"ވިޝްކާ" އަކީ "އާޝިގީ 2" ގެ ކޮޕީއެއްތަ؟

އަންނަ މަހުގެ އަށެއްގައި ރިލިޒްކުރާ ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" ގެ އެތައް ޓްރެއިލާއަކާ ލަވައެއް މިހާރު ވެސް ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. މި ފިލްމަކީ ސައްތައިން ސައްތަ އަމިއްލަ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ. އެހެންވެ މިއީ އެއްވެސް ފިލްމެއްގެ ކޮޕީއެކޭ ބުނާނެ ޖާގައެއް ނެތެވެ.


"ވިޝްކާ" ގެ ވާހަކަ ލިޔުނީ މީގެ ކުރިން ބައެއް ރޭޑިއޯ ޑްރާމާތަކަށް ވެސް ސްކްރިޕްޓް ލިިޔެފައިވާ އަބްދުﷲ ވިޝާމެވެ. އޭނާގެ މި ވާހަކަ ސްކްރީނަށް މި އަންނަނީ މަހުދީ އަހުމަދު ފައްކާކުރި ސްކްރީންޕްލޭއަކާ އެކުގަ އެވެ.

"ވިޝްކާ" އަކީ ކްރައިމް ތުރިލާއެކެވެ. މީގެ ވާހަކަ ހާއްސަވަނީ ޒުވާން އަންހެނަކަށެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ މުޖުތަމައުގެ ތެރެއިން މިހާރު ފެންނަން ހުރި އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ މައްޗަށެވެ. ބައެއް ޒުވާނުންގެ ވިޔާނުދާ ދިރިއުޅުމަށެވެ. ތަފާތު ނުފޫޒުތަކުގެ މައްޗަށެވެ. އަންހެނުންނަކީ ބަލިކަށި، ނިކަމެތި ބަޔެކޭ ހީވާ ހީވުންތަކެއްގެ މައްޗަށެވެ.

މަސްތުވާތަކެއްޗާއި މާރާމާރީ އާއި ކޮޕަރްޝަނާއި ފަސާދައިގެ ތެރެއަށް ގެނބިފައިވާ މުޖުތަމައެއްގެ ތެރެއިން އަންހެނަކަށް ކުރިމަތިލާ ގިނަ ހާދިސާތަކެއް "ވިޝްކާ" ގައި ކިޔައި ދޭނެ އެވެ. އަނިޔާވެރި ރަހުމެއް ނެތް، އަމިއްލަ އެދުމުން ފޯވެފައިވާ ދެ ފިރިހެނެއްގެ މެދުގައި އޭނާ ތާށިވެ، ފުރާނަ ސަލާމަތްކުރަން ކުރާ ހިތްވަރު ގަދަ މަސައްކަތް ވެސް "ވިޝްކާ" އިން ފެނިގެން ދާނެ އެވެ.

"ވިޝްކާ" ގެ ޓްރެއިލާއެއް.

ހުލާސާކޮށް ކިޔައިދޭ ނަމަ "ވިޝްކާ"ގެ މައިގަނޑު ވާހަކައަކީ މިއެވެ.

މި ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްވި ހިންދީ ފިލްމް "އާޝިގީ 2" ގެ ކޮޕީއެކޭ ބުނެ ބައެއް މީހުން އަންނަނީ ފިލްމަށް ފާޑު ކިޔަމުންނެވެ.

"ވިޝްކާ" ގެ ރިލީޒްކޮށްފައިވާ ޓްރެއިލާތަކާއި ލަވަތަކުން ވެސް ފިލްމުގެ ވާހަކަ މިހާރު ބެލުންތެރިންނަށް ތަސައްވަރުކޮށްލެވޭނެ އެވެ. އެހެންވެ މި ފިލްމާއި "އާޝިގީ 2" އާ އެއްވެސް ގުޅުމެއް ހުރިތޯ ސާފުކޮށްލާކަށް މިހާރު އުނދަގުލެއް ނުވާނެ އެވެ.

"އާޝިގީ " ގައި ވަނީ ކިހިނެއް؟

"އާޝިގީ 2" ބަލައިފައި ނެތް ނަމަ މީގައި ވާ ގޮތް ކުޑަކޮށް ކިޔައި ދޭނަމެވެ. ފުރަތަމަ ކަމަކަށް ޝަގްފްތާ ރަފީގުގެ ސްކްރީންޕްލޭއަކަށް، މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިއުޒިކަލް/ރޮމޭންޓިކް ޑްރާމާއެކެވެ. "ވިޝްކާ" ގެ ޖޯންރާއާ މުޅިން ތަފާތެވެ.

އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރު ލީޑް ރޯލް ކުޅެފައިވާ "އާޝިގީ 2" އަކީ ޒުވާން ދެ ލަވަ ކިޔުންތެރިއެއް/ލޯބިވެރިއެއްގެ އަސަރު ގަދަ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ.

ދެ މީހުންނަކީ މިއުޒިކް ދާއިރާގެ އެންމެ އުހަށް ދާން މަސައްކަތްކުރާ ދެ މީހުންނެވެ. އެގޮތުން އަދިތިޔާ (ރާހުލް) އަކީ އެތައް ބައެއްގެ ލޯބި ހޯދާފައިވާ، އެ އަޑެއް އަހާލަން އެތައް ބަޔަކު ބޭނުންވާ ކުޅަދާނަ ލަވަ ކިޔުންތެރިއެކެވެ. އެކަމަކު އޭނާއަކީ ރަލަށް ދެވި ހިފާފައިވާ ޒުވާނެކެވެ.

ޝްރަދާ (އަރޯހީ) އަކީ ވެސް ލަވަ ކިޔައިގެން ކެރިއާއެއް ބިނާ ކުރުމުގެ ހުވަފެން ދެކެމުން އަންނަ އާދައިގެ އަންހެން ކުއްޖެކެވެ.

"އާޝިގީ 2" ގެ ޓްރެއިލާއެއް.

ބާއެއްގައި ލަވަ ކިޔައިގެން އާއިލާ އަށް މާލީ ގޮތުން ސަޕޯޓް ދެމުން ދިޔަ، އަރޯހީގެ ހުނަރު ފެނި، ރާހުލް އޭނާ އަށް ކުރިއަށް ދާން މަގު ކޮށައި ދެ އެވެ. އަދި ރާހުލް ހޯދި ވަރުގެ ކާމިޔާބީއެއް އަރޯހީ ވެސް ހޯދަ އެވެ. މީގެ ސަބަބުން ދެ މީހުންގެ ދޭތެރޭގައި ކުނި ޖެހެ އެވެ.

އެކުގައި އުޅޭ އިރު، ދެ މީހުންގެ ދޭތެރޭގައި މައްސަލަތައް ޖެހެން ފަށަ އެވެ. ރަލަށް ދެވި ހިފާފައި ހުރުމުން، އެ ވަބާއިން ރާހުލް ސަލާމަތް ކުރަން އަރޯހީ ގުރުބާނީތަކެއްވެ އެވެ. ރާހުލްގެ ހިތުގައި އަރޯހީގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުގަނޑެއް ވެސް ރޯވެ އެވެ.

"އާޝިގީ 2" ގެ ވާހަކަ މައިގަނޑުކޮށް އެނބުރެނީ މިކަހަލަ ހާދިސާތަކާ އެކު އެ ދެ މީހުންގެ ވަށައިގެންނެވެ. ސެންޓްރަލް ދެ ކެރެކްޓާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ރާހުލްގެ މެނޭޖަރު ވިވެކް (ޝާދް ރަންދަވާ) ގެ ހިއްސާއެއް ވެސް އޮވެ އެވެ.

"ވިޝްކާ" ކެރެކްޓާތައް ހުރީ ކިހިނެއް؟

މި ފިލްމަކީ ކުރިން ވެސް ބުނިހެން އަންހެންގެ ކެރެކްޓާގެ ވަށައިގެން އެނބުރޭ ފިލްމެކެވެ. ފިލްމުގެ ޓައިލްޓް ރޯލް ކުޅެފައި ވަނީ ރިޝްމީ ރަމީޒެވެ. "ވިޝްކާ" އަކީ ޒަމާނީ އަންހެނެކެވެ. ވަރަށް އިންޑެޕެންޑެންޓްކޮށް އުޅޭ، ރަނގަޅު ދިރިއުޅުމެއް ހޯދަން މަސައްކަތް ކުރާ އަންހެނެވެ.

"ވިޝްކާ" ގައި ރިޝްމީގެ ކެރެކްޓާގެ ޓްރެއިލާ

އެހެން ނަމަވެސް ރަވީ ފާރޫގް (އިޝާންޓޭ) އަކީ އުޅުމެއް ނެތް، ވިޔާ ނުދާ ޒުވާނެކެވެ. އޭނާގެ ހަފަރާތް ވަށާލައިފައި އޮންނަނީ ކުށުގެ ވެއްޓެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޭނާގެ އޮތީ އަނދިރި ދިރިއުޅުމެކެވެ. ކަޅު މާޒީއެކެވެ. އެކަމަކު އިޝާންޓޭގެ ހަޔާތަށް ވަދެވުމުން، އޭނާގެ ދިރިއުޅުން ބަދަލުކޮށްލައި، ހަމަ މަގަށް އެޅުވޭތީ ވިޝްކާ މަސައްކަތް ކުރެ އެވެ. އޭނާއާ އެކުގައި އުޅެން ފަށަ އެވެ. ލޯބި ދެ އެވެ.

މީގައި ދެން އެެންމެ މުހިއްމު އަނެއް ކެރެކްޓާއަކީ އަހުމަދު ސައީދު ކުޅެފައިވާ މަނިކުގެ ކެރެޓާ އެވެ. އެއީ ކޮރަޕްޓް އެމްޕީއެކެވެ. އޭނާއަކީ ފައިސާ އާއި ނުފޫޒު ބޭނުންކޮށްގެން، ބޭނުން ކޮންމެ ކަމެއް ހާސިލް ކުރުމުގެ އެދުމުން ފޯވެފައިވާ "އިވިލް" އެކެވެ.

"އާޝިގީ 2" ގެ ވިވެކްގެ ކެރެކްޓާ އަށް ބަލައިފި ނަމަ، "ވިޝްކާ" ގައި ސައީދު ކުޅޭ ރޯލާ އެ ރޯލާ އެއްވެސް ވަރެއްގެ ގުޅުމެއް ނެތެވެ.

"ވިޝްކާ" ގައި ރަވީގެ ކެރެކްޓާގެ ޓްރެއިލާއެއް.

"ވިޝްކާ" އެންމެ ޝައުގުވެރި ކަމަކީ އިޝާންޓޭ އާއި މަނިކުގެ މަޅީގައި ވިޝްކާ ޖެހި، އެ އަނދިރިކަމާއި ބިރުވެރިކަމާއި އޯގާތެރި ކަމެއް ނެތް، އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ވަކިތަކުން ސަލާމަތް ވާން ވިޝްކާ ކުރާ މަސައްކަތް ފިލްމުގައި ވަރަށް ބޮޑަށް ދައްކުވައި ދޭތީ އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ މިއީ އަންހެނެއްގެ ބާރުވެރިކަން ދައްކުވައި ދޭނެ ފިލްމެކެވެ. އަންހެނުންކީ، ފިރިހެނުން ބޭނުންހާ ގޮތެއް ނެހެދޭނެ ބައެއްކަން "ވިޝްކާ" އިން ދައްކުވައި ދޭނެ އެވެ.

"ވިޝްކާ" ގައި ސައީދުގެ ކެރެކްޓާގެ ޓްރެއިލާ.

ފިލްމުގައި މިއޮތީ މައި ތިން ކެރެކްޓާ އެވެ. "އާޝިގީ 2" އާ އެއްވެސް ގުޅުމެއް ނެތެވެ. ކެރެކްޓާތަކުގެ ބެކްގްރައުންޑްގައި ވެސް އެއްގޮތް ކަމެއް ނެތެވެ.

"ވިޝްކާ" ގެ ޓީމުން ބުނަނީ ކީކޭ؟

ޕްރޮޑިއުސަރު އަދި ބަތަލާ ރިޝްމީ ބުނަނީ "ވިޝްކާ" އަކީ "އާޝިގީ 2" ގެ ކޮޕީއެކޭ ބުނާތީ އެކަން ވަނީ ޖޯކަކަށް ކަމަށެވެ. އަދި ޓްރެއިލާތަކުންނާއި ލަވަތަކުން ވެސް ފިލްމުން ވާނެ ގޮތުގެ ތަސައްވުރެއް ދައްކުވައިދޭ އިރު، އެކަންކަމަށް ނުބަލައި، އަސްލެއް ނެތް ގޮތަށް ފާޑު ކިޔުމަކީ ދެރަ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެހެންވެ ރިޝްމީ ވަނީ "އާޝިގީ 2" ނުބަލާ މީހުން އެ ފިލްމް ބަލާލުން ރަނގަޅު ކަމަށް ބުނެފަ އެވެ. އޭނާ އަދި ބުނީ ކޮޕީއެކޭ ކިޔަނީ އިޝާންޓޭ އާއި ވިޝްކާ އެއް އެޕާޓްމަންޓެއްގައި އުޅޭ ތަނާއި އޭނާ މީހަކަށް ހަދަން ވިޝްކާ ކުރާ މަސައްކަތާއި ގޭންގަކުން އިޝާންޓޭ އަށް ބަޔަކު ހަމަލާ ދޭ މަންޒަރުތައް ކަގަލަ ކަންކަން ފެންނާތީ ކަމަށް ވެދާނެ ކަމަށެވެ.

"އާޝިގީ 2" އަށް ބަލައިފި ނަމަ، އެ ކަހަލަ ކަންތައްތަކެއް އެ ފިލްމުން ވެސް ފެންނާނެ އެވެ. އެކަމަކު އެއީ "ވިޝްކާ" އަކީ އެ ފިލްމުގެ ކޮޕީއެއްގެ ގޮތުގައި ޖަޖް ކުރަން ޖެހޭ ވަރުގެ ސަބަބެއް ނޫނެވެ.

"ވިޝްކާ" އަކީ ވަރުގަދަ އަންހެން ކެރެކްޓާއެއް ދައްކުވައިދޭ ފިލްމެއް ކުޅެން ބޭނުންވެގެން ރިޝްމީ ވިޝާމް ލައްވައި ލިޔުނު ވާހަކައެކެވެ.

"ވިޝްކާ" ގެ ވާހަކަ ލިޔުނު ވިޝާމް ވެސް ވަނީ އަދި ފިލްމް އެއްކޮށް ނުފެންނަނީސް އެއީ "އާޝިގީ 2" ގެ ކޮޕީއެކޭ ބައެއް މީހުން ބުނާތީ އެކަމަށް ރައްދު ދީފަ އެވެ. އޭނާ ފޭސްބުކްގައި ބުނީ ފާޑު ކިޔަން ވާނީ ކަމުގެ ދެކޮޅު ބަލައިފައި ކަމަށެވެ.

ވިޝާމް އަދި ބުނީ "އާޝިގީ 2" ގައި ދައްކުވައިދޭ ކަހަލަ ލޯބީގެ ގުޅުމެއް، ފިލްމުތަކުން ދެއްކުމަކީ ހުރިހާ ފިލްމެއް އެ ފިލްމުގެ ކޮޕީއަކަށްވުން ނޫން ކަމަށެވެ.

"ވިޝްކާ" ގެ ލަވައެއް.

ސްކްރީން ރައިޓަރު މަހުދީ ބުނީ އޭނާ "އާޝިގީ 2" ނުބަލާ ކަމަށާއި ސްކްރީންޕްލޭ ލިޔުނީ ވިޝާމް ލިޔުނު ވާހަކައަށް ކަމަށެވެ. އެހެންވެ "އާޝިގީ 2" ގައި ވާ ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ.

ކޮންމެއަކަސް ޕްރޮޑިއުސަރު ރިޝްމީ ދޭ ޔަގީން ކަމަކީ "ވިޝްކާ" އަކީ "އާޝިގީ 2" ގެ ކޮޕީއެކޭ ފިލްމް، ބަލައިފައި ސިނަމާއިން ނިކުންނަ އެއްވެސް މީހަކު ނުބުނާނެ ކަމެވެ.

އެހެންވެ އަންނަ މަހުގެ 8 އަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. ވާ ގޮތެއް އޭރުން ޔަގީން ވާނެ އެވެ.