އޯމް ޕޫރީގެ މަރާ މެދު ޝައްކު އުފެދި ތަހުގީގު ފަށައިފި

ބޮލީވުޑްގެ ތަޖުރިބާކާރު މޮޅު އެކްޓަރު އޯމް ޕޫރީގެ މަރުގައި ޝައްކު ކުރެވޭ ކަހަލަ ކަންތައްތަކެއް ހުރުމުން މުމްބައި ފުލުހުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ. ބުރާސްފަތި ދުވަހުގެރޭ ނިދި ގޮތަށް އޯމް ޕޫރީ ނުހޭލައިގެން ނޯކަރު މީހާ ބެލިއިރު އޯމް ޕޫރީ އޮތީ މަރުވެފަ އެވެ.


އޯމް ޕޫރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބެލުމަށްފަހު ބުނެފައިވަނީ އޭނާ މަރުވެފައި ވަނީ ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ނަމަވެސް އޯމް ޕޫރީގެ މަރުގައި ޝައްކު އުފެދޭތީ ވަޅުލާފައި ވަނީ ޕޯސްޓް މޯޓަމް ހެދުމަށްފަހު އެވެ. އޭނާގެ މަރާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ފެތުރެން ފެށީ ޕޯސްޓް މޯޓަމް ރިޕޯޓަށް ފަހުގަ އެވެ. އޭގައި ބުނެފައި ވަނީ މަރުވި ސަބަބު އޮޅުން ނުފިލާ ކަމަށް ކަމަށެވެ. އަދި މޫނުގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށާއި އެއީ ހާޓް އެޓޭކް ޖެހިގެން ތެޅިގަނެވުނު ވަގުތު އެނދުން ވެއްޓުން ފަދަ ކަމެއް ދިމާވެގެން ވެފައި ހުރި ޒަޚަމް ތަކަކަށް ވެދާނެކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިހާރު ފުލުހުން ދަނީ އޯމް ޕޫރީގެ ގޭގައި މަސައްކަތްކުރާ މީހާ އާއި އޭނާގެ ޑްރައިވަރާ ސުވާލު ކުރަމުންނެވެ. އޯމް ޕޫރީ އާއި އޭނާގެ އަނބިމިހާ ވަރަށް ފަހުން ވަނީ ވަކިވެފަ އެވެ. އަދި އެއަށްފަހު އޭނާގެ އަންހެނުން އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅާއެކު ދިރިއުޅެނީ އެހެން ގެއެއްގަ އެވެ. އޯމް ޕޫރީ ދިރިއުޅެނީ އެކަނިމާއެކަންޏެވެ.

އިންޑިޔާގެ ހަރްޔާނާ ސްޓޭޓްގެ އަމްބާލާ އަވަށުގައި 1950 ވަނަ އަހަރު އުފަންވި އޯމް ޕޫރީ 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭނާ 1973 ގައި ވަނީ ނެޝަނަލް ސްކޫލް އޮފް ޑްރާމާގައި ފިލްމީ ރޮނގުން ކިޔަވާފަ އެވެ. މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހް އަކީ ވެސް އޯމް ޕޫރީއާ އެކު އެއް ކްލާހެއްގައި އުޅުނު މީހެކެވެ.

ދެ ފަހަރު ނެޝަނަލް އެވޯޑު އަދި ޕަދްމާ ޝްރީ ލިބިފައިވާ އޯމް ޕޫރީ ގައުމީ ފެންވަރުގައި އެކްޓިން ދަސްކޮށްދޭ ތަފާތު އިންސްޓިޓިއުޓްތަކުގެ އެންމެ އިސް ވެރިއެއްގެ ގޮތުން އޭނާގެ ދަރިވަރުންގެ ގޮތުގައި އެތައް ހާސް އެކްޓަރުންނެއް ތައްޔާރުކޮށްފައިވެ އެވެ.