30 ނޮވެމްބަރ 2022 - 06:24
އާދިއްތަ ދުވަހާ ގުޅޭ
އެ މޫނުން ނަޒްދާއަށް ފެނުނީ، ފެނިދާނެކަމަށް ދުވަހަކު ވެސް އުންމީދުނުކުރާ ކަހަލަ ކުލަވަރެކެވެ. މަގަށް ސަމާލުކަންދީގެންއިން އިރު ވެސް އޭނަ އިނީ ކުޑަކޮށް ހިނިތުންވެފައެވެ. އެ ގޮތް ނަޒްދާއަކަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔައެވެ. ނަޒްދާއަށް ދެރަ ގޮތެއް މެދުވެރިވި ވަގުތު އޭނަ އުފާވީ ކީއްވެގެން ހެއްޔެވެ؟ ނަޒްދާގެ މޫނަށް އޭނަ ބަލައިލި އިރު، ނަޒްދާ ހިތްހަމަނުޖެހިފައި ބަލަންއިންތަން ފެނުމުން ވަގުތުން އޭނަގެ ހިނިތުންވުން ގެއްލުވައިލިއެވެ.
"ކާރު މަޑުކުރޭ!" ނަޒްދާ މަޑުމަޑުން ބުންޏެވެ.
"މަޑުކުރާށޭ؟" ހައިރާންވެފައި އޭނަ ބުންޏެވެ. "އެޔޯ؟"
"އަހަރެން މި ކާރަށްއެރީ މީހަކު އަހަރެން ވަރަށް ދެރަކޮށްލީމަ،" އިސްޖަހައިލަމުން ނަޒްދާ ބުންޏެވެ. "ހިތަށްއެރީ މި ވަގުތު އަހަންނަށް ހިތްވަރެއްދޭނެ ހަމަ އެކަނި މީހަކީ ތިއޭ. ހިތްހަމަޖައްސައިދޭނެ މީހަކީ ވެސް ތިއޭ. ހިތުގަޖައްސާނެކަމަކަށް ހިޔެއްނުކުރަން. ކާރު ހުއްޓާ! އަހަރެން ފައިބަންވެއްޖެ!"
އޭނަ ކާރެއް ނުހުއްޓިއެވެ. އޭރު ވެސް ވާރޭވެހޭލެއް ބޯކަމުން ވަށައިގެން އޮތީ ފުސްވެފައެވެ. ވާރޭ ހުއްޓައިލާނެ އިރެއް ލަފާކޮށްލަން ވެސް ނޭނގެއެވެ.
"ދެން އެހެން ނަހަދާ ނަޒްދާ!" އާދޭސްކުރާ ކަހަލަ ރާގަކަށް އޭނަ އެދުނެވެ. "ރޭގަނޑު މި ގަޑީގަ، މިހާ ބޯކޮށް ވާރޭވެހެނިކޮށް، މިހާ ފަޅުތާކަށް ނަޒްދާ ބާލާކަށް އަހަންނަކަށް ނުކެރޭނެ. ގެއަށް ގެންގޮސްދީފާނަމޭ!"
"ކުޑަ އެބަ އޮތޭ!" އިސްއުފުލައިނުލައި، މަޑުމަޑުން ނަޒްދާ ބުންޏެވެ. "އަހަންނަށް އެނގޭނެ އެކަނި ދާން. ކޮންމެ މީހަކަށް ވެސް ހީވަނީ އަހަންނަކީ މާ ފިނޑި މީހެކޭ. ތި ހީކުރަނީ އަހަންނަކީ ކުޑަކުއްޖެއްކަމަށްތަ؟"
"ތި އުޅޭ ގޮތުން ހީވަނީ އެހެން،" ކާރުގެ ދުވެލި އެއްވަރެއްގައި ހިފާއްޓަމުން އޭނަ ބުންޏެވެ. "އަހަންނަށް އެނގޭ އަހަރެން ބުނާ ގޮތް ނަޒްދާ ހަދާކަށް ނުޖެހޭނެކަން. އެކަމަކު ހެޔޮނުވާނެ ތިހެން ނަހަދާ! ނަޒްދާ ދެކެ އަހަރެން ވަރަށް ލޯބިވޭ! ނަޒްދާ އެހެން ބުނި ވަގުތު އުފާވެވުނީތީ ވަރަށް ބޮޑަށް ސޮރީ. އެއީ ގަސްތުގަ ކުރި ކަމެއް ނޫން. އޭގެ ބަދަލުގަ ތިހާ ބޮޑު އަނިޔާއެއްނުދީ! މި ގަޑީގަ މި ކަހަލަ ތާކަށް ނަޒްދާ ދޫކޮށްލަންޖެހިއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެ. މިހިރީ ވައިޖެހޭ ވަރު. އާދޭސްކޮށްފަ ބުނަން ތިހެން ނަހަދާ! ކޮންމެވެސް އެހެން އަދަބެއްދީ! ކާރު މަޑުކޮށްފަ އަހަރެން ފައިބާ ހުރެދާނަން ޓެކްސީއެއް ލިބެންދެން. އެ ގޮތް ކިހިނެއް؟"
"ކާރު މަޑުކުރާށޭ!" ކުރިން ވެސް އިން ގޮތަށް އިނދެ، މަޑުމަޑުން ނަޒްދާ ބުންޏެވެ. "އަޑެއްނީވޭތަ؟"
އޭނަގެ ދެލޮލަށް ކަރުނައިގެ ފަރުދާއެއް ހުރަސްވިއެވެ. ކާރުގެ ހުންގާނުގައި ދެއަތުން ތަޅައިގަތެވެ. އޭނަ ރުޅިއައީ އޭނަގެ އަމިއްލަ ނަފުސު ދެކެއެވެ. އުފާނުވާންވީ ދަނޑިވަޅެެއްގައި އުފާވެވުނީތީއެވެ. ކާރު މަޑުކުރި އިރު ބުރިޖުގެ ދެބައިކުޅަ އެއްބައި ދަތުރުކުރެވިއްޖެއެވެ. ބޮޑަށް ކައިރީ ހުޅުމާލެއެވެ. އެއިން ހިސާބަކު ވެސް މީހެއްގެ ހިލަމެއް ނެތެވެ. އެއީ ފަޅު ރެޔެކެވެ.
"ޕްލީޒް ނަޒްދާ ޕްލީޒް!" އޭނަ އާދޭސްކުރިއެވެ. "އަހަރެންގެ ކާރެއްވީމަތަ ފައިބަން ތި އުޅެނީ؟ މި ކާރު ނަޒްދާއަށް. މާލެ ގޮސް ކާރު ބާއްވާފަ އަހަރެން ހިނގައިދާނަން. އެ ގޮތް ކިހިނެއް؟"
ނަޒްދާ އިވުނުކަމަކަށް ނަހަދައެވެ. ކާރު ހުއްޓުމުން ފައިބަންވެގެން ދޮރު ހުޅުވަން ބަލައިލި އިރު ދޮރު ހުރީ ތަޅުލައިފައެވެ. ނަޒްދާ ދެތިން ފަހަރު އަތްގަނޑުގައި ހިފައި ތަޅުވައިލިއެވެ. އޭނައަށް އިއްވައިލުމަށް ޓަކައެވެ.
"ޕްލީޒް ނަޒްދާ!" އޭނަ ތަކުރާރުކޮށް ބުންޏެވެ. "ހެޔޮނުވާނެ!"
ނަޒްދާ ދޮރުފަތުގައި ތަޅައިގަތެވެ. އޭނަ ދޮރު ހުޅުވިއެވެ. ނަޒްދާ ފައިބައިފައި ކުޑަ ހުޅުވައިލިއެވެ. ނަޒްދާއަކަށް ތޫފާން ރަހުމެއް ނުކުރިއެވެ. ޖެހުނު ރޯޅިޔާ އެކުގައި ކުޑަ ނުވަތަށް ލަންބައިލިއެވެ. ނަޒްދާ ކުޑަ އެއްލައިލިއެވެ. މާލެއާ ދިމާއަށް ހިނގައިގަތެވެ. އޭނައަކަށް ކެތެއް ނުކުރެވުނެވެ. ކާރުން ފޭބިއެވެ. ފަހަތުން އާދޭސްކުރަމުން ހިނގައިގަތެވެ.
"އަހަރެން ފަހަތުން ނާންނާށޭ!" ނަޒްދާ ހަޅޭއްލަވައިގަތެވެ. "ކިހާ ބޮޑުކަމެއް."
އޭނަ ހުއްޓުނެވެ. އިސާހިތަކު އޭނަގެ ލޯމަތިން ނަޒްދާ ގެއްލުނެވެ. ތޫފާނުގެ ވަކިތަކު ތެރެއަށް ނަޒްދާ ދަމައިގަތް ކަހަލައެވެ. އޭނަ ހަދާނެނަހަދާނެ ގޮތެއް ނޭނގިގެން ހުރެފައި ގޮސް ކާރަށްއެރިއެވެ. ވިސްނަން ފެށިއެވެ. ފޯނު ނަގައިފައި ނަޒްދާއަށް ގުޅިއެވެ. ފޯނު ރަނގަބީލުވީ ކާރުތެރެއިންނެވެ. ފޯނު އޮތީ ސީޓު މަތީގައެވެ. އޭނަ ފޯނު ނަގައިފައި، ކޯލު ވެސް ނެގިއެވެ. ނިކަން ބާރަށް ކާރު ފަހަތަށްޖެހުމަށް ފަހު، އައިކޮޅަށް ދުއްވައިލިއެވެ. އެއީ މަނާކަމެކެވެ. އެހައިމެ ނުރައްކާތެރިކަމެކެވެ. ފަހަތުން އައި ކާރުގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. އެހެނަސް އޭނަގެ ސަމާލުކަން އެ ވަގުތު ހުރީ ހަމަ އެކަނި ނަޒްދާއަށެވެ. ނަޒްދާ ދިޔަ ދިމާ ލަފާކޮށްފައި އެ ދިމާއަށް ކާރު ދުއްވަން ފެށިއެވެ. ކަރުނައިން ލޯ ފުރުމުން، ރުޅިއައިސްފައި ކަރުނަ ފުހެލިއެވެ. ކާރުގެ ދެ ފަރާތު ބިއްލޫރިގަނޑު ފުސްވާތީ ބިއްލޫރި ތިރިކުރިއެވެ. ކާރު ތެރެ ފޯވާން ފެށިއެވެ. އެއަކަށް އޭނަ ސަމާލުކަމެއް ނުދެއެވެ.
"ނަޒްދާ!" އޭނަ ހަޅޭއްލަވަން ފެށިއެވެ. "ނަޒްދާ!"
ކުއްލިއަކަށް ވިދައިގުގުރައިލިއެވެ. އެ ވަގުތު، ތަންކޮޅެއް ދުރުން މީހަކު ފެނުނުހެން އޭނައަށް ހީވިއެވެ.
"ޔާﷲ!" އޭނަ ހިތާހިތުން ބުނެލިއެވެ. "ނަޒްދާގެ މަގު އަމާންކޮށްދެއްވާ! ސަލާމަތުން ގެއާ ހަމައަށް ގެންގޮސްދެއްވާ! ހަތް ދުވަހު ރޯދައަށް ހުންނާނަން."
ފެނުނުހެން ހީވި މީހާޔާ ދިމާއަށް ދިޔަ އިރު އެއީ ނަޒްދާއެވެ. އޭނަ ހުރީ ހީކަރުވައިގަނެގެން މަރުވާ ވަރު ވެފައެވެ. ހިތާމައަކީ، އެ ފިނިކަމުން ނަޒްދާ ސަލާމަތްކޮށްދޭން ކުރެވޭނެ އެއްވެސް ކަމެއް ނެތުމެވެ. މަޑުމަޑުން ގޮސް ކާރު އެއްވަރުކޮށްލުމުން ވެސް ނަޒްދާ ނުބެލިއެވެ. ހަގީގަތުގައި އޭރު ނަޒްދާ ވެސް ރޮނީއެވެ. ހީކުރި ކަހަލަ މީހަކަށް އޭނަ ނުވީމައެވެ.
"ނަޒްދާ! ފޯނު!" އޭނަ ބުންޏެވެ.
ނަޒްދާ ހުއްޓުނެވެ. ފޯނު ދަމައިގެންފައި ދަބަހަށްލިއެވެ.
"އަހަރެން.. ފަހަ.. ފަހަތުން ނާންނާތި!" ހީކަރުވައިގެން ތުރުތުރުއަޅާ އަޑަކުން ނަޒްދާ ބުނެލިއެވެ.
ނަޒްދާ ހިނގައިގަތެވެ. އޭނަ ކާރު ހުއްޓާލައިގެން އޮތީއެވެ. އަދި އިއަފޯނު ކަންފަތަށް ޖެހިއެވެ. ނަޒްދާގެ ފޯނު އޭނައަށް އަޑުއިވެއެވެ. ވިދާލުމާއެކު ނަޒްދާއަށް ހަޅޭއްލަވައިގަނެވޭކަން އެނގެއެވެ. ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އެހެނަސް، ނަޒްދާ ސަލާމަތުން ހުރިކަން އެނގެއެވެ. އޭނަ ކާރު ފަހަތަށް ދުއްވިއެވެ. ނަޒްދާ ފެނުމުން މަޑުކޮށްްލައެވެ. އަނެއްކާ ވެސް ދުއްވައިލައެވެ. ބުރިޖު ފެށޭ ހިސާބަށް ނަޒްދާ ދަންދެން އެ ގޮތަށް ކަންތައްކުރިއެވެ. ދެން ކުރިޔަށް ގޮސް ހުޅުލެއާ ދިމާއިން އަނބުރާލައިފައި މާލެއަށް އައީއެވެ. އެ ހުރިހައި ވަގުތަކު ވެސް ފޯނުން އިވޭ އަޑަށް ސަމާލުކަންދިނެވެ. މާލެ ގޮސް، ނަޒްދާ ގެއަށް ވަދެ، ކޮޓަރިއަށް ވަދެވެންދެން އެ ކަން ކުރިއެވެ. އެއަށް ފަހު ފޯނުކަނޑައިލިއެވެ. އޭނަގެ ހިތަކު ނަޒްދާއަށް އެއްވެސް ޝަކުވާއެއް ނެތެވެ. ސަލާމަތުން ނަޒްދާއަށް ގެއަށްދެވުމުން އޭނައަށް ފުދެއެވެ.
ހެނދުނުހެނދުނާ ހަނާގެ ފޯނަކުން ނަޒްދާ ހޭލައްވައިލިއެވެ. އޭރު ގަޑިން ހައެއް ނުޖަހައެވެ. ދުވަހަކު ވެސް އެ ގަޑީގައި ހަނާއެއް ނުގުޅައެވެ.
"މީ ކޮން ގަޑިއެއް ގުޅަން؟" ފޯނު ނަގާފައި، ނިދިއަޑަކުން ނަޒްދާ ބުންޏެވެ.
"ހުނިރޮއްޓާ ބަރަބޯ މަސްހުނިކާން އެއްކަލަ ތަނަށް ދާހިތްވެގެން،" ހަނާ ބުންޏެވެ. "ސެވަންއަށް ރެޑީވައްޗޭ!"
"ހަމަ އަސްލު ވެސް އެހެންވެގެން ތި ގުޅީ؟" ޝައްކުވެގެން ނަޒްދާ އެހިއެވެ. "އެހެން މީހަކު ބުނެގެނެއް ނޫން؟"
"އެހެން ކާކު ބުނާނީ؟" ހަނާ ނުދެނަހުރިކަމަށް ހެދިފައި ބުންޏެވެ. "ރޭ އިރުއޮއްސެނިކޮށް ފޯނުގެ ޗާޖު ގޮސްގެން ނިވިފަ އޮތީ. ދެންމެ މި ޗާޖަށް ޖެހުނީ ވެސް."
ފޯނު ބޭއްވުމަށް ފަހު ހަނާ މެސެޖެއް ލިޔެލިއެވެ.
"ނަޒޫ އޯކޭ! ބައްޔެއް ނުވޭ! ސެވަންގަ އޭނަޔާ އެއްކޮށް ބްރޭކްފާސްޓަކަށް ދާނަން. މީޓްވީމަ ޔަގީންވާނީ. އެއްކަލަ ތަނަށް މި ދަނީ." ލިޔެ ނިންމައިފައި ހަނާ އެ މެސެޖު ފޮނުވައިލިއެވެ.
ނަޒްދާއާއި ހަނާ ހެނދުނު ސައިބޯންދިޔައީ ކާނިވާ ސަރަހައްދުގައި ހުންނަ ތަނަކަށެވެ. ދިޔަ އިރު އެ ތަނުގައި އޭނަ އިނެވެ. އަޅައިނުގަންނާނެ ކަހަލަ ދިމާއެއްގައި ފުރަގަސްދީގެންނެވެ. އޭރު ވެސް އޭނަ އިނީ ކުރީ ރޭ ލައިގެން ހުރި ގަމީހާއި ޖިންސުގައެވެ. ނަޒްދާ ނުފެންނަނީސް އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރޭވިފައިވާ ގޮތަށް ހަނާ އިނީ އޭނައަށް ގުޅައިގެންނެވެ. ފޯނު އޮތީ މޭޒުމަތީގައެވެ.
"މިއަދު މަސްހުނި ހާދަ ކުޅިއޭ!" ނަޒްދާ ސައިފޮދެއް ބޯލަމުން ބުންޏެވެ.
"ރޯގާޖެހުނީތަ؟" ވަރަށް ނޭނގިފައި ހަނާ އެހިއެވެ. "ކީއްވެގެންތަ ބުނީ އެހެން މީހަކު ބުނެގެންހޭ އަހަރެން ގުޅީ؟"
"ތި ވާހަކަ ނާހާ!" ނަޒްދާ ޖަވާބުދިނެވެ. "ރެޔަކީ ވަރުގަދަ ރެޔެެއް. އަހަންނަށް އެނގޭ އަހަރެން ބުނާ ކޮންމެ ވާހަކައެއް އެހެން މީހަކާ ހަމައަށް ދާނެކަން. ހެޔޮ ދިޔަސް. ފުރަތަމަ މުޖޫ ގުޅީ. އޭނަ މާލެއައިސް އަހަރެން ވަރިކުރާނެ. ހަގު އަނބި ގޮވައިގެންކަން ނޭނގެ އޭނަ އަންނާނީ ވެސް. އަހަންނަށް ހެޔޮ. އެކަމަކު އަޒާން އަތުލާ ވާހަކަ ބުނީމަ ނޭނގެ އަހަންނަށް ވީ ގޮތެއް ވެސް. އޭރު ވަރަށް ބޯކޮށް ވާރޭވެހޭ. ފޯނުބާއްވާފަ ހިތަށްއެރީ ކާރުދުއްވާލަން ދާނީއޭ. އޭރު އެއްޗެއް ހިފައިގެން އައިސް އޭނަ ހުރި. ދެން އެރީ ކާރަށް. އަޅެ އަހަރެން އެ ވާހަކަ ބުނާ އިރަށް އޭނަ ގާތަށް ހިންޏެއްނުއައީ."
ހަނާ އެއްޗެއް ނުބުނެ އަޑުއަހަން އިނެވެ. ފޯނު އަޑުއަހަން އިން މީހާ ވެސް އިނީ ކުށް ގަބޫލުކުރާ ކަހަލަ ގޮތަކަށް ދެލޯމަރާލައިގެންނެވެ. ހިތަށް ވެރިވާ އިހުސާސް ސިއްރުނުކުރެވުމަކީ އަބަދު ވެސް އޭނަގެ މައްސަލައެކެވެ.
"އަޒާން އަތުލާނެ ވާހަކަ ބުނީމަ އޭނަ އުފަލޭވީ!" ނަޒްދާ ބުންޏެވެ.
އޭނަ ކުއްލިއަކަށް ދެލޯ ހުޅުވައިލިއެވެ. ނޫނެކެވެ. އޭނަ ހިތަށްއެރިއެވެ. ނަޒްދާ އެހެނެއް ނުބުނެއެވެ. ބުނަން ހިތަށްއެރީކަމަށް ވެދާނެއެވެ. އެހެން ބުނި ނަމަ އޭނައަކަށް އުފަލެއް ނުވެވުނީހެވެ. އެއީ ކަށަވަރުކަމެކެވެ.
"އަހަރެން ދެކެ ލޯބިވާ މީހަކު ޖެހޭނެ އަހަރެން ލޯބިވާ އެންމެން ދެކެ ވެސް ލޯބިވާން،" ނަޒްދާ ބުންޏެވެ. "ހަނާއަށް އެނގޭނެ ދަރި ދެކެ އަހަރެން ކިހާ ލޯބިވާކަން. ދަރި އަތުލާ ވާހަކަ ބުނީމަ އޭނަ ވީ އުފާ."
"ނުވާނެ އެހެނެއް!" ފަހަތުން މީހަކު ބުނި އަޑުއިވުނެވެ.
ނުނިމޭ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާތު
03 December 2022
މި ވާހަކަ ނިމޭއިރު ނަޒްދާ ހުންނާނީ ހުސްހަށިބަޔަށް، ޔަގީން ހަމަ
ކަނބާ
30 November 2022
މީ ދެން ހިންދީ ޑްރާމާއެއް ތަ އަޅެ...ފުކެއް ބޮޑު ވަރު ދެން
ސޮއްޕެސް
30 November 2022
މަށަށް އޭރުވެސް އެނގޭ މިކިޔާ އޭނައަކީ އަދި މާ ފުރިހަމަ މީހެއް ނޫންކަން.
އޭނަ
30 November 2022
ނަޒުދާ ދެން ތީ އިންސާނެއްތަ؟ އަސްލު ވަރަށް ގަމާރު މީހެއް ނަޒުދާއަކީ
ކަލޯބެ ދަރި
30 November 2022
ބިންމާ! ވާހަކަ ނިންމާނެގޮތެއް ނޭގިގެންދޯ މިހާރުތިޔަ ހާސަރުދަމަނީ! ނިންމަން ނޭގެންޏާ މަށާ ހަވާލުކުރޭ!
ސުހާނީ
30 November 2022
ވާހަކައިގެ ދެބައިކޮށްފަ އެއްބައިގައި އޮތީ ހުސް ހާސަރު. މީހެއްގެ އަތްބެއްގެ ގޮތުގައި ހުރެ ތި ކުރެވެނީ ރަނގަޅު ކަމެއް ނޫން. މިހާރު މުޖޫ އެކޭ ނަޒްދާ އެކޭ ަތަފާތެއްނެތް. ނަޒްދާވެސް މާ ތުއިވަނީ. "އޭނާ" އާއެކު ގުޅުން ކުރިޔަށް ގެންދަން ބޭނުން ނެތިއްޔާ "އޭނަ " އާ އެކު ނުދާނީ . މީހަކު އެވަރު ވެފައި ހުންނަ އިރު އަމިއްލަ ފައިދާ ނަގަން އުޅެނީ. ނަޒްދާ ދެކެ ވެސް ފޫހިވާން ފަށައިފި
ގާރލް7
30 November 2022
މުޖޫގެ އަނތްބެއްގެ ގޮތުގައި ނަޒްދާ "އޭނަ" އާއި ބައްދަލުކުރުން ރަނގަޅެއް ނޫން. އެކަމް މުޖޫއާއި ނަޒްދާ އަދިވެސް ހާސްބައި ތަފާތު، މުޖޫ ނީޒާއާއި 2 އަނތްބަށް އިނުމުގެ ކުރިން ނީޒާއާއި އެކުގައި ނިދާވެސް ހެދި، އެކަމުގެ ހެކި ނަޒްދާއަށް ނީޒާފޮނުވި ފޮޓޯތައް އެއީ، ނަޒްދާ "އޭނަ" އާއި ވާހަކަ ދައްކާ މީޓްކޮށް ހެދިއަސް އަދި "އޭނަ" ނަޒްދާގެ ގައިގައި އިނގިލި ކުރިވެސް ޖެހިލާފައި ނެތް.
ކުރަފަތްބެ
30 November 2022
ދެން ހާދަ ކުރޭ ޔޭ މަ ފަސްޓް