ޖެނިފާ ލޮޕޭޒް އާއި ޕްރިޔަންކާގެ މިއުޒިކް ވީޑިއޯއެއް

ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް އެ ތަރިއެއްގެ ވިދުން އެންމެ ގަދަ އެއް ތަރި އެވެ. އެމެރިކާގެ އޭބީސީގެ މަޝްހޫރު ސިލްސިލާ "ކުއެންޓިކޯ"ގެ ފުރަތަމަ ސީޒަން ވަރަށް ކާމިޔާބު ކަމާ އެކު ޕްރިޔަންކާ ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ދެ ވަނަ ސީޒަންގެ އެޕިސޯޑުތަކުގެ ޝޫޓީން ވަރަށް އަވަހަށް ފަށާނެ އެވެ.


ޕްރިޔަންކާގެ ހޮލީވުޑް ފިލްމު "ބޭވޮޗް"ގެ ޝޫޓިން ވެސް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. މިފަހަރު އަނެއްކާވެސް އެހެން ފަހަރަކުތަކަށް ވުރެ ވެސް ޕްރިޔަންކާގެ މަގްބޫލުކަން އިތުރުވެގެންދާ ފަދަ ކަމެއް ޕްރިޔަންކާ ވަނީ ކޮށްފަ އެވެ.

އިންޑިއާގެ މީޑިއާގައި ބުނާ ގޮތުގައި، ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ތަރިން ކަމަށްވާ ޖެނިފާ ލޮޕެޒް އާއި ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ބަތަލާ-މޮޑެލް މިލާ ޖޯވޯވިޗް، އެމެރިކާގެ ޓީވީ ޝަހްސިއްޔަތު ރަޔަން ސީކްރެސްޓް އަދި ލަވަކިޔުންތެރިޔާ އޭކޮންއާ އެކު މިއުޒިކް ވީޑިއޯއެއްގައި ޕްރިޔަންކާ ބައިވެރިވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

"ޑޯންޓް ޔޫ ނީޑް ސަމްބޮޑީ"ގެ އޮފިޝަލް މިއުޒިކް ވީޑިއޯ

"ޑޯންޓް ޔޫ ނީޑް ސަމްބޮޑީ" ކިޔާ މި ލަވަ ކިޔައިދީފައި ވަނީ އެންރީކޭ ގްލޭޝިއަސް، އާރް. ސިޓީ، ސެރާޔާ އަދި ޝެގީ އެވެ. މިއީ މޮރޮކަން-ސްވިޑީޝް އާޓިސްޓް ނާދިރް ޚަޔާތުގެ ޑެބިއު އަލްބަމްގެ ލަވައެކެވެ.

ހުކުރު ދުވަހު މި ވީޑިއޯ ޕްރެމިއާ ކޮށްފައިވާއިރު ބައެއް ތަންތަންކޮޅުން ޕްރިޔަންކާ ނަށާތަން ފެނިފައިވެ އެވެ. ޕްރިޔަންކާ އާއި ޖޭލޯ އަދި ރޮނާލްޑޯ އާއި އެންރީކޭ ގްލެޝިއަސް އެއް ފްރޭމަކުން ފެނުމަކީ މި ތަރިންގެ އެތައް މިލިއަން ފޭނުންނަކަށް ވަރަށް އުފާވެރި މަންޒަރަކަށް ވާނެކަން ޔަގީނެވެ.

މިހާރު ޕްރިޔަންކާ އުޅެނީ އޭނާގެ ބޯޖްޕޫރީ ޕްރޮޑަކްޝަންގެ އުފެއްދުމެއް ކަމަށްވާ "ބަމް ބަމް ބޯލް ރަހާ ހައި ކާޝީ" ގެ ޕްރޮމޯޝަން މަސައްކަތުގަ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ސަންތޯޝް މިޝްރާ އެވެ.