު އިސްކޫލަށް ގެންދާ ގަޑިއާއި ގެންނަ ގަޑީގައި ވެސްމެއެވެ. އަހަރެން މަލްސާއަކާ ވާހަކައެއް ނުދައްކަމެވެ. ފެންނަކަމަކަށް ވެސް ނަހަދަމެވެ. އެކަމަކު ކޮންމެ ފަހަރަކު، އުސައިދުގެ ލޯމަތީގައި އަތްއަޅާނީ ކިހިނެއް ހެއްޔެވެ؟ ވަރަށް ފޫހިވިއެވެ. ރުޅިއައެވެ. އުސައިދަށް ގިނަގިނައިން މަލްސާ ފެންނަން ފެށުމުން އެ ވާހަކަދައްކަން ފެށިއެވެ. އެއީ ކާކު ހެއްޔެވެ؟ އުސައިދާ ދިމާއަށް އޭނަ ބަލަނީ ކީއްވެގެން ހެއްޔެވެ؟ ގަޑީގެ ކަށި އެ ދަނީ ކޮން ދިމާއަކަށްކަން އަހަންނަށް އެނގެއެވެ. އެންމެ ފަހުން އަހަރެންނަށް މަޖުބޫރުވީ، ގުޅަން ބޭނުންނުވި މީހާއަށް ގުޅާށެވެ.

"މަލްސާ ހުއްޓުވާ!" ތައުފީގަށް ގުޅައިފައި އަހަރެން ބުނީމެވެ. "އެހެން ނޫނީ އަހަރެން ދެން ގުޅާނީ ޕޮލިހަށް."

"ތިހާ ދުވަސްކޮށްފަ ގުޅާ އިރު ފުރަތަމަ ޖެހޭނީ ސަލާންގޮވާލަން. ދެން ހާލުއަހާލަން،" ތައުފީގު ބުންޏެވެ. "ހައިބާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އުޅޭ ހާލު."

"ތައުފީގަށް އެނގޭތަ އަހަރެން އުޅޭ ހާލު؟" ރުޅިއައިސްފައި އަހަރެން ބުނީމެވެ. "ކޮންމެ ދުވަހަކު ސްކޫލުން އައިސް އުސައިދު އެއް ހާސް ސުވާލު އެބަ ކުރޭ! އަނެއްކޮޅުން އެ މަލްސާ ޑުރަގުނަގަން މި ގޭ ދޮށުގަ ހުންނަ ހާލިތަކަށް އެ އަންނަނީ. ހަފުތާއަކު ތިން ހަތަރު ދުވަހު އެބަ ދިމާވޭ! ދިމާވަނީކީ ނޫން. އޭނަ ގަސްތުގަ ދިމާކުރަނީ. އޭނަ އެ ހުންނަނީ ދެ ލޯ ރަތްވެ، ވާނުވާގަ. ކޮޅަށް ނުހުރެވޭ! އަހަންނަކަށް ނޭނގެ ކީއްކުރަންކަމެއް މި ވާހަކަ މި ބުނަނީ ވެސް، އެކަމަކު މާދަމާ ކޯޓަށް ގޮސް ދަރިފުޅު ކުރިމައްޗަށް އޭނަ ހުއްޓޭ އިރު އޭނަގެ ކޮން އަގެއް އޮންނާނީ؟ ތީ އުސައިދުގެ ކާފަ. މަލްސާއަށް ނުވިސްނުނަސް ތައުފީގަށް ވިސްނެން ޖެހޭނެ."

ތައުފީގު ފޯނުކަނޑައިލިއެވެ. އެއީ އޭނަގެ އާދައެވެ. ހީވާ ކަހަލައެވެ. އެ ވާހަކަ ނުދެއްކީމައި އެއީ ނުވާކަމެކެވެ. ދެން އައީ މެސެޖެކެވެ. ވަރަށް ދިގު މެސެޖެކެވެ.

"ހުރިހާ ވެސް މައްސަލައަކީ ހައިބާ ކަންކަން ސިއްރުކުރުން،" ތައުފީގު ފޮނުވި މެސެޖުގެ އެންމެ މުހިންމު އެއްޗަކަށް އޮތީ އެހެންނެވެ. "އަހަރުމެން ދެ މީހުން ކިތަންމެ ބޭނުންނުވިޔަސް އުސައިދުގެ މަންމައަކީ މަލްސާ. އުސައިދަށް މަލްސާ ދައްކަބަލަ! ބުނެބަލަ އެޔޭ މަންމައަކީ."

އަހަރެން ހިތަށްއެރިއެވެ. އެއީ ވެސް ތެދެކެވެ. ސިއްރުކުރާނެކަމެއް ނެތެވެ. އަހަންނަށް ފައިދާ ބޮޑީ މަލްސާ ދެކެ އުސައިދު ރުޅިއައި ވަރެކެވެ. ފޫހިވި ވަރެކެވެ. މިހާރު ދެން ބަހަނާއެއް ވެސް ލިބުނީއެވެ. ހަޔާތުގައި ކަންކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތް އެނގުނަސް، އެ ގޮތަށް ކަންކުރުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އުސައިދަށް މަންމަ ދައްކަން އަހަރެން އެތައް ފަހަރަކު މަސައްކަތްކުރީމެވެ. ހިތްވަރެއް ނުލިބުނެވެ.

އެއްދުވަހަކު ގެއަށް ވަންނަނިކޮށް އުސައިދު ޗިޕްސް ބޭނުން ވާހަކަ ބުނުމުން، ކައިރީގައި ހުރި ފިހާރައަކަށް ވަނީމެވެ. ޗިޕްސްދަޅު ނަގައިގެން ފައިސާދޭން ދިޔަ އިރު، އަހަރެންގެ ދަބަހަކު ލާރިއެއް ނެތެވެ. ކާޑެއް ވެސް ނެތެވެ. ފައިސާއާއި ކާޑު އޮންނަ ކުޑަ ދަބަސް ނުލައި ނުކުމެވުނީއެވެ. އެ ވާހަކަބުނުމުން އުސައިދު ކުސްތަޅަން ފެށިއެވެ.

"އަހަރެން ލާރިދެންތަ؟" މީހަކު ބުނި އަޑުއިވުނެވެ.

އަހަރެން ބަލައިލި އިރު މަލްސާ ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ. އޭރު ވެސް އޭނަ ހުރީ މުޅީން ހަމަހެއަކު ނޫނެވެ. އަހަރެން އުސައިދު ގޮވައިގެން ނުކުންނަން ހިނގައިގަތީމެވެ.

"ހައިބާ މަޑުކޮށްބަލަ!" އާދޭހުގެ ރާގެއްގައި މަލްސާ ބުންޏެވެ.

އަހަރެން ހުއްޓުނީމެވެ. އެހެނަސް މަލްސާއަކަށް ނުބަލަމެވެ. މަލްސާ ޗިޕްސްދަޅު ނަގައިފައި އުސައިދަށް ދިނެވެ. އުސައިދު އެއަކު ނުހިފިއެވެ. އެއީ އަހަރެން ތަރުބިއްޔަތުދީފައިވާ ގޮތެވެ. ނުދަންނަ މީހުން ދޭ އެއްޗެހި، އެއީ ކިތަންމެ ބޭނުން އެއްޗެއްކަމުގައި ވިޔަސް، އުސައިދެއް ނުހިފާނެއެވެ. މަލްސާ އެއްޗެއް ބުނަން އަނގަހުޅުވައިލިއެވެ. އަހަރެން އަތުގެ އިޝާރާތުން އެ ކަން މަނާކުރީމެވެ.

"އޭގަ ހިފާ ދަރިފުޅާ!" އުސައިދަށް އަހަރެން ބުނީމެވެ.

އުސައިދު ޗިޕްސްދަޅު ގަބޫލުކުރިއެވެ. މަލްސާއަށް ޝުކުރުއަދާކުރިއެވެ.

"ހޫ އިޒް ދެޓް މަންމާ؟" ފިހާރައިން ނުކުމެފައި އެހިއެވެ.

ނުނިމޭ

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙޙ2022

10 August 2022

ޔޯ މަމް.... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454