"މަލިކާ"ގެ ޕްރިމިއާ ނައިޓުން އާ ކަންތައްތަކެއް ފެންނާނެ

އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރާ ފިލްމް "މަލިކާ" ޕްރިމިއާ ނައިޓް ވަރަށް ހާއްސަ ވާނެ ކަމަށާއި އާންމުކޮށް ދިވެހި ފިލްމްތަކުގެ ޕްރިމިއާ ނައިޓުން ނުފެންނަ ކަހަލަ ކަންތައްތަކެއް ފެންނާނެ ކަމަށް އެ ފިލްމުގެ މާކެޓިން ޓީމުން ބުނެފި އެވެ.


ލިލީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ މާކެޓިންއާ ހަވާލު ކުރެވި، ހުސައިން ނޫރައްދީން (ނޫރު) ބުނީ ޕްރިމިއާ ނައިޓްގައި ރެޑް ކާޕެޓް ހަފުލާއެއް ވެސް ބާއްވައި، ސަޕްރައިޒްތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އަބަދުވެސް ފިލްމެއް އަޅުވާއިރު ޕްރިމިއާ ނައިޓް ތަފާތު ގޮތަކަށް ގެނެސްދޭ ވާހަކަ އެންމެން ވެސް ދައްކާނެ. އެކަމަކު އެރޭ ފިލްމަށް ދާ މީހުން ބުނާނެ އަބަދު އެއްގޮތެކޭ ވަނީ ކޮބައިހޭ ތަފާތަކީ،" ނޫރު ބުންޏެވެ. "އެކަމަކު މަލިކާގެ ޕްރިމިއާ ނައިޓުން މި ފަހަރު މާ ގޮތްގަނޑު ބޮޑު ނޫން ނަމަވެސް، ތަފާތެއް ދައްކުވައި ދޭނަން. އޭތި ސަޕްރައިޒެއްގެ ގޮތުގައި ބާއްވާނީ."

އޭނާ ބުނީ ބޭނުން ވަނީ އަވަހަށް ޕްރިމިއާ ކަންކަން ނިންމާލައި، ލަސްނުކޮށް ބެލުންތެރިންނަށް ފިލްމް ދައްކާލުން ކަމަށެވެ.

"އެހެންވެ ތަންކޮޅެއް އަވަހަށް އިވެންޓް ފަށައި، ފިލްމް ވީހާ ވެސް އަވަހަކަށް ފިލްމް ދައްކާލަން ބޭނުން ވަނީ. މާ ބޮޑަށް ދެން ޕްރިމިއަ ދިގުލައިގެން ދިޔަމަ ފިލްމް ނިމޭލެއް ވެސް ލަސްވާނެ. އެކަމަކު އެހެން ވާކަށް ބޭނުމެއް ނޫން،" މިހާރު ޓިކެޓް ވެސް ވިއްކަމުން އަންނަ ފިލްމާ ބެހޭ ގޮތުން ނޫރު ބުންޏެވެ. "އެންމެ ލަސްވެގެން ވެސް ނުވަގަޑި ބައިގައި ބަރާބަރަށް ފިލްމް ފަށާނެ."

"މަލިކާ"ގެ ޓީމުން ބުނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަމުން އަންނަ އިރު، ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށެވެ. މި މަހުގެ 20 އާ ހަމައަށް ޝޯތައް ކުރިއަށް ގެންދަން އޮލިމްޕަސް އޮތީ ނަގައިފަ އެވެ.

"މީގެ ޕްރޮމޯޝަން ވެސް ތަފާތު އެކި ގޮތްގޮތަށް އެބަ ޖައްސަން. އެހެންވީމަ އޭގެ ނަތީޖާ ވެސް ރަނގަޅު. ފިލްމަށް ލިބޭ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" ނޫރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަންނަ މަހު އިތުރު ފިލްމެއް ސިނަމާ އަށް އައި ނަމަވެސް "މަލިކާ" ގެ ވިޔަފާރި އަށް އެއް ވެސް އަސަރެއް ކުރާނެ ކަމަށް ގަބޫލު ނުކުރެވެ އެވެ. ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" ޝްވެކް ސިނަމާގައި އަޅުވާނީ އަންނަ މަހުގެ 8 ގަ އެވެ.

"މިއީ ވަރަށް ތަފާތު ދެ ވައްތަރެއްގެ ދެ ފިލްމް. އަނެއްކާ ފިލްމެއް ރަނގަޅުވެއްޖިއްޔާ މީހުން ބަލަން ވަންނާނެ. މަލިކާއާ ދޭތެރޭ އޮތް ޔަގީންކަން ބޮޑު. އެހެންވެ ގަބޫލެއް ނުކުރެވޭ ވިޔަފާރި އަށް ނޭދެވޭ އެއްވެސް އަސަރެއް ކުރާނެ ކަމަކަށް،" ނޫރު ބުންޏެވެ. "ދެ ފިލްމަކީ ވެސް ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމުތަކަށް ވެއްޖިއްޔާ ހިނގާނެ."

މާލެއާ އެކު ހަތަރު ރަށެއްގައި ވެސް މާޗް 2 ވަނަ ދުވަހުގެ ރޭ "މަލިކާ" އަޅުވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެއީ އައްޑު އާއި ހދ. ކުޅުދުއްފުށި، ށ. މިލަންދޫ އަދި ކ. ދިއްފުށީގަ އެވެ.

"އޭގެ ފަހުން ވެސް ވަަރަށް ގިނަ ރަށްރަށުގައި ފިލްމް އަޅުވާނެ،" ނޫރު ބުންޏެވެ.

"މަލިކާ" އަކީ މި އަހަރު އަޅުވާ ފުރަތަމަ ފިލްމެވެ. މިއީ ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ އާއިލީ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"މަލިކާ" ގެ ޓްރެއިލާއެއް.

މި ފިލްމުގެ ޓައިޓްލް ރޯލް "ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) ކުޅެފައިވާ އިރު، މި ފިލްމުން ތަޖުރިބާރު އެކްޓަރުންނާއި ޒުވާން ތަރިންތަކެއް ފެނުގެން ދާނެ އެވެ. އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.