"މީ ލޯތްބަކީ" ނިންމައި ޕްރޮމޯޝަން ފަށަނީ

އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޓިކެޓަށް އޮންލައިން ބުކިންސް ހުޅުވައިލާނެ ކަމަށް ޕްރޮޑިއުސަރު މޮގާ ބުނި.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމުތައް ރިލީޒްކުރާ ދުވަހަކީ އޭޕްރީލް 5 އެވެ. މި އަހަރު އެ ތާރީހުގައި އަޅުވާނީ ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އެވެ.


ފިލްމް އަޅުވަން މިހާރު 50 ދުވަހަށްވީ އެވެ. އަންނަ މަހުގެ ތެރޭގައި ފިލްމުގެ އޮންލައިން ބުކިންސް ވެސް ހުޅުވާލަން ޑާކް ރެއިނުން ވަނީ ނިންމައިފަ އެވެ. އެ ސްޓޫޑިއޯގެ ފިލްމްތަކަށް އާންމުކޮށް މަސް ދުވަސް ކުރިން ޓިކެޓަށް ހުޅުވާލަ އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އޮންލައިންކޮށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވެސް އަންނަ މަހު ހުޅުވާލުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ފިލްމްގެ ހުރިހާ މަސައްކަތެއްހެން މިހާރު އޮތީ ފަހު މަރުހަލާގަ އެވެ.

"މިހާރު ޑަބިން ވެސް ނިންމައި، އަލުން ޗެކް ކުރުން ކަހަލަ ކަންކަމާއި ޕްރޮމޯޝަނަލް ލަވަތައް ތައްޔާރު ކުރުން މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށް ދަނީ،" އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމާ ބެހޭ ގޮތުން މޮގާ ބުންޏެވެ. "މީގެ ޓީޒާތަކާއި ޓްރެއިލާތަކާއި ލަވަތަކާ އެއްޗެހި ދެން މާ ގިނަ ދުވަހެއް ނުވެ، އަންނަން ފަށާނެ."

"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި ޖުމަލް އާއި އައްޒަ

ބޮޑު ކާސްޓެއް ވެސް ފެނިގެންދާ "މީ ލޯތްބަކީ" އަކީ ޗިއްޕެ އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރިންޕްލޭއަކަށް ހަދާފައިވާ ފިލްމެވެ.

އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ ފިލްމުގެ ލީޑުން ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.