"ހަބޭސް" ފެއިމްގެ ޕާޓްނަރަކަށް

އެކި ދާއިރާތަކުން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުތައް ތަރައްގީކޮށް ކުރިއަރުވަން ރާއްޖެ އާއި އިންޑިއާ ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާ ފްރެންޑްޝިޕް އެސޯސިއޭޝަން އިންޑިއާ މޯލްޑިވްސް (ފެއިމް) ގެ ޕާޓްނަރަކަށް މަޝްހޫރު ބޮޑުބެރު ބޭންޑް "ހަބޭސް" ހަމަޖައްސައިފި އެވެ.


އެ ބޭންޑަކީ ފެއިމްއާ ގުޅިގެން ރާއްޖޭގެ ސަގާފީ މިއުޒިކް ކުރިއަރުވަން މަސައްކަތް ކުރަން އެއްބަސްވި ފުރަތަމަ ބޭންޑެވެ.

"ހަބޭސް" ގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ މީގެ ކުރިން ވެސް އެ ބޭންޑަކީ ފެއިމާ އެކު މަސައްކަތްތަކެއްކޮށްފައިވާ ބޭންޑެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ރަސްމީކޮށް ފެއިމްގެ ޕާޓްނަރަކަށް "ހަބޭސް" ވެގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

"މީގެ ސަބަބުން އަހަރެމެން ބޭންޑްގެ ކުދިންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރެވެނީ. އަދި އިންޑިއާ ކަހަލަ ގައުމެއް ތަމްސީލް ކުރާ އެސޯސިއޭޝަނަކާ އެފިލިއޭޓްވީމަ، ޓެލެންޓް ޑިވެލޮޕްކޮށް، ޝެއާ ކުރަން ވެސް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރަނީ،" އައްޔަ ބުންޏެވެ.

ފެއިމްގެ ޖެނެރެލް ސެކްރެޓަރީ މަރިޔަމް ސުހާނާ ވިދާޅުވީ އެ ޖަމިއްޔާގެ ބައިވެރިއަކަށް "ހަބޭސް" ވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ރާއްޖޭގެ ކަލްޗްރަލް މިއުޒިކްގެ ދާއިރާ އިން ކުރެވޭ މަސައްކަތްތަކަށް ބަލާ އިރު، ހަބޭހަކީ އެންމެ ވަރުގަދަކޮށް، އެންމެ ފުޅާކޮށް މި މަސައްކަތް ކުރާ ބޭންޑް. އެހެންވީމަ އަޅުގަނޑުމެންނާއި ހަބޭހާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ،" ނޫސްވެރިކަމުގެ ދާއިރާގައި ވެސް ކުރިން އުޅުއްވި ސުހާނާ ވިދާޅުވި އެވެ. "ފެއިމްއާ ހަބޭސް ގުޅުނީތީ އެ ބޭންޑްގެ ވެރިޔާ އައްޔަ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން."

"ހަބޭސް" އަކީ މިހާރު ފެއިމްގެ ޕާޓްނަރެއް.

އޭނާ ވިދާޅުވީ ފެއިމްގެ ކަލްޗްރަލް ޕާޓްނަރަކަށް "ހަބޭސް" ވެގެން ދިއުމުން، އެ ޖަމިއްޔާ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތަމްސީލު ކުރާ ކަންކަމުގައި ބޭންޑްގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނާނެ ކަމަށެވެ.

"މިގޮތަށް ހަމަ އަޅުގަނޑުމެންނާ ޖޮއިން ކުރަން ބޭނުންވާ އެހެން ގްރޫޕްތަކަށް ވެސް އެ ފުރުސަތު އެބަ އޮތް،" ސުހާނާ ވިދާޅުވި އެވެ.

ފެއިމް ވުޖޫދަށް އައީ މީގެ ހަތް އަހަރު ކުރިންނެވެ. އެ ޖަމިއްޔާ ހަރަކާތްތެރި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އާއި އިންޑިއާގެ ކަލްޗްރަލް ސެންޓަރާ ވެސް ގުޅިގެންނެވެ.

ފެއިމުން މިހާރު ވަނީ އެކި ދައިރާތަކުން މީހުން ބިނާ ކުރުމުގެ މަސައްކަތް ރަރަށްރަށުގައި ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ.

"އެހެންވީމާ މި އަހަރުގެ ތެރޭގައި ވަރަށް ގިނަ ހަރަކާތްތަކެއް މާލެ އާއި އަތޮޅުތެރޭގައި ވެސް ހިންގޭނެ،" ސުހާނާ ވިދާޅުވި އެވެ.

ފެއިމްއާ ގުޅުމަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.