މުނިފޫހިފިލުވުން / ވާހަކަ

ހިތް

އާދިއްތަ ދުވަހާ ގުޅޭ

"އެ ނަޒްދާ މިރޭ މަރުވެއްޖެ!" އިސްޖަހާލައިގެން އިން ނަޒްދާ ބުންޏެވެ.

"އަހަންނަކަށް ނޭނގެ މިރޭ އަހަރެން ވާންވީ އުފާކަމެއް ދެރަކަމެއް،" އޭނަ ތެދުވަމުން ބުންޏެވެ. "އިރުއިރުކޮޅާ އަހަރެން އެބަ ބުނަން އަހަރެން ވަރަށް ލޯބިވެޔޭ. ނަޒްދާ ދުވަހަކު ވެސް ނުބުނޭ އަހަރެން ދެކެ ލޯބިވަމެކޭ. އެ ކަމަކާ އަހަރެންގެ ޝަކުވާއެއް ނެތް. ނަޒްދާ މެރިޑް. އަހަރެން ސިންގަލް. އަހަރެން ބުނާ ކޮންމެ އެއްޗެއް ނަޒްދާއަކަށް ނުބުނެވޭނެ. ބުނެގެން ވެސް ނުވާނެ. އެ ކަމަށް އަހަރެން ރެސްޕެކްޓްކުރާނަން."

އެއީ ނަޒްދާ އަބަދު ވެސް ހިތަށްއެރި އެއްޗެކެވެ. އެ ކަން ފާހަގަކުރަން އެންމެ ބޭނުންވި މީހާ އެ ކަން ފާހަގަކުރީތީ ނަޒްދާ އުފާވިއެވެ. ހަޔާތަށް ގެންނަން ނަޒްދާ ބޭނުންވަނީ އެ ކަހަލަ، ސާދާ މީހެކެވެ. އަންހެނުންނަށް އިހުތިރާމުކުރާ މީހަކަށް މެނުވީ އަނބިމީހާއަށް ލޯތްބެއް ނުދެވޭނެއެވެ. ވަފާތެރިއެއް ވެސް ނުވެވޭނެއެވެ. އެއީ ނަޒްދާ ދެކޭ ގޮތެވެ.

"އެކަމަކު.." އޭނަ ތެދުވަމުން ބުންޏެވެ. "މިރޭ ނަޒްދާއަށް ދޭން އެއްޗެއް ގެނެސްގެން މިއުޅެނީ. އޭތި ގަބޫލުކޮށްފިއްޔާ ދުވަހަކު ވެސް މީހަކު އަހަންނަށް ނުދޭ ވަރުގެ އުފަލެއް ނަޒްދާއަށް އެ ދެވުނީ. މި ދަނީ އެ ބަލާ. ދޭ އިރަށް ވަގުތުން ހުޅުވާފަ ބަލަންވާނެ. ބޭނުން ނުކުރާނެކަމަށް ވަންޏާ،" އިތުރަށް ވިސްނައިލައިފައި އޭނަ ބުންޏެވެ. "ވަގުތުން ކަނޑަށް ހޫރާލާ! އޯކޭތަ؟"

ނަޒްދާ ގާތަށް ކުޑަކޮށް ހިނިއައެވެ. ހިތަށްއެރިއެވެ. އޭނަ ކުރަން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ދޭން އުޅެނީ ކޯޗެއް ހެއްޔެވެ؟ އޭނަ ދޭހާ އެއްޗެއް ނަޒްދާއަށް ގަބޫލުކުރެވޭނެ ހެއްޔެވެ؟

"ކިހިނެއް ދެން ތިއަށް އާނއެކޭ ބުނާނީ؟" ނަޒްދާ ސުވާލުކުރިއެވެ.

"އަހަންނަށް އިތުބާރުކޮށްފަ، ދެލޯމަރާލާފަ،" އޭނަ އެދުނެވެ. "ބޯމަތީގަ އެހެރަ ހަނދާ، މިހިރަ ތަރިތަކާ، ވަށައިގެން މި އޮތް ކަނޑާ ހެކިކޮށް މި ބުނަނީ، ނަޒްދާއަށް ގަބޫލުނުކުރެވޭ ވަރުގެ އެއްޗެއް އަހަރެން ނުދޭނަން. ކިތަންމެ ދުވަހެއް ވެއްޖެ މި އެއްޗެއް ރައްކާކޮށްގެން އުޅޭތާ! މީ އެންމެ ރަނގަޅު ވަގުތު. ދެން އާނއެކޭ ބުނޭ! ފުން ކަނޑަކަށް ފުންމާލައިގެން ނަޒްދާގެ ފުރާނަ ސަލާމަތްކޮށްދިން މީހަކަށް ކޮންމެވެސް އިތުބާރެއްކުރަން ވާނެ ދޯ؟"

"އާނ!" ނަޒްދާ ފުރަތަމަ ފަހަރަށް އޭނައަށް އިތުބާރުކޮށްފައި ބުންޏެވެ.

އޭނަ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ތިރިޔަށް ފޭބިއެވެ. ނަޒްދާ ބަލަހައްޓައިގެން އިނީ ޝުކުރުވެރި ނަޒަރަކުންނެވެ. އެހައި ލޯބިވާ މީހަކު ލިބޭނީ މަދު މީހަކަށްކަން ނަޒްދާއަށް އެނގެއެވެ. ފިރިމީހާ އުޅުނީ ނަޒްދާ މަރާލާށެވެ. ދުރުހިލޭ މީހާ ނަޒްދާ ސަލާމަތްކުރިއެވެ. އޭނަގެ ބާރުގެ ދަށުގައި ނަޒްދާ އޮތް އިރު ވެސް ނަޒްދާއަށް ދޭންވާ އިހުތިރާމު ދިނެވެ. ލަދުގަންނަ ކަހަލަ ކަމެއް، ދެރަވާ ކަހަލަ ކަމެއް ނުކުރެއެވެ. އެ ވަރުގެ ލޯތްބެއް ހައްގުވާން ނަޒްދާއަކީ ކާކު ހެއްޔެވެ؟ މާ ރީތި މީހެއް ނޫނެވެ. މީހެއްގެ އަންބެކެވެ. ދަރިޔަކު އެބަ ހުއްޓެވެ. ނަޒްދާ ގޮނޑީގައި ހަމަޖެހިލިއެވެ. މައްޗަށް ބަލައިލިއެވެ. ހަމަހިމޭން ޖައްވުގައި އަޖައިބެއް ކަހަލަ ސިއްރެއް ފޮރުވިފައިވިއެވެ. ނަޒްދާގެ ހިތަށް އެންމެ ތަދުވި ވަގުތު، ދުނިޔޭގައިވާ ހުރިހައި އުފަލެއް ފައިތިލައިގައި ބޮސްދެނީއެވެ. އެއީ ނަޒްދާއަށް ކުރެވުނު ކޮން ހެޔޮކަމެއްގެ ބަދަލު ހެއްޔެވެ؟ އޭގެ ޖަވާބެއް ނަޒްދާއަކަށް ނޭނގެއެވެ. އެއް ކަމެއް ކަށަވަރެވެ. މިހާރު ނަޒްދާ ދުނިޔޭގައި ހުރީ ހަމަ އެންމެ މީހެއްގެ ސަބަބުންނެވެ. ހަފުލާއަށް އައުމާއި، ސަފާރީއަށް އަންނަން ނިންމުން އެއީ ނަޒްދާއަށް ނިންމުނު ކޮން ފަދަ ރަނގަޅު ނިންމުމެއް ހެއްޔެވެ؟ އެ ވަގުތު އޭނަ އަންނަ ތަން ފެނުނެވެ. އަތުގައި ކުޑަ ޕާރުސަލެއް އޮތެވެ.

"އަހަރެން ވާހަކައެއް އަހައިލަންތަ؟" ނަޒްދާ ބުންޏެވެ. "މިރޭ މެރީކުރި ދެ މީހުންނާ މީޓުކުރަން އަހަރެން މި ސަފާރީއަށް އައީ. އެ މީހުންނެއް ނެތް. ދެން ކޮން ޕާޓީއެއް އެއީ؟"

"އެ ދެން މުހިންމެއް ނޫނެއްނު!" ގާތުގައި އިށީންނަމުން އޭނަ ބުންޏެވެ. "މުހިންމީ މި ހަދިޔާ! މުހިންމީ މި ވަގުތުކޮޅު. މުހިންމީ ނަޒްދާ!"

އޭނަ ދިނީ ވަރަށް ކުޑަ، ތުނި، ލުއި ފޮއްޓެވެ. ފޮށި ރަންދުކޮށްފައި އޮތީ ފިޔާތޮށިކުލައިގެ ކަރުދާހަކުންނެވެ. ނަޒްދާގެ ހިތް އޭރު ވެސް އަވަސްވެއްޖެއެވެ. ފޮށީގައި ހިފާފައި އޭނަގެ މޫނަށް ނަޒްދާ ބަލައިލިއެވެ. ތި ހުޅުވާށޭ އޭނަގެ ހަރަކާތުން ބުންޏެވެ. ނަޒްދާ މަޑުމަޑުން އެ ކަރުދާސްގަނޑު ނިއުޅުވައިލިއެވެ. ފޮށި ހުޅުވައިލިއެވެ. ފެނުނު މަންޒަރުން، ތެދަށް ބުނަންޏާ، ނަޒްދާގެ ހިތް ސިކުންތަކަށް ހުއްޓުނު ކަހަލައެވެ. ފޮށި ތެރެއިން އެ ނެގި އިރު ނަޒްދާގެ އަތް ތުރުތުރުއަޅައެވެ. ކަރުނައެއް ނުހިފޭއްޓުނެވެ. ނަޒްދާ ބާރަށް ރޯން ފެށިއެވެ. އެ ވަގުތު ހިތަށްއެރީ އޭނަ ގައިގައި ބާރަށް ބައްދައިލާށެވެ. އެހެނަސް އެހެނެއް ނަހަދައެވެ.

"ރީތިތަ؟" އޭނަ އެހިއެވެ.

ފަށުވިފޮތީގެ އެ ބުރުގާ އޭނަގެ އަތުން ނަޒްދާގެ ބޮލުގައި އަޅައިލަދިނެވެ. އެއީ ވިލާގަނޑެއްގެ ފުރަގަހަށް ހަނދު ވަތް ވަގުތެވެ.

"ނަޒްދާ ހާދަ ރީއްޗޭ!" މަޑުމަޑުން އޭނަ ބުންޏެވެ. "ހަނދު ވެސް ލަދުން ބޮނދައިފި."

ފެންކަޅިވެފައި ހުރި ނަޒްދާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެއީ އުފާވެރިކަމާއި، ޝުކުރުވެރިކަމުގެ ކަރުނައެވެ. ހުރިހައި ފިރިހެނުން އެއްގޮތްނުވާނެކަން އިހުސާސްކުރެވުމުން ލޮލުން ފާއްދައިލި ފޮނި ކަރުނައެވެ. ނަޒްދާ ޝުކުރުއަދާކުރަން ބޭނުންވީ އޭނަ ދިން ހަދިޔާއަކަށް ނޫނެވެ. އޭނަ ދިން ލޯތްބަށެވެ. އެ ލޯބީގެ މާސޫމުކަމާއި ސާދާކަމަށެވެ.

"ޝުކުރިއްޔާ!" ހަމަ އެކަނި ތުންފަތުގެ ހަރަކާތުން ނަޒްދާ ބުންޏެވެ.

"އަބަދު ވެސް ތިހެން ހިނިއައިއްސަ ހުރެބަލަ! އަހަރެން ކިހާ އުފާވާނެ،" އޭނަ ފޯނު ނަގައިފައި، ބޮކި ދިއްލާލައިފައި، ނަޒްދާ ދައްކާލަމުން ބުންޏެވެ. "ރީތިކޮށް އަޅާލަބަލަ! ތި ފޮށީގަ ހުންނާނެ ދައްޗާ، ޕިނާ، ހީރަހާ، ޓޭޕާ، ސްޕަގްލޫ ވެސް. އަޅަން އެނގޭނެތަ؟"

ނަޒްދާ އަނެއްކާ ވެސް ހީނގަތެވެ. ބުރުގާއެޅުމުގެ މަސައްކަތް ފެށިއެވެ.

"މިއަށް ވުރެ ގިނައިން ގޭގަ ޕްރެކްޓިސްކުރާ ކަމެއް ނޯންނާނެ،" ބުރުގާއަޅަމުން ނަޒްދާ ބުންޏެވެ. "އެކަމަކު ސިލްކުވީމަ ނޭނގެ ވާނެ ގޮތެއް."

އެހެން ބުންޏަސް، ދިހަ ވަރަކަށް މިނެޓު ތެރޭގައި ނަޒްދާ ބުރުގާއަޅައި ނިންމައިލިއެވެ.

"ރަނގަޅު؟" އޭނައަށް ބަލައިލަމުން ނަޒްދާ އެހިއެވެ.

އޭނަ ބަލަހައްޓައިގެން އިނީއެވެ. ކޮންމެހެން ލަފުޒެއް މުހިންމެއް ނޫނެވެ. ހަމަހިމޭންކަމަށް ވުރެ އަޑުގަދަ ބަހުރުވަޔަކީ ކޮބައި ހެއްޔެވެ؟ ލޮލަށް ވުރެ ތޫނު އިބާރާތެއް ކޮބައި ހެއްޔެވެ؟ ލޯބިން ގުޅިފައިވާ ސާފު ދެ ހިތެއްގެ ގުޅުމަށް ވުރެ ވަރުގަދަ އެހެން ގުޅުމަކީ ކޮބައި ހެއްޔެވެ؟

"ހިތަށްއަރާ..." އޭނަ ބުނެލީ އެ ހިސާބަށެވެ.

ނަޒްދާ ބޭނުންވީ އެ ޖުމުލަ އޭނަ ފުރިހަމަކުރާށެވެ. އެހެނަސް، އޭނަ އިބާރާތް ބަދަލުކޮށްލިއެވެ. އެ ކަން އޭނަގެ މޫނުމަތިން ސާފުކޮށް ދޭހަވިއެވެ.

"ފޮޓޯއެއް ނަގާފާނަމޭ! އޯކޭތަ؟" އޭނަ އެހިއެވެ.

"މީގެ ކުރިން އަހާފަތަ ފޮޓޯނެގީ؟" ލާނެތް ރާގެއްގައި ނަޒްދާ އެހިއެވެ.

"އެއީތާ ތަފާތަކީ،" އޭނަ ބުންޏެވެ. "ބޭނުންވަނީ ނަޒްދާގެ އިޒުނަލިބިގެން ފޮޓޯއެއްނަގަން. ހެޔޮތަ ނެގިޔަސް؟"

އެރޭ ގެއަށް ވަނީ ގެއިން ނުކުތް ނަޒްދާއެއް ނޫނެވެ. ގޭގެ ސިޑިން އެރި އިރު ވެސް ނަޒްދާގެ ހިތް އޮތީ އެހެން މީހެއްގެ އުނގުގައި ބާއްވައިފައެވެ. އެހެންވާކަށް ނަޒްދާ ބޭނުމެއް ނޫނެވެ. އަނބިމީހާގެ ހިތަކީ ފިރިމީހާގެ އަމާނާތެކެވެ. ފިރިމީހާގެ ހިތަކީ އަނބިމީހާގެ އަމާނާތެކެވެ. ވަފާތެރިކަން ބޭނުން ނަމަ، ދެމަފިރިން އެ ކަން ދަންނަން ޖެހޭނެއެވެ. އެކަކު ހިތުގައި އަނެކަކު ކޮޅުފައިންޖެހީމައި އެ ތަދު އިހުސާސްނުވެއެއް ނުދާނެއެވެ. ނަޒްދާ ގޮސް އެޕާޓުމަންޓުގެ ދޮރު ހުޅުވައިލިއެވެ. ދުވަހަކު ވެސް އެ ގެއަށް ނުވަންނަ މީހަކު ވަންނަހެން ވަނެވެ. ގޭތެރެއަށް ނަޒަރުހިންގައިލިއެވެ. މުޅި ގެ ވެސް ނަޒްދާއަށް ފެނުނު ގޮތް ތަފާތެވެ. ގޭތެރޭގެ ތަރުތީބަށް ބަދަލުގެންނަންޖެހޭކަން އިހުސާސްކުރެވުނެވެ. ތަރުތީބު އެކަންޏެއް ނޫނެވެ. ގޭގެ ކުލަ ވެސް ބަދަލުކުރަން ނަޒްދާ ބޭނުމެވެ. ކުރިން ނަޒްދާ ދެކެނީ އެއީ މުޖުތަބާގެ ގެއެއްކަމަށެވެ. ނަޒްދާއަކީ ބޭރުން އައިސް ހުރި މީހެއްކަމަށެވެ. އެ ވިސްނުން ވެސް ބަދަލުކުރިއެވެ. ވަގުތުން ސޯފާ އެހެން ދިމާއަކަށް ޖައްސައިލިއެވެ. ޓީވީރެކު ވެސް އެހެން ފާރަކަށް ބަދަލުކޮށްލިއެވެ. އެ ދަންވަރަށް އެ ވަރުން ފުއްދައިލިއެވެ. ކޮޓަރިއަށް ވަނެވެ. އެނދުގައި އަޅާފައި އޮތް ބެޑުޝީޓާއި، ބާލީސްއުރަތަކާއި، ދޮރުފޮތި ވެސް ބަދަލުކޮށްލާ ހިތްވިއެވެ. އެހެނަސް، ބެޑުޝީޓާއި ބާލީސްއުރަ ބަދަލުކޮށްފައި އެ ވަގުތަށް ފުއްދައިލީއެވެ. ދެން ހުއްޓުނީ ލޯގަނޑު ކައިރިޔަށެވެ. އެ ބުރުގާ ބާލާ ހިތެއް ނުވިއެވެ. އެނދުގައި އޮށޯވެލިއެވެ. ހިތަށްއެރިއެވެ. އެއީ ކިހައި ދިގު އިންތިޒާރެއްގެ ނިމުން ހެއްޔެވެ؟ ޝުކުރުއަދާކުރަން ނަޒްދާ ބޭނުންވަނީ މުޖުތަބާއަށެވެ. ކުރީގެ ނަޒްދާ މަރާލީތީއެވެ.

"އޯ ވާއޮ!" މެންދުރުފަހު ޑިއުޓީއަށް ދިޔުމުން މޫމިނާ ބުންޏެވެ. "މީ ކޮން ކުއްޖެއް؟"

މޫމިނާ ހުންނަނީ ބުރުގާއަޅައިފައެވެ. ދެ މީހުންނަކީ، އެކަކު އަނެކެއްގެ އެންމެ ގާތް އެކުވެރިޔާއެވެ. މޫމިނާ ފެންނަ ކޮންމެ ފަހަރަކު ނަޒްދާގެ ހިތުގައި ފަޅުކަމެއް އުފެދެއެވެ. ކުރަން ބޭނުންވެ ނުކުރެވި އޮތް ކަމެއް މަތީން ހަނދާންވެއެވެ.

"ލޯބިތަ؟" ނަޒްދާ އެހިއެވެ. "ހަނާ ވެސް އިރުއިރުކޮޅާ ކޮލުގަ ހިފާ!"

"ވަރަށް ލޯބި،" ހިތުގެއަޑިން ބުނާ ކަހަލަ ރާގެއްގައި މޫމިނާ ބުންޏެވެ. "ހިތަށްއަރާ ކޮލުގަ ހިފާލަފާނަމޭ! އަހަރުމެންނަށް މިހާ ވަރު ވަންޏާ އެހެން މީހަކަށް ކިހާ ވަރެއް ވާނެބާ؟"

ނަޒްދާ ރަކިވިއެވެ. އެއީ އާންމުކޮށް ވާ ގޮތެއް ނޫނެވެ.

"ބަލަބަލަ! ބްލަޝް ބްލަޝް!" މޫމިނާ ދިމާކޮށްލިއެވެ. އަދި ބުންޏެވެ. "މަ ހަމަ ހިތަށްއަރާ ބޭޑްނިއުސް ލިބުނު ވަގުތު ނަޒޫ އެކަނި ހުރި ނަމަ ދެން ވާނީ ކިހިނެއްބާއޭ؟ މިއަދު އަހަރެން ކުރިމަތީގަ ނަޒޫއެއް ނުހުންނާނެކަން ނޭނގެ."

"ތެންކިޔޫ!" މޫމިނާ ގައިގަ ބައްދައިލަމުން ނަޒްދާ ބުންޏެވެ. "އަހަރެން މި ކުރަނީ ގޯސްކަމެއް ނޫން ދޯ؟ މުޖޫ ނޫނެކޭ ބުނެފައޮއްވާ ބުރުގާ މި އެޅީ."

މޫމިނާ އަލުން ނަޒްދާޔާ ހަތަރުކަޅި ހަމަކުރިއެވެ. ނަޒްދާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ.

"މުޖޫ ބުރުގާ ނަގާށޭ ބުނެފިއްޔާ ނަގާނަންތަ؟" މޫމިނާ ސުވާލުކުރިއެވެ.

ނުނިމޭ

14 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބޫ

23 November 2022

އެއީ އޭނަ މާމަ ގެ ބުރުގަލެއް......އެދައިތަ އޮތީ އޭނާގެ އަނބިމީހާ ގައިގަ، އެ އަޅުވަން ވަޞިއްޔަތްކޮށްފަ.....އެގޮލާ ދެން ނަޖޫ ލިބޭތޯ އެ އެޅުވީ...ވާނެހެން ހީވަނީ

The name is already taken The name is available. Register?

ނަޖޫ

23 November 2022

މުޖޫ ނޯސުން ރޮއްވަާލާނަން......

The name is already taken The name is available. Register?

ގުރާ

23 November 2022

ދެން މާކުރު!

The name is already taken The name is available. Register?

ބިންމާބޭ

23 November 2022

އެރޭ ގެޔަށް ވަނީ އެހެން ނަޒްދާއެއްވީމަ ހީކުރި މުޖޫ އަންނަން ވާއިރަށް އެގެއިން ނިކުންނަން ތައްޔާރީތައް ވާނީކަމަށް. އެކަމު ގޭތެރެ އިތުރަށް ޒީނަތްތެރި ކުރަން މިވިސްނަނީ.. މުޖޫ ކައިރިން ވަރިވެގެން އެހާ ލޯބިވާ މީހަކާ ކައިވެނި ކުރަން ނަޒްދާގެ ހިތަށް ހަމަ ނާރަނީތަ؟؟

The name is already taken The name is available. Register?

ތާތި

23 November 2022

އަސްލު ވެސް.. ތިޔަކަހަލަ ލޯބިން އުޅޭ ކެރެކްޓާރ ތައް ވެސް ކައިވެނި ކޮށް އެކު ގައި އުޅެން ފެށީމަ ބަދަލުވޭ ވަރަށްގިނަ ފަހަރު.. އޭރަށް ފެންނާނީ ނުރުހުމުގެ ލޮލަށް އައިބު..

The name is already taken The name is available. Register?

ކަނބުލު

23 November 2022

ތހި ކަހަލަ މީހުން، ޚާއްސަކޮށް ދިވެހިން އުޅޭތަ؟ ހެެހެހެ. މަަ ބޮޑުވަރެއް ދެން މީ!

The name is already taken The name is available. Register?

ސަސ

23 November 2022

މިއީ ހިޔާލީ ވާހަކައެއްކަމާއި މީގަ މި އުޅޭ ފުރިހަމަ ކެރެކްޓާރ ދެކެ މާ ބޮޑަށް ލޯބި ނުވުމަށް ކަނބަލުންނަށް ނަޝޭހަތްތެރިވަން

The name is already taken The name is available. Register?

ޓެންކޫ

23 November 2022

އަސްލު ނޫޅޭނެ މިހާ ފުރިހަމަ ފިރިހެނުން. އެކަމު މީހުންގެ އަނބީންދެކެ ލޯބިވާ ފިރިން ވަރަށް ގިނަ. އަމިއްލަ އަނބިމީހާ ދެކެ ވާ ލޯބީގެ މިސާލެއް މުޖޫއަކީ.

The name is already taken The name is available. Register?

މޮޔަ ކުއްޖާ

23 November 2022

ސަސ، ކެތެއްނުވެ މިހާރު. ނުވެސް ނިދެ ރަނގަޅަށް. އޭނަ އުޅޭ ލޯބި ގޮތް ހަމަ ސިފަވަނީ. ހީވަނީ މީ ހަގީގަތެއްހެން.

The name is already taken The name is available. Register?

ކޮންޓޭ

23 November 2022

މިހާ ކުރުކޮށް ގެނެސްދޭންޏާ ނުގެނެސް ބަލަ، ދެރަކަމެއް ހުވާ

The name is already taken The name is available. Register?

މޮޔަކުއްޖާ

23 November 2022

މަޖާވެސް މީހެއްދޯ. ހަމަހުވާ މަށަށް ލޯބިވެވިއްޖެ އޭނަ ދެކެ.

The name is already taken The name is available. Register?

ނީލާ

23 November 2022

ބިންމާ!!! މިހިރަ ބަސްމަގެއް ދޯ. އަސަރު ގަދަ އިނގޭ

The name is already taken The name is available. Register?

މީހާ

23 November 2022

މަށަށްވެސް އުފަލުން ރޮވިއްޖެ. އެއީ ނަޒްދާދެކެ ހަގީގަތުގަވެސް ލޯބިވާ މީހެއް. ނޫންނަމަ އޭނަ އެ ބުރުގާ ނުދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454