މީރާ އަކީ އާއިލާގެ ހޮވުމެއް: ޝާހިދު ކަޕޫރު

ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕޫތު ވަނީ ސްޓާއިން ދައްކާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ މިފަހަރުގެ ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވެފަ އެވެ. މިއީ ޓީވީ ޝޯއެއްގައި މީރާ އާއި ޝާހިދު އެކުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.


ނަމަވެސް މި ޝޯގައި ޝާހިދު ހިއްސާކުރި ވާހަކަތަކަށް ފަހު ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެއް ބަޔަކު ތުހުމަތުކުރަނީ "އެރޭންޖްޑް މެރިޖް" ޕްރޮމޯޓްކުރަން ޝާހިދު މަސައްކަތްކުރާ ކަމަށެވެ. އަނެއް ބަޔަކަށް މައްސަލައަކަށްވީ އުމުރުން މާ ހަގު މީހަކާ އޭނާ ކައިވެނި ކޮށްގެންނެވެ. މީރާއަށް ވެސް ބައެއް މީހުން ފާޑުކި އެވެ. އޭނާ ޝާހިދުއާ ކައިވެނިކުރީ ކަމެއް ނުކޮށް ގޭގައި އިނދެވޭނެ ގޮތެއް ހޯދަން ވެގެން ކަމަށް ބުނެ އެވެ.

މި ވާހަކަތަކަށް ޖަވާބު ދެމުން ޝާހިދު ބުނީ އޭނާ ކަހަލަ، އެންމެން ދަންނަ ފިލްމު އެކްޓަރަކު އާއިލާއިން ދެއްކި މީހަކާ ކައިވެނި ކުރުމަކީ ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ އޭނާއާ ބެހޭ ގޮތުން އަބަދުވެސް ތަފާތު ވާހަކަތައް ނޫސްތަކުގައި ހަދަހަދައިގެންނާއި ބައެއް ފަހަރު ހަގީގަތް ވެސް ހިމެނޭ ގޮތަށް ލިޔަމުން ދާތީ އެއްވެސް މީހަކަށް އޭނާގެ އެއްވެސް ކަމެއް ސިއްރު ވެފައި ނެތީމަ އެވެ.

ކަރަންގެ ޝޯގައި ޝާހިދު ބުނީ މީރާގެ ކައިވެނި ހަމަޖައްސައިދިނީ މައިންބަފައިން ކަމަށާއި މީރާއާ ފުރަތަމަ ބައްދަލުކުރަން ދިއްލީ އަށް ދިޔައިރު ވެސް އެއީ އޭނާއާ ކައިވެނިކުރަން އަންނަ މީހެއްކަމެއް މީރާ ވެސް ނުދެނަހުރި ކަމަށެވެ. ނަމަވެސް ދެމީހުންގެ ފުރަތަމަ ބައްދަލުވުމުގައި ވެސް އެކަކު އަނެކަކާ ހިތްހަމަޖެހޭ ގިނަ ސިފަތަކެއް ފާހަގަކުރެވުނުކަން ޝާހިދު އާއި މީރާ މި ޝޯގައި ހާމަކުރި އެވެ.

މީރާ އާއި ޝާހިދު ކައިވެނީގެ ހެދުމުގައި

"ފުރަތަމަ ބައްދަލުވި ފަހަރުވެސް އަހަރެމެން ހަތް ގަޑިއިރު ވަންދެން ވާހަކަ ދައްކަން ތިބިން. އެހާ ގިނަ ވަގުތު ހޭދަވީ ކަމެއް ދެ މީހުންނަކަށް އިހްސާސެއް ވެސް ނުވި. އެ ބައްދަލުވުމަށްފަހު އެނބުރި މުމްބައި އަށް ގޮސް ވިސްނާލުމުން އަދި އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހިތް އެދުނު. އެގޮތުން ކައިވެނިކުރީގެ ކުރިން މީރާއާ ބައްދަލުކުރީ އެންމެ ހަތް ފަހަރު. ނަމަވެސް މިހާރު ކައިވެންޏަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެ ދެ މީހުންނަށް ދަރިއަކުވެސް ލިބިފައިވާއިރު މީރާ އާ ކައިވެނި ކުރަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ،" ޝާހިދު ބުނެފައިވެ އެވެ.

ޝާހިދު ބުނި ގޮތުގައި އޭނާ ކުރިން ވަނީ ވަރަށް ސީރިއަސްކޮށް ދެތިން މީހަކާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ޝާހިދު ނުބުންޏަސް، އެތަނުން އެކަކީ ކަރީނާ ކަޕޫރު ކަން އެންމެންނަށް ވެސް އެނގެ އެވެ. އަނެކަކީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް އެއްވެސް މީހަކާ އެކު ދިރިއުޅުމެއް ނުހޯދުނެވެ. ޝާހިދު ބުނީ މީރާއާ ބައްދަލުވީ އެއްވެސް މީހަކާ ރައްޓެހި ނުވެ ހުންނަތާ ހަތަރު ވަރަކަށް އަހަރު ފަހުން ކަމަށާއި އޭރު އޭނާ އުޅެމުންދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެއް ކަމަށެވެ.

"...މީރާ އަކީ ވަރަށް އާދައިގެ މީހެއް. ފިލްމު އިންޑަސްޓްރީގެ މީހުންނާ ވަރަށް ތަފާތު ގޮތެއް އޭނާގެ ހުރީ. ދެ މީހުންގެ މެދުގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އުމުރުގެ ތަފާތު. ނަމަވެސް މީރާ އަށް އޭނާއަށް ވުރެ ބާރަ އަހަރު ދޮށީ މީހަކާ ކައިވެނިކުރަން މައްސަލައެއް ނެތް. އެހެންވީމަ އެހެން މީހުން އެކަމާ ކަންބޮޑުވާކަށް ނުޖެހޭ،" ޝާހިދު ބުންޏެވެ.

ޝާހިދާއި މީރާ ވެސް އެއްބަސްވި ގޮތުގައި އާއިލާއިން ހޯދަިދޭ ނުވެސް ދަންނަ މީހަކާ ކައިވެނި ކޮށްގެން އެކުގައި ދިރިއުޅެން ފެށުމުން ފުރަތަމަ ކޮޅު ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ހޭނުމުގައި ދަތިތަކެއް ދިމާވި އެވެ. ނަމަވެސް ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ މީރާ ބަލިވެ އިނުން ވެގެން ދިޔައީ އެ ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވި ސަބަބަކަށެވެ. އަދި އެކަކު އަނެކަކު ދެކެ ލޯބި ވެވިއްޖެކަން އެމީހުންނަށް އިހްސާސް ކުރެވުނީ ވެސް މީރާ ބަލިވެ އިންކަން އެނގުމަށް ފަހު ކަމަށް ޝާހިދު ބުނެފައިވެ އެވެ.