"މަލިކާ" ގެ އެޑްވާންސް ބުކިންސް ހުޅުވާލައިފި

މާޗް ދޭއްގައި ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން މާޗް އެކެއްގައި މީޑިއާތަކަށް ސްޕެޝަލް ސްކްރީނިންއެއް ބާއްވާނެ ކަމަށް "މަލިކާ" ގެ ޓީމުން ބުނޭ.

އަންނަ މާޗް މަހުގެ ދެވަނަ ދުވަހުގެ ރޭ ޕްރިމިއާކުރާ ފިލްމް "މަލިކާ" ގެ އެޑްވާންސް ބުކިންސް އަށް ހުޅުވާލައިފި އެވެ.


ފިލްމުގެ ޓިކެޓް ބުކްކޮށް ދޭން މިހާރު ފެށި ނަމަވެސް، އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. ފިލްމަށް ހާއްސަ ހޮޓްލައިން ނަމްބަރަށް ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުކޮށްފައިވާ "މަލިކާ" ގެ މާކެޓިންއާ ހަވާލުވެ ހުރި ހުސައިން ނޫރައްދީން ބުނީ ފިލްމް ދައްކަން އޮލިމްޕަސް ނަގާފައި ވަނީ މާޗް 1-20 އަށް ކަމަށެވެ.

"ފިލްމް މާޗް ދޭއްގައި ޕްރިމިއާ ކުރުމުގެ ކުރިން މީޑިއާތަކަށް ދައުވަތު ދީގެން ސްޕެޝަލް ސްކްރީނިންއެއް މާޗް އެކެއްގައި ބާއްވާ ގޮތަށް ވެސް ނިންމާފައި މިއޮތީ،" އޭނާ ބުންޏެވެ. "މިއީ އަލަށް ދިވެހި ފިލްމެއް ޕްރިމިއާ ކުރުމުގެ ކުރިން މީޑިއާތަކަށް ދައްކާލާ ފުރަތަމަ ފަހަރަށް ވެސް ވެގެން ދާނެ."

ނޫރު ބުނީ "މަލިކާ" ގެ މާކެޓިން އާންމުކޮށް ދިވެހި ފިލްމްތައް މާކެޓް ކުރާ ގޮތާ ވަރަށް ތަފާތު ގޮތަކަށް، ގިނަ ކަންކަން ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ފިލްމުގެ ޕްރޮމޯޝަނަލް ގިނަ ހަރަކާތްތަކެއް އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.

"އޮލިމްޕަހާ އެކުއެކީގައި މި ފިލްމް ބައެއް ރަށްރަށުގައި ޕްރިމިއާ ކުރަން ވެސް އެދިފައި އެބަހުރި. އެހެންވީމަ އެކަން ކުރިއަށް ދާނެ. އަދި ފިލްމް އަޅުވަން ބޭނުންވާ ރަށްރަށުން ރެކްއެސްޓް ކުރީމަ އެ އިންތިޒާމް ހަމަޖައްސައި ދޭނެ މަލިކާގެ ޓީމުން،" އޭނާ ބުންޏެވެ. "މަލިކާގެ ފޭސްބުކް ޕޭޖަށް އިމްބޮކްސް ކުރީމަ އަޅުގަނޑުމެން އެ ފަރާތްތަކާ ގުޅަމުން ގެންދާނަން."

"މަލިކާ" ގެ ޓިކެޓް މިހާރު ބުކް ކުރެވޭނެ.

"މަލިކާ" އަކީ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އާއިލީ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ލ. އަތޮޅާއި މާލޭގައި މަންޒަރުތައް ނަގާފައިވާ މި ފިލްމް ޑައިރެކްޓްކޮށްފައި އަލީ މުސްތޮފާ (ސެމީ) އެވެ.

އަމިއްލަ ރާހުގެ ތިން ލަވަ ހިމެނޭ "މަލިކާ" އާ ބެހޭ ގޮތުން ނޫރު ބުނީ ފިލްމުގެ ހުރިހާ މަސައްކަތެއް ވެސް މިހާރު އޮތީ ނިމި މާސްޓަރިން ފުރިހަމަކޮށްފައި ކަމަށެވެ.

"ފިލްމަކު ނޯންނާނެ އިތުރަކަށް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް މިހާރަކު. މުޅި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި އޮތީ ނިންމާފައި." އީއެސް ޕްރޮޑަކްޝަނުން ޕްރެޒެންޓްކޮށްދޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ވަރަށް ދުރާލައި، މުޅި ޓީމް ހިތްހަމަޖެހޭ ފެންވަރަށް ފިލްމް މިއޮތީ ތައްޔާރުކޮށް ނިމިފައި. އެހެންވީމާ ބެލުންތެރިންނަށް ވަރަށް ފުރިހަމަ ފިލްމެއް ފެނިގެން ދާނެ."

"މަލިކާ ގެ ޓްރެއިލާ.

"މަލިކާ" އިން ބޮޑު ކާސްޓެއް ފެނިގެންދާ އިރު، ފިލްމުގެ ޓައިޓްރޯލުން ފެނިގެން ދާނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް). ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝަކީލާ، އަހުމަދު އާސިމް، ނީނާ ސަލީމް، އިސްމާއީލް ޒާހިރު، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އަލީ ފާރޫގު ހިމެނެ އެވެ.