ފައިލު ނަންބަރު 001

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)


އަންހެން ޖިންނިއެއް ފިރިހެނަކާ އަވަލެވުމަކީ، ޙައްލު ހޯދަން އުނދަގޫ މައްސަލައެކެވެ. އެ ޖިންނި އެއްވެސް ގޯނާއެއް ނުކުރާނެއެވެ. އަނިޔާއެއް ނުކުރާނެއެވެ. އެ ކަމުގައި ބާތިލުކުރާނެ ސިހުރެއް ވެސް ނޯންނާނެއެވެ. ޖިންނި ބަލާނީ، ޢިޝްޤީ ލޯބިވެގެން އެ އިންސާނަކާއެކު ވީހާ ވެސް ގިނަ ދުވަހަކު އުޅެވޭތޯއެވެ.

"އެއީ ކީއްވެ ކޮންމެހެން އިންސާނަކާ އަޅައިގަތީ؟" ހަބީބު ކުރީ އަހަރެން ވެސް ކުރަން ބޭނުންވެފައި ހުރި ސުވާލެވެ. "ކަލޭމެންގެ ތެރޭގަ އުޅޭ ފިރިހެން އެއްޗެހި ހުސްވީތަ؟"

"އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫން،" ޖިންނީގެ ރާގު އަނެއްކާ ވެސް ހަރުކަށިވިއެވެ. "މަ ބޭނުން ގޮތަކަށް މަ ކަންތައް ކުރާނީ."

ހަރުފަ ލައްވާ އަޑު ލައްވަމުން ހާޝިމް ވާހަކަދެއްކިއެވެ. އެ ތަނަށް ވެރިވެފައިވަނީ އާދަޔާޚިލާފު ފިނިކަމެކެވެ. އަހަންނަށް އެ ފިނިކަން އިހުސާސް ކުރެވެއެވެ. އެ ވަގުތު އަހަރެން އެކަނި ހުރި ނަމަ، ދެން ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނީހެވެ.

"ކަލޭ ބޭނުންހާ ގޮތަކަށް ނުކުރެވޭނެ،" ހަބީބު ގަޑިއަށް ބަލައިލަމުން ބުންޏެވެ. "އޭނަ ދޫކޮށްލާފަ ކިހާ އަވަހަކަށް ކަލެއަށް މި ތަނުން ދެވޭނީ؟"

"މަށަކަށް ނުދެވޭނެ،" ޖިންނި އިންކާރު ކުރިއެވެ. "ނުދެވޭނީކީ ނޫން. ނުދާނަން. އެންމެ ގޮތެއް އޮތީ. ކަލޭމެން ޖެހޭނީ މަ މަރާލަން."

ރައްދު ދިނުމުގެ ބަދަލުގައި ހަބީބު ކިޔަވަން ފެށީ ޖިންނި ސޫރަތެވެ. ތަންކޮޅަކަށް ކިއިތަނާ ހާޝިމް ރޯން ފެށިއެވެ. ހީވަނީ އަންހެނެއްހެންނެވެ. ރޯލެއް އަސަރުގަދަކަމުން އެހެން މީހުންނަށް ރޮވޭވަރު ވެއެވެ. ހާޝިމްގެ ބޭބެ ފެންކަޅިވިއެވެ. އަހަރުމެންނަށް އެއީ އާ މަންޒަރެއް ނޫނެވެ. ހާޝިމް މާ ގިނައިން ރޯން ފެށުމުން އޭނަގެ އަނގައަށް ހަބީބު ކުޑަ ފެންފޮދެއް އަޅައިލިއެވެ. ވަގުތުން ރުއިން ހުއްޓައިލިއެވެ. އޭގެ ފަހުން، ފެންފުޅީގައި އަތް ޖައްސައިލިޔަސް ހާޝިމް ރުއިން ހުއްޓައިލައެވެ.

"އަދިވެސް އަހަރުމެން ކުރިއަށް ގެންދަންވީ؟" ހަބީބު އެހިއެވެ.

ހާޝިމް ވާހަކައެއް ނުދައްކައެވެ. އެކަމަކު، އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ދެން ކިޔަވަން ފެށީ ބަޤަރާ ސޫރަތުންނެވެ. ހާޝިމް ވަރަށް ރަނގަޅަށް އަޑުއެހިއެވެ. ނުވެސް ހެޔެވެ. ހަރަކާތެއް ވެސް ނުކުރެއެވެ. ޤުރުއާންގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ އަންގަވައިފައިވާ ސޫރަތްތައް ވެސް ކިޔެވީމެވެ. އޭގެ ފަހުން ވެސް ޖިންނި ސޫރަތް ކިޔެވީމެވެ. ވަކި ހިސާބަކުން ހާޝިމް ބޯޖަހަން ފެށިއެވެ. ސޫރަތުގައި އައިސްފައިވާ ވާހަކަތައް ތިމަންނަ ގަބޫލުކުރަމޭ ބުނާ ކަހަލައެވެ. އެ ވަރަކުން ހަބީބު ދުލެއްނުކުރިއެވެ. ހުއްޓައިނުލައި ކިޔެވީއެވެ. ހާޝިމް ގައިގެ އެކި ތަންތަނުގައި ފިރުމަން ފެށިއެވެ. އަހަރުމެންނަށް އެނގުނެވެ. ޖިންނި އުޅުނީ ފިލާނެ ތަނެއް ހޯދާށެވެ. އެކި ހުޅުހުޅު ތެރެއަށް ވަދެނުކުމެ ހެދިއެވެ. އެއްތާކު ވެސް ފިލައެއް ނޯވެވުނެވެ. ވަންނަ ކޮންމެ ތަނެއް ހާޝިމް ބުނެދެއެވެ. އިނގިލީގެ ހުޅުގެ ތެރެއަށް ވަނުމުން އިނގިލި ހިފެހެއްޓީމެވެ. އެއްވެސް ތާކަށް ނުދެވޭ ގޮތަށް ޖިންނި ހައްޔަރުކޮށްލީމެވެ.

"އާނއާނ!" ހާޝިމް އެއްބަސްވިއެވެ. "މަ އިސްލާމް ވާނަން. މަށަށް އެނގޭ!"

އަހަރެން ޝަހާދަތް ކިޔައިދޭން ފެށީމެވެ. ހާޝިމް ފަހަތުން ކިޔެވެ. ވަރަށް މަޑުންނެވެ. ބާރަށް ކިޔަން ބުނުމުން ބާރަށް ވެސް ކިޔެވެ. ތިން ފަހަރު ކިޔުއްވީމެވެ.

"ދެން އަހަރެން ދޫކޮށްލާ!" އާދޭހުގެ ރާގުގައި "ހާޝިމް" އެދުނެވެ. "މިހާރު ކިހާ ވަރެއް މަށަށް ކުރެވިއްޖެ!"

"އެހެނޭ ވާނީ،" އަހަރެން ވަރަށް ތެދަށް ބުނީމެވެ. "އަހަންނަކަށް ކަލޭމެން ފެންނަނީކީ ނޫން. އެހެންވެ ކިޔަން ހުންނަ ހުރިހާ އެއްޗެއް އަހަރެން ކިޔާނެއްނު. އަހަރުމެންގެ މީހަކަށް ވިއްޔަ ގޯނާ ތި ކުރަނީ. އަހަރެން ބުނެގެންތަ ކަލޭ އައީ؟ އެންމެ ފުރަތަމަ ވެސް ބުނިން ރީތިކޮށް ދާށޭ އެހެންނޫނީ ގަދަކަމުން ވިޔަސް ފޮނުވާލާނަމޭ. ހަމަ ބުނާއިރަށް ބުނެފި ނުދާނަމޭ. އަހަންނަކީ މި ކަމަކަށް މާ މޮޅު މީހެއް ނޫން. އަހަންނަށް އެނގެނީ ޤުރުއާން. އޭގެ ބޭނުން އަހަރެން ކުރީ. އަދި އަންނާނަން؟"

"ނާންނާނަން،" ޖިންނިއަށް ގޮތް ހުސްވިއެވެ. "ދެން ނާންނާނަން."

ޖިންނީން އިސްލާމްވުމުން މުސްލިމުންނަށް ކިޔާ ކަހަލަ ނަމަކަށް ނަން ބަދަލުކުރެއެވެ. އެ ފަދަ ނަމެއް ނުދީފި ނަމަ ނަމެއް ނޯންނާނެއެވެ. ހާޝިމާ އަވަލެވި ޖިންނިއަށް ނަމެއް ނުދޭތީ ނަމެއް ނެތެވެ. އަހަރުމެން އެދުނީ އޭނަގެ އަހުލުވެރިންގެ ގާތަށް ގޮސް ނަމެއް ހޯދާށެވެ. އެކަމަކު، ހާޝިމަށް ދެން އެއްވެސް ގޯނާއެއް ނުކުރުމަށެވެ. ޖިންނި އެއްބަސްވިއެވެ.

"އަހަންނެއް ދެނެއް ނާންނާނަން. އެކަމަކު،" ޖިންނި ހަނދާންކޮށްދިނެވެ. "އަހަރުމެންގެ މީހުން އަދި އަންނާނެ. އެ ކަމެއް މަށަކަށް ނުވެސް ހުއްޓުވޭނެ."

ޖިންނި އެހެން ބުނީ އިސްލާމްވުމަށް ފަހުގައި ކަމަށް ވީތީ، އަހަރުމެން ބެލީ އެއީ ތެދެއްކަމަށެވެ. އެ ކަމަށް ތައްޔާރުވީމެވެ. އެއްފަހަރު ވެސް ޖިންނި އަވަލަވައިފި މީހަކާ މެދު އެހެން ޖިންނީންގެ ޝައުޤުވެރިކަން އުފެދެއެވެ. އެ ފަދަ މީހެއްގެ ހަށިގަނޑުތެރެއަށް ވަދެނުކުމެ ހަދަން ޖިންނީން އަވަސްވެގަނެވެ. ލިބޭ ކޮންމެވެސް ހިތްހަމަޖެހުމަކަށްޓަކައެވެ. ނުވަތަ ވަދެނުކުތުމުގެ ހުނަރު އިތުރުކުރުމަށްޓަކައެވެ.

ހާޝިމަށް އިތުރު އުނދަގޫތައް ކުރިމަތިވިއެވެ. ހަބީބު އެ ގެއަށް ދިޔައިރު، އޭނަޔާ އެކުގައި އަހަރެން ވެސް ދިޔައީމެވެ. އެ ފަދަ ކޮންމެ ހާދިސާއަކީ ދަސްކުރަން އަހަންނަށް ލިބޭ ފުރުޞަތެކެވެ. ހަބީބާ އެކުގައި އަހަރެން ދަމެވެ. ހާޝިމަކީ އަހަރެންގެ ފުރަތަމަ ތަޖުރިބާއެވެ. އޭނަ އެއްކޮށް ރަނގަޅުވާތަން ދެކެން އަހަރެން ބޭނުމެވެ. ހަބީބު ކިޔަވަމުންދިޔައިރު، ހާޝިމް އިންޒާރު ދިނެވެ.

"މަށަކީ މާރިދެއް،" އަމުރުވެރި ރާގެއްގައި ހާޝިމް ބުންޏެވެ. "ތިހާ ފަސޭހައިން މަށެއް ބައްޔެއް ނުކުރެވޭނެ. މާ ފާޑުފާޑުކުރަންޏާ ކަލޭމެން ދެ މީހުން އެއްކޮށް ދުއްވާލަފާނަން."

ޤުރުއާން ކިޔެވުމުގައި ހަބީބު ދެމިހުއްޓެވެ. ހާޝިމް ދެއްކި އެއްވެސް ވާހަކައަކަށް ރައްދެއް ނުދެއެވެ. އަޒާބުގެ ވާހަކަ ހަމަ ފެށިތަނާ ހާޝިމް ރޮއިހޭރިގަތެވެ.

"ހުއްޓާލާހުއްޓާލާ!" ހާޝިމް އާދޭސްކުރަން ފެށިއެވެ. "މަށެއް ދެނެއް ނާންނާނަން. މި ދަނީ."

އިސްލާމް ނުވާހާ ހިނދަކު، ޖިންނިސައިތާނުންނަކީ ތެދުބުނާ ބައެއް ނޫނެވެ. އަހަރުމެންނަށް އެ ކަން އެނގެއެވެ. ބައެއް އެއްޗެހި ބުނާއިރު ތެދެއްހެން ހީވިޔަސް، އޭގެ ފަހަތުގައި ކެހިވެރި ރޭވުމެއް އޮންނާނެއެވެ. ހަބީބު ކިޔެވުން ހުއްޓައިލިއެވެ. ހާޝިމް ލޯ ހުޅުވައިލިއެވެ. ވަރަށް ހަމަޖެހިލައިފައި ތެދުވިއެވެ. އޭރު އޭނަގެ ހަރަކާތްތައް އިންސާނެއްގެ ހަރަކާތްތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. މުޅީން ރަނގަޅުވި ކަހަލައެވެ.

"ހީސްލަވައިގަނެއްޖެ!" ހާޝިމް ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ހެޔޮތަ ފާޚާނައަށް ވަދެލިޔަސް؟"

ފާޚާނައަށް ވަންނަ ވާހަކަ އަހަރުމެން ގާތުގައި އަހާކަށް ނުޖެހެއެވެ. އަހަރުމެން ތިބީ ހާޝިމްގެ ގޭގައެވެ. އޭނަގެ ގޭގެ އެއްވެސް ތަނެއް އޭނައަކަށް މަނައެއް ނުވާނެއެވެ. އަހަންނާއި ހަބީބު އެކަކުއަނެކަކަށް ބަލައިލީމެވެ.

"އަހަރުމެންނަށް އަޑުއިވޭ ވަރަށް ޖެހޭނެ، ފާޚާނައަށް ވަނުމުގެ ކުރިން ކިޔާ ދުޢާ ކިޔަން." ހަބީބު އެދުނެވެ.

ފާޚާނައަކީ ޖިންނިސައިތާނުން ދިރިއުޅޭ ތަނެކެވެ. ކޮންމެ ބަޔަކު ވެސް އެ ބަޔަކު ދިރިއުޅޭ ތަނަކަށް ވަދެވުމުން ރައްކާތެރިކަމެއް އިހުސާސް ކުރެވޭނެއެވެ. ހާޝިމް ފާޚާނައަށް އެއް ފައި ލުމަށް ފަހު ވަރަށް ބާރަށް ހީނގަތެވެ. އަހަރުމެން ގޮސް ހާޝިމްގެ އަތުގައި ހިފީމެވެ. އޭނަ ނެރެންޖެހުނީ ގަދަކަމުންނެވެ. ގެނެސް ސޯފާގައި ބާއްވާފައި އަނެއްކާ ވެސް ކިޔަވަން ފެށީމެވެ. ރޭގަނޑު އަށެއްޖެހީއްސުރެ ދަންވަރު ދޭއްޖަހަންދެން އަހަރުމެން ކިޔެވީމެވެ. އެ ހިސާބަށް ދިޔައިރު ހާޝިމާއި އަހަރުމެން ވެސް ތިބީ ވަރުބަލިވެފައެވެ. ލަފާކުރެވުނު ގޮތުގައި ޖިންނި ވެސް ވަރުބަލިވީއެވެ. ހާޝިމްގެ ހަށިގަނޑު ދޫކޮށްލައިފައި ޖިންނި ރައްކާވިއެވެ. ނިންމާލުމުގެ ގޮތުން ހާޝިމަށް "ބޭހެއް" ދިނީމެވެ. އެ އިން ހާޝިމްގެ އެތެރެހަށި ސާފުކޮށްދިނެވެ. އޭނައަށް ހުރީ ސިހުރުހަދައިފައެވެ. ބޭނުން ނަމަ ސިހުރުހެދި މީހާ ވެސް އެނގުނީހެވެ. އެކަމަކު، އެއީ އަހަރުމެން ކުރާ ކަމެއް ނޫނެވެ. އަހަރުމެން ބަލަނީ މައްސަލައިގެ ޙައްލެވެ. މައްސަލައިން އިތުރު މައްސަލައެއް އުފެއްދުމެއް ނޫނެވެ.

ރުޤްޔާ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އަހަރެން މަސައްކަތް ކުރީ ކިޔަވާ ހުރިހާ އެއްޗެއް ހިތުންދަސްކުރާށެވެ. އެ ކަން ނުވަނީސް ކުއްލިއަކަށް އެ ކަމުގެ ތެރެއަށް ވަދެވުނީއެވެ. ހަބީބު އެދުނީ، ބަލައިގެން ކިޔަވަން ވިޔަސް ކުރިޔަށް ދިޔުމެވެ. އެއީ ވެސް އެ ކަން ކުރާ ގޮތެކެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރުމަށް ވެސް ހަބީބު ލަފާދިނެވެ. ރުޤްޔާގެ ދަންފަޅިއެއް ނިންމުމަށް ފަހު ގެއަށް ވަނުމުގައި ހުސިޔާރު ވާންޖެހެއެވެ. އަހަރެންގެ ޢާއިލާ ރޫޅައިލުމަށްޓަކައި އަހަރެންގެ ބޯކޮޅުބަލާ ބަޔަކު ތިބޭނެއެވެ. ނަމަވެސް، ހަނދާނަކީ އިންސާނާއަށް ކެހިދޭ އެއްޗެކެވެ.

ރުޤްޔާކުރުމުގައި އުޅެފައި ގިނަ ރޭރޭ އަހަރެން ގެއަށް އަންނަނީ ދަންވަރުއެވެ. އޭގެތެރެއިން ރެއެކެވެ. އޭރު ދަތުރު ނިންމައިފައި ގޭގެ އެންމެން އެނބުރި އަތުވެއްޖެއެވެ. އަހަރެން ގެއަށް ވަންއިރު ގޭތެރެ އޮތީ ވަރަށް އަމާންކޮށެވެ. އެ ރެއަކީ، ގެއަށް ވަންނަމުން ކިޔާ ދުޢާ ކިޔަން އަހަރެން ހަނދާން ނެތުނު ރެޔެކެވެ. ގެއަށް ވަންއިރު، ސޯފާގައި މީހަކު އިށީނދެގެން އިނެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ފަނޑު އައްޔެކެވެ. "އާދެވުނީދޯ؟" އަހަންނަށް އިވުނީ އަހަރެންގެ އަނބިމީހާގެ އަޑެވެ.

އަހަރެން ބޮކި ދިއްލައިލީމެވެ. ސޯފާގައި އިނީ އަހަރެންގެ އަންހެނުން ނޫން ދެވަނަ މީހެއް ނޫނެވެ. އެކަމަކު، އޭނައަކީ އަހަރެން ލަހުން ގެއަށް އައިސްގެން ދުވަހަކު ވެސް ޝަކުވާ ކުރި މީހެއް ނޫނެވެ.

"ތި އުޅޭ ތަނެއްގަ ނިދަން ދާންވީނު." އޭނަ ކަޅިއަޅައިލައިފައި މަޑުމަޑުން ބުންޏެވެ.

އަހަރެން ރައްދުދިން ނަމަ، ވަރުގަދަ ޒުވާބަކަށް ވީހެވެ. އިންސާނުންނަށް ކެހިދޭން ސައިތާނާ އެންމެ ގިނައިން ކުރާ ކަމަކީ ދެމަފިރިން ދޭތެރެޖެއްސުމެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެންމެ ފަހުން ވަރުބަލިވެގެން އަންހެނުން ގޮސް ކޮޓަރިއަށް ވަނެވެ. އަހަރެން ކޮޓަރިއަށް ވަނީ ބިސްމީގެ ބަރަކާތް ލިބިގެންނެވެ. އަންހެނުން އޮތީ ނިދާފައެވެ. އަހަރެން ގޮވައިލީމައި ވެސް އޭނައަކަށް ނުހޭލެވުނެވެ. އެއީ އޭނަގެ އާދައެވެ. ވަސްވާސްދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރުމަކީ ޖިންނިސައިތާނުންގެ އާދައެވެ. މާދަމާ ކަންތައް ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. މިއަދާ ހަމައަށް، ސައިތާނާގެ މަޅިއެއްގައި އަހަންނެއް ނުޖެއްސެއެވެ. ﷲ އިރާދަކުރެއްވިއްޔާ ނުވެސް ޖެއްސޭނެއެވެ.

ނިމުނީ