"ވިޝްކާ" ގެ އާ ޓްރެއިލާއެއް، މި ފަހަރު ރަވީގެ ކެރެކްޓާ އަށް ހާއްސަ

އަންހެނުންގެ ދުވަހާ ދިމާކޮށް ރިލީޒް ކުރާ ޔާރާ ޕްރޮޑަކްޝަން "ވިޝްކާ" ގެ އާ ޓްރެއިލާއެއް، ފިލްމުގެ ޕްރޮމޯޝަނަލް ލަވައާ އެކު ދައްކާލައިފި އެވެ.


މި ފަހަރުގެ ޓްރެއިލާ ހާއްސަ ވަނީ ފިލްމުގެ މައިގަނޑު އެއް ރޯލް ކުޅޭ ރަވީ ފާރޫގަށެވެ. އޭނާ ކުޅޭނީ އިޝާން (އިޝާންޓޭ) ގެ ކެރެކްޓާއަށެވެ.

"ވިޝްކާ" ގައި ރަވީގެ ކެރެކްޓާ ސިފަކޮށްފައި ވަނީ "ދަ ބޭޑް" ގެ ގޮތުގަ އެވެ. އޭނާ ތައާރަފުކޮށްދޭ ޓްރެއިލާ އިން އެއީ ހަމަ "ބޭޑް" މީހެއްކަން ވަނީ ދައްކާލައިފަ އެވެ.

"ވިޝްކާ" އަށް ދޭ އިންޒާރާއި ބޭނުން ކުރާ ގަދަފަދަ ބަސްތަކުން އިޝާންޓޭ އަކީ އޭނާ ބޭނުން ކޮންމެ ގޮތަކަށް އުޅެން ބޭނުންވާ މީހެއްކަން އެނގެ އެވެ. ސިފަ އަށް ބަލައިލި ނަމަވެސް، އިޝާންޓޭއާ ދޭތެރޭ ނަފުރަތު ކުރެވޭނެ އެވެ.

މިއީ ގިނަ ދުވަސްތަކެއް ވަންދެން ރަވީ ސްކްރީނުން ނުފެނި ހުރުމަށް ފަހު، ވަރުގަދަ ރޯލަކުން އަންނަ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން "ވިޝްކާ" އަކީ އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އެކްޓަރެއްގެ ގޮތުގައި ބަލައިފި ނަމަ، ރަވީ އަކީ ހަމަ އެއްގޮތަކަށް ވެސް އާދައިގެ އެކްޓަރެއް ނޫނެވެ. އޭނާ އަކީ ކުޅޭ ކޮންމެ ކެރެކްޓާއެއްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެގެން، އެ ރޯލެއް ކުޅޭ އެކްޓަރެކެވެ. އެކަން "ލޫދިފާ" އާއި "ހުޅުދާން" އިން ވަރަށް ބޮޑަށް ސާބިތު ވާނެ އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ގެންދިޔަ ރަވީ ބޮޑު ސްކްރީނުން ބަލާލަން ބޭނުންވާ ފޭނުންނަށް "ވިޝްކާ" އަކީ ހަމަ އެންމެ ރަނގަޅު އެއް ފިލްމަށް ވާނެ އެވެ.

އޭނާގެ މުޅިން ތަފާތު ކެރެކްޓާއެއް އެ ފިލްމުން ފެނިގެން ދާނެ އެވެ. ޑައިރެކްޓަރެއްގެ ޒިންމާ ވެސް ނަގަމުން، އޭނާ ކުޅުނު ރޯލަށް އިންސާފުކޮށް ދެވިފައި އޮތީ ކިހާ ވަރަކަށްކަން މި ފަހަރު ވަޒަންކޮށްލެވޭނެ އެވެ.

ޝްވެކް ސިނަމާގައި "ވިޝްކާ" ޕްރިމިއާ ކުރާ އިރު، އެ ޓީމްގެ އުންމީދަކީ އަނެއްކާ ވެސް ދިވެހި ފިލްމް ބަލާ އާ އޯޑިއަންސަށް ތަފާތެއް ގެނައުމެވެ. މުޅިން އާ އޯޑިއަންސެއް އުފެއްދުމެވެ. ހާއްސަކޮށް ޒުވާނުންނަށް ކަމުދާ ކަހަލަ ގިނަ ރަހަތަކެއް ފިލްމުގައި ހިމެނޭނެ އެވެ.

"ވިޝްކާ" ގެ ޓްރެއިލާ

އެކަމަކު މިއީ ހަމަ ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ ދިވެއްސަކު ވެސް ބަލާލަން ރަނގަޅު ފިލްމަކަށް ވާނެ އެވެ. "ވިޝްކާ" ގައި ދައްކުވައި ދޭނީ މުޖުތަމައުގެ މިއަދުގެ ހާލަތެވެ. ކުށުގެ ވެއްޓަށް ދިމާވެފައި ހުރި ގޮންޖެހުންތަކެވެ.

އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި ތާށިވާ މައުސޫމްގެ އަންހެނަކު، އޭނާގެ ފުރާނަ ސަލާމަތް ކުރަން ވާ ގުރުބާނީ އެވެ.

ޔާރާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ކްރައިމް ތުރިލާ "ވިޝްކާ" ގެ ވާހަކަ ލިޔުނީ އަބްދުﷲ ވިޝާމެވެ. ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.

އާ ޓްރެއިލާ އާ އެކު ދައްކައިލި ޕްރޮމޯޝަނަލް ލަވަ "ލޯތްބެކޭ" ކިޔައިފައި ވަނީ ފަތޯ އެވެ. ޓްރެއިލާއާ އެކު ލަވަ ވެސް ބަލައިލާށެވެ.