މުނިފޫހިފިލުވުން / ވާހަކަ: ހިތް

ހިތް

އާދިއްތަ ދުވަހާ ގުޅޭ

އަޒާންގެ ޓިކެޓު އޯކޭ!" މުޖުތަބާ ބުންޏެވެ.

އެހެން ވެދާނެކަމަކަށް ނަޒްދާއަކަށް ގަބޫލެއް ނުކުރެވެއެވެ. ނަޒްދާ ދެކޭ ގޮތުގައި އޭގެ ފަހަތުގައި ކޮންމެވެސް ރޭވުމެއް ނެތިއެއް ނުދާނެއެވެ. އެކަމަކު، މުޖުތަބާއަކީ އަޒާންގެ ބައްޕައެވެ. ދަރިފުޅު ހިފޭއްޓުމުގެ ހައްގެއް، ދަރިފުޅަށް ދެރަ ގޮތެއް ހަދައިފާނެހެން ހީވާންޖެހޭ ސަބަބެއް ވެސް ނަޒްދާގެ ނެތެވެ.

"ދެން އަޒާން ގޮވައިގެން ދާންވީނު؟" ނަޒްދާ އެދުނެވެ. "އޯކޭވާނެ. އޭނަ އުފާވާނެއްނު."

މުޖުތަބާ އިން ގޮތުން ހީވަނީ އެ ނިންމުން ނިންމަން މުޖުތަބާއަށް ވަރަށް އުނދަގޫވިހެންނެވެ. އެހެނަސް ދެން އުޅުނު ގޮތުން މުޖުތަބާ ދެރަވިހެނެއް ހިޔެއްނުވެއެވެ. އަނެއްކޮޅުން، މުޖުތަބާ އެކަނިމާއެކަނި އަޒާންގެ ހުރިހައި ކަމެއް ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟ ނަޒްދާ ހައިރާންވީ، އެއްވެސް ވަރަކަށް މުޖުތަބާ އެ ވާހަކަ ނުދެއްކީމައެވެ. ދަރިފުޅަށް އެއްޗެއް ގަނެލަން ދާން ބުނުމުން އެ ކަމަށް ވެސް ބަހަނާ ދައްކާ މީހަކު، ދަރިފުޅު ގޮވައިގެން ރާއްޖެއިން ބޭރަށްދާން ޝަކުވާ ނުކުރީ ކީއްވެގެން ހެއްޔެވެ؟ ސުވާލު ދުލަށް ނުގެނަޔަސް ނަޒްދާގެ ސިކުނޑީގައި އެ ސުވާލު އެނބުރުނެވެ.

ޕެޓުރޯލުއަޅަން އައި ސައިކަލުތައް މަދުވެލި ވަގުތެކެވެ. ނަޒްދާ ހުރީ އެ ފަދަ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ހަނާ ސުޕާރީ ކާ ތަން ފެނިގެން ނަޒްދާ ދިޔުމުން ހަނާ ސުޕާރީ ޕެކެޓު ދިއްކޮށްލިއެވެ.

"އަހަރެން އެއްޗެއް އަހާލަންތަ؟" ނަޒްދާ ބުންޏެވެ. "ތެދަށް ބުނަން ބޭނުން ނޫނިއްޔާ އެއްޗެއް ނުބުނެ ހުއްޓަސް އޯކޭ އެކަމަކު ދޮގުނަހަދާތި! ހަނާ އެއްވެސް މީހަކަށް އަހަރެންގެ ވާހަކަކިޔައިދެންތަ؟"

ހަނާ އެއްޗެއް ނުބުންޏެވެ. ނަޒްދާގެ މައުލޫމާތު ހޯދަން މީހަކު ހަނާއަށް ގުޅައެވެ. އެ ކަމެއް ފެށުނުތާ މާ ގިނަ ދުވަހެއް ނުވެއެވެ. ހަނާ ދުށް ގޮތުގައި އެ މީހެއްގެ ނިޔަތް ރަނގަޅެވެ. އެ މީހަކު ބޭނުންވަނީ ނަޒްދާއަށް އެހީވާށެވެ. މަދަދު ފޯރުވާށެވެ. ނަޒްދާއަށް އެހީތެރިކަން ކިހައި ބޭނުންވާކަން ހަނާއަށް އެނގެއެވެ.

"މޫމިނާޔާ ހަނާ ދޯ އޭނައަށް ޖާސޫސްކޮށްދެނީ؟" ނަޒްދާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"މޫމިގެ ގޮތެއް އަހަންނަކަށް ނޭނގެ. އެކަމަކު އަހަރެން ބޭނުން ނަޒޫ ހެޕީކޮށް އުޅެން. އަހަންނަކަށް ހިޔެއްނުވޭ އެއީ ކުށެއްހެނެއް،" ހަނާ ވާހަކަދެއްކީ ވިސްނައިދޭ ރާގެއްގައެވެ. "ސައުވީސް ގަޑިއިރު އޭނަ އެ ހުންނަނީ ނަޒޫ ފަހަތުން ހިނގާލަހިނގާލާ!"

"އެއީ އެ ކަހަލަ މީހުންގެ ވައްތަރެއްނު!" ނަޒްދާއަށް ބުނެވުނެވެ.

"އެ ކަހަލަ މީހުންގެ ވައްތަރޭ؟" ހައިރާންވެފައި ހަނާ އެހިއެވެ. "ނަޒްދާއަށް އެނގޭތަ އެއީ ކާކުކަން؟"

ނަޒްދާއަކަށް ނޭނގެއެވެ. ވީމާ، ބަލަހައްޓައިގެން ހުރެވުނީއެވެ. އެ ވަގުތު އާދައިގެ ސައިކަލެއްގައި އޭނަ އައިސް ޕެޓުރޯލުއަޅަން މަޑުކޮށްލިއެވެ. ނަޒްދާ ކައިރިޔަށެވެ. ނަޒްދާ ބެލީ ހަތަރުކަޅި ހަމަނުކޮށްވޭތޯއެވެ.

ޕެޓުރޯލުއަޅަމުންދިޔަ އިރު ވެސް އޭނަ ހުރީ، ކަޅިޖަހައިނުލައި ނަޒްދާއަށް ބަލާށެވެ. ނަޒްދާއަށް އެ ކަން އެނގެއެވެ. ހިތަށްއެރިއެވެ. ނަޒްދާއާ ދިމާއަށް ބަލައިގެން މީހަކަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ނަޒްދާއަކީ އެ ވަރުގެ އަންހެނެއް ނޫނެވެ. ކުޑަމިނުން ފިރިމީހާގެ ލޯބި ވެސް ނަޒްދާއަކަށް ނުލިބެއެވެ.

"އަހަރެން އެއްޗެއް ބުނަން ހުއްދަ އެބަ.." އޭނައަށް ބުނެވުނީ އެ ހިސާބަށެވެ.

"ބާރަ ރުފިޔާ ސައްބީސް ލާރި،" ނަޒްދާ ބުންޏެވެ. "ކާޑު މެޝިން މައްސަލަޖެހިފަ."

އޭނަ އިތުރު އެއްޗެއް ނުބުނެއެވެ. ފައިސާ ނެގިއެވެ. ފުރަތަމަ ދިނީ ކަރުދާހު ދިހަ ރުފިޔާއެވެ. ދެން ދަގަނޑު ދެ ރުފިޔާއެވެ. ވަރަށް މަސައްކަތުން ފަންސަވީސް ލާރި ހޯދާފައި ދިނެވެ. ފައިސާދަބަހުގެ ހުރިހާ ބައެއް ހާވައިގެން އެއް ލާރި ހޯދާފައި އެ ވެސް ދިނެވެ. ސައިކަލަށް އަރައި ނައްޓައިލިއެވެ.

"އެނގޭތަ ކޮންމެ ދުވަހަކު ކިތައް ފަހަރު އޭނަ އަންނަކަން؟ އޭނަގެ ސައިކަލަކު ނޫނޭ އެ އަންނަނީ. ރައްޓެހިން އަތުން ސައިކަލު އަތުލައިގެން، ޕެޓުރޯލު އަޅަން ބަހަނާދައްކައިގެން އެ އަންނަނީ ހަމަ އެކަނި ނަޒޫ ދެކިލަން. ދެންމެ އައި ސައިކަލުން ޕެޓުރޯލު ހުސްވާން ކައިރި ވެސް ނުވެއެއްނު! ކިޔޫ ދިމާވާ ގޮތުން ގިނަ ފަހަރަށް އޭނައަށް ނަޒޫ ކައިރިއަށް ނުވެސް އާދެވޭ! ރަތްދަކަ އަވީގަ، ދާހިތްލާ ފޯވެގެން، މި ގަޑީގަ މި ތަނަށް އެ އަންނަނީ،" އެ ހިސާބަށް ބުނި އިރު ހަނާ ކުޑަކޮށް ފެންކަޅިވި ތަން ނަޒްދާއަށް ފެނުނެވެ. "އަހަރެން ހިތަށްއަރާ ނަޒޫ ކިހާ ލަކީކަން ނަޒޫއަށް އެނގޭ ނަމައޭ."

ނަޒްދާއަށް އެނގެއެވެ. އެ ލޯބި ހިތުގައި ކިހައި ވިކާކަމާއި، އެ ވޭނުގައި ހުރި ފޮނިކަން ވެސް ނަޒްދާއަށް އިހުސާސްކުރެވެއެވެ. ނަޒްދާ ހިތަށްއަރައެވެ. ކުރިން އޭނަޔާ ބައްދަލުވި ނަމައެވެ. އެހެނަސް ނަޒްދާ ހުރީ ކޮއްޓެއްގައި ބެދިފައެވެ. މަޖުބޫރީގެ ދަގަނޑު ތޭރިތަކެއްގެ ފަހަތުގައި ހައްޔަރުވެފައެވެ. ވަރިވާން ހިފާ ތަނާ އަޒާންގެ ބައްޕަ އަޒާން ޖަހައިގެންފިއްޔާ ނަޒްދާ ދިރިހުންނާނީ ކިހިނެއް ހެއްޔެވެ؟ ނަޒްދާގެ ލޯތްބަށް ޓަކައި ދަރިފުޅުގެ ލޯބިން މަހުރޫމުވާހާ ހިތްވަރެއް ނަޒްދާގެ ނެތެވެ. ކޮންމެ ދުވަހަކު ނަޒްދާ އަމިއްލަ ހިތާ ކިހައި އަރައިރުމެއްވާކަން އެނގެނީ ކާކަށް ހެއްޔެވެ؟ އުނދަގުލީ ލޯބިވާ ވާހަކަ ބުނުން ނޫންކަމާއި ނުބުނެ ސިއްރުކޮށްގެން ހުރުންކަން ހަނާއަށް ވިސްނޭނެ ނަމައޭ ނަޒްދާ ވެސް ހިތަށްއަރައެވެ.

"އަޅެ ކުޅަދާނައެއްނު!" ހަނާ ބުނި އަޑު އިވުނެވެ. "ވަރުބަލިނުވާކަން."

ނަޒްދާ ބަލައިލި އިރު، އެހެން ސައިކަލެއްގައި އޭނަ އައިސް އިނެވެ. ކިޔޫގައި، ރަތްދަކައަވީގައެވެ. ނަޒްދާ ބަލައިލުމުން، ބިރުން ހުރެ ކަހަލަ ގޮތަކަށް އޭނަ ހިނިތުންވާން އުޅުނެވެ. އޭނަގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން، ވައިތެރެއިން ފޭދިގެން އައިސް ނަޒްދާގެ ތުންފަތުގައި ބޮސްދިން ކަހަލައެވެ. ބޭއިހުތިޔާރުގައި ނަޒްދާއަށް ހިނިތުންވެވުނެވެ. އޭރު ދެ ލޯ ކަރުނައިން ފުސްވެއްޖެއެވެ. ކަން ދިމާވި ގޮތުން އޭނަގެ ސައިކަލު ކައިރިކުރަން ޖެހުނީ އެހެން ދިމާއަކަށެވެ. ނަޒްދާޔާ ދިމާއަށް އައީ އެހެން ސައިކަލެކެވެ. އެ ސައިކަލަށް ވުރެ ކުރިން އޭނަގެ ސައިކަލު ނަޒްދާޔާ ކައިރިކުރިއެވެ. ފަހަތުންއައި މީހާ ރުޅިއައިސްފައި އިނީއެވެ. އެއްޗެއް ނުބުނެއެވެ.

"މި ސައިކަލާ ހެދި ވެސް އަހަރެން ހާދަހާ ފަލީހަތެއްވެޔޭ!" އަމިއްލަ ނަފުސަށް ބުނާ އެއްޗެއް ގޮތަށް، އެކަމަކު ނަޒްދާއަށް އިވޭ ވަރަށް އޭނަ ބުންޏެވެ. "ހަމަ ހިލާ އެހެން ދިމާއަކަށް ނުދިޔައޭ! ދެން ސައިކަލު އަންނަ ތާކަށް އަހަރެން ޖެހޭނީ އަންނަންތާ! އެކަމަކު މީހުން ކީކޭ ހިތަށްއަރާނީ؟ މިހާރު ވެސް ފަހަތުގަ އިން މީހާ ބަލާ ގޮތުން ހީވަނީ އަހަރެން ކާލަފާނެހެން."

ނަޒްދާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އެ ވަރުން ވެސް އޭނަގެ މޫނަކަށް ނަޒްދާ ނުބަލައެވެ. މަޑި ހުޅުވައިލި އިރު މަޑި ދަށުގައި ދިވެހި ފިނިފެންމަލެއް އޮތެވެ. ނަޒްދާ ޕެޓުރޯލު އަޅަން ފެށިއެވެ. ހިތަށްއަރުވަން ބޭނުން ނުވިޔަސް ނަޒްދާގެ ހިތަށްއެރިއެވެ. އެއީ ކީއްކުރަން ގެންގުޅޭ މަލެއް ހެއްޔެވެ؟ ކާކަށް ދޭން ގެންގުޅޭ އެއްޗެއް ހެއްޔެވެ؟

"މާ ހުންނަންޖެހޭނީ ގަހުގަ ނޫނީ، ނިކަން ރީތި އިސްތަށިގަނޑެއްގަ،" ހަމަ އެކަނި ނަޒްދާއަށް އިވޭ ވަރަށް އޭނަ ބުންޏެވެ. "އެކަމަކު ބަލަ އެ ފަކީރު އޮންނަން ޖެހުނު ތަން. ސައިކަލެއްގެ މަޑިދަށުގަ. ހެޔޮނުވާނެ އެ ފަކީރަށް އެހެން ހަދަން. އަޅެ ނަޒްދާގެ ބޮލުގަ އެ މާ ޖަހާލަބަލަ! ހުވާކޮށްފަ މި ބުނީ އޭރުން ފަސް ސަތޭކަ މީހުންނަށް އެއްފަހަރާ ކާންދޭނަން."

ޕެޓުރޯލުހޮޅި މޮޅު ގޮތަކަށް ތާށިކޮށްލައިފައި، ކުއްލިއަކަށް މާ ނަގައި ނަޒްދާ ބޮލަށް ޖަހައިލިއެވެ. އެއީ، މީހެއްގެ ލޮލުގައި އަޅައިނުގަންނާނެހައި ހަލުވިކޮށް ނަޒްދާ ކޮށް ނިންމައިލި ކަމެކެވެ. ހީވީ ކޮންމެ ދުވަހަކު ކުރާ ކަމެއްހެންނެވެ.

"މި ފަހަރު އެނގޭނެ ތީ ކިހާ ޓްރަސްޓުކުރެވޭ މީހެއްކަން." ޕެޓުރޯލުއަޅައި ނިންމައިލަމުން ނަޒްދާ ބުނެލިއެވެ.

އޭނަ ހިނިތުންވެލައިފައި ސައިކަލަށް އަރައި ނައްޓައިލިއެވެ. ސައިކަލުގެ ލޯގަނޑުން ވެސް ނަޒްދާއަށް ބަލައިލިއެވެ. ހުރިހައި ކަމެއް ހިނގައިދިޔައީ ކިތަންމެ ސިއްރުންކަމުގައި ވިޔަސް، ހަނާ އެ ހުރިހައި މަންޒަރެއް ބެލިއެވެ. ހިދުމަތް ހޯދަން އައިސް ތިބި މީހުންނަށް ހިދުމަތްދެވުމުން، ތަން ހުސްވެ ލިބުނު ދަނޑިވަޅުގައި، ނަޒްދާ ގާތަށް ހަނާ އައެވެ.

"ކިހިނެއް މި ވީ؟" ނަޒްދާގެ ބޮލުގައި ޖަހައިފައިވާ މަލަށް ބަލައިލަމުން ހަނާ އެހިއެވެ. "ހާދަ ރީތި ރޯސްއެއް."

"އަހަރެން މި މާ ޖަހައިފިއްޔާ، ފަސް ސަތޭކަ މީހުންނަށް އެއްފަހަރާ ކާންދޭނަމޯ!" ނަޒްދާ ބުންޏެވެ. " ޗެލެންޖުކުރަން ވެއްޖެއްޔާ އަހަންނަށް ވެސް ކުރެވޭނެ. މި ފަހަރު އެނގޭނެ އެއީ ކިހާ ފޭކު މީހެއްކަން."

"އޭނަ އެ ކަން ކުރިޔަސް ނުކުރިޔަސް ނަޒޫއަށް އެނގޭނެ؟" ހަނާ ސުވާލުކުރިއެވެ.

"ތި ކަމާ ވިސްނަންޖެހޭނީ އޭނައެއްނު!" ނަޒްދާ ބުނެލިއެވެ. "އަހަރެންގެ ލޮލަށް އެ މަންޒަރު ޖެހޭނެ ދައްކަން. އެހެން ނޫނީ އެއީ ނުވާ ކަމެއް."

މުޖުތަބާ ފުރާ ދުވަސް ޖެހުނެވެ. ފުރުވަން އެއާޕޯޓަށްދާން ނަޒްދާ ބޭނުންވި ނަމަވެސް މުޖުތަބާ އެ ކަން ހުއްޓުވީއެވެ. އަޒާން ރޮއިފާނެތީއެވެ. ނަޒްދާ ހިތަށްއެރިއެވެ. ގެއިން ވަކިވިޔަސް އަޒާން ރޯ ނަމަ ރޯނެއެވެ. މުޖުތަބާ ބިރުގަތީ ނުފެންނަންވާ މަންޒަރެއް އެއާޕޯޓުން ނަޒްދާއަށް ފެނިދާނެތީއެވެ. އެ ދަތުރު ރޭވުނު ދުވަހުން ފެށިގެން ފުރުމާ ހަމައަށް ވެސް ކަންކަން ހިނގައިދިޔައީ ނަޒްދާއަށް ޝައްކުކުރެވޭ ކަހަލަ ގޮތަކަށެވެ. ޝައްކުކުރެވުނީ އެންމެ މީހަކަށެވެ. ނީޒާއަށެވެ.

ގަޑިއެއްހައި އިރު ފަހުން ނީޒާގެ ފޯނަށް ނަޒްދާ ގުޅިއެވެ. ގުޅާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ނުގުޅައި ވެސް ނުހުރެވުނީއެވެ. ނަޒްދާގެ ނަންބަރު ފެނުމުން ނީޒާ ވީ އުފަލެއް ބުނަން ވެސް ނޭނގެއެވެ. ނީޒާ ފޯނު ނެގިއެވެ. އެއާޕޯޓުން އާންމުކޮށް އިވޭ ކަހަލަ އެނައުންސްމަންޓެއްގެ އަޑު، ދުރުދުރުން ނަޒްދާއަށް އިވުނެވެ. ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އޭރު ނީޒާއާއި މުޖުތަބާ ތިބީ އެއާޕޯޓުގައި ހުރި ރެސްޓޯރަންޓެއްގައެވެ. އަޒާން އިނީ އިއާފޯނު ޖަހައިގެން ފޯނުން ގޭމުކުޅޭށެވެ. ނަޒްދާ ގުޅީ ކީއްކުރަންކަން ނީޒާއަށް ވިސްނުނެވެ. ދަނޑިވަޅުގެ ބޭނުން ނީޒާ ހިފިއެވެ. ވަކި ހިސާބަކަށް ވާހަކަދައްކާފައި ފޯނު ކަނޑައިނުލައި މޭޒުމަތީގައި ބޭއްވިއެވެ. ނަޒްދާ ހީކުރީ އެއީ ނީޒާއަށް ނޭނގި ކުރެވުނު ކަމެއްކަމަށެވެ.

"ކާކު ގުޅީ؟" މުޖުތަބާ އެހި އަޑު އިވުނެވެ.

ނުނިމޭ

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީއޭމީ

09 November 2022

ވަރަށް ރިޗް މީހެއް ކަންނޭނގެދޯ.. އަހަރުމެން ނުދަންނަ މީހެއް ގުޅާލިޔަސް ފޭސްބުކްގެ ޕީޕަލް ޔޫމޭ ނޯ އަށް އަރާ.. ނަޒްދާއަށް ނުވޭތަ އެކަހަލަގޮތެއް؟

The name is already taken The name is available. Register?

ނާޒިމާ

09 November 2022

އަޅެ ނަޖްދާ އެއީ މަނަމަ… ހާދަ ރޮމް ފިރިހެނެކޭ ހުވާމިބުނީ.. ހިތަށް އަރާ މަނަށް އޭނަ ލިބޭނެ ނަމައޭ…❤️

The name is already taken The name is available. Register?

ފޫހި

09 November 2022

އެއްޗެއް ނުބުނެ ނިކަން ނީޒާ ފޮނުވި ފޮޓޯތައް މުޖޫ އަށް ފޮނުވާލަބަލަ. އޭރުން ބެންކޮކަށް ދިއުމުގެ ކުރިން މުޖޫއަށް އޮންނާނީ މަޖާ ކުރެވިފަ.. ނަޒްދާ ވެސް އަންނަ ރުޅީގެ ވެސް ކުރަން ވާ ކަންކަން ކޮށްބަލަ. އަނގައިން ނުބުނެ ހުރެ ހައްލެއް ނުވާނެ..

The name is already taken The name is available. Register?

އާލާ

09 November 2022

އަޅޭ ބަލާބަ ލޯބިކަން އޭނަ. ރޮމޭންޓިކް މީހެއް އިނގޭ ހުވާ. މަ ބޭނުން އޭނަ.

The name is already taken The name is available. Register?

ބިންމާގެ ފޭން

09 November 2022

ބިންމާޔާ ބުނާކަށް ދެން ތިޔަ މުޖުތަބާއެއްގެ ވާހަކަ މީގަ ލިޔާނެ ކަމެއްނެތް. އޭނަ ޔާ ނަޒޫގެ ބައި އެކަނި ހިމަނާލާ. ވަރަށް ލޯބި މިބައިވެސް. ދެން ދުވަހަކުން އަވަހަށް އަޕް ކޮށްލައްޗޭ ބާކީ ބައި.

The name is already taken The name is available. Register?

އޭނަ ގެ އިންތިޒާރުގަ

09 November 2022

ވާވް، ސޯ ސުވީޓް ލޯބި ލޯބި އޭނަ. މަށަަށް އޭނަ ދީބަލަ ބިންމާ.

The name is already taken The name is available. Register?

ހިޔަލާ

09 November 2022

ވަރަށް ރީތި މިވާހަކަ

The name is already taken The name is available. Register?

ތަސްލީމާ

09 November 2022

މާލަސް ތިކުރީ މިއަދުގެ ބައި. ތިދިނީ މިކުރި އިންތިޒާރަށްވުރެވެސް ބޮޑު އަނިޔާއެއް. ބިންމާ އަކަށް ނޭނގޭތަ މިހާރުވެސް މި ނިކަމެތި ހިތަށްވާ ތަދު؟؟ މިވާހަކަ ކިޔަން ފެށީއްސުރެން މަ މިއުޅެނީ މިހާލެއްގަ. މީގަ އުޅޭ އޭނަ ދެކެ މަށަށްވެސް މިހުރީ ލޯބި ވެވިފަ ތޯއްޗެ. އަނެއްކާ މަ މެންޓަލް ވީބާ؟؟

The name is already taken The name is available. Register?

މީރާ

09 November 2022

މުއްސަނދިވެސް ސޮރެކޭދޯ. އެހުރީ ވިއްޔަ ބުނެލާ އެއްޗިސް.

The name is already taken The name is available. Register?

ލީން

09 November 2022

ހާދަ ލަހުންނޭ އަޕްޑޭޓްތިކުރީ. ކިހާ އިރަކު އިންތިޒާރު މިކުރީ. އާދިއްތަ ދުވަހުގެ ބައި ކިޔާ ނިމުނީއްސުރެން ފެށިގެން އިންތިޒާރުގަ މިހުރީ. މިހެން ދެން ނުހަދައްޗޭ. މަށަކީ ވަރަށް ކެތްތެރިކަން ކުޑަމީހެއް އިނގޭ މިފަހަރު ބިންމާ އަށްޓަކާ ކެތްކުރިޔަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454