"މީ ލޯތްބަކީ" ޕްރޮމޯޝަންގައި ގިނަ ކަންތައްތަކެއް ފެންނާނެ

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" މިހާރު މިއޮތީ ޕްރޮމޯޝަނަލް މަރުހަލާ އަށް އައިސްފަ އެވެ.


ފިލްމުގެ ޝޫޓިން ނިންމައި، އެޑިޓިން ވެސް ނިންމުމަށް ފަހު މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ ޑަބިން އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ޑަބިންގެ 70 ޕަސަންޓަށް ވުރެ ބޮޑު ބައި މިހާރު ނިމިއްޖެ ކަމަށެވެ.

އެޕްރީލް މަހުގެ 5 ގައި ރިލީޒް ކުރާ މި ފިލްމު އިޝްތިހާރުކުރުން މި މަހު ފަށާނެ އެވެ.

އޭގެ ތެރެއިން މިހާރު މިއޮތީ އެއް ކަންތަކެވެ. މެނިކްއިން ޗެލެންޖެއްގެ ގޮތުގައި ފިލްމުގެ މައިގަނޑު ކާސްޓުން ހިމެނޭ ވީޑިއޯއެއް ބެލުންތެރިންނަށް މިހާރު މި ވަނީ ދޫކޮށްލައިފަ އެވެ. ޑާކް ރެއިނަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ފިލްމުގެ ޕްރޮމޯޝަން ވަރަށް ގަދަ އަށް ޖައްސާ ބައެކެވެ.

ކައިވެނި ހަފުލާއެއްގެ ދައްކުވައިދޭ މަންޒަރެއްގެ ތެރެއިން، ބެލުންތެެރިންނަށް ދައްކާލި މި ވީޑިއޯގެ އެންމެ ހާއްސަ އެއް ކަމަކީ ފިލްމުގެ އެންމެ މުހިއްމު ރޯލްތައް ކުޅޭ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ފެނުމެވެ. އޭގެ ތެރޭގައި "މީ ލޯތްބަކީ" އިން އަލަށް ތައާރަފުވާ ބައެއް އެކްޓަރުން ވެސް ހިމެނެ އެވެ.

ޑާކް ރެއިނުން ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ބެލުންތެރިންނަށް ދައްކައިލާނެ އެވެ.

"މީ ލޯތްބަކީ" އަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމަކީ ވަރަށް ބޮޑު ކާސްޓެއް ފެނިގެން ދާނެ ފިލްމެކެވެ.

އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ "މީ ލޯތްބަކީ" ގެ ލިޑް ރޯލުން ފެނިގެން ދާނީ ޑާކް ރެއިންގެ ފެވަރިޓް ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްްޒަ އެވެ.

ދުރާލައި ފިލްމުގެ މަސައްކަތް ނިންމަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޓިކެޓް ބުކްކުރުމުގެ ފުރުސަތު ހުޅުވާލަން ވެސް ޑާކް ރެއިނުން ވަނީ ނިންމައިފަ އެވެ.