"އިއްތިފާގު" 48 އަހަރު ފަހުން އަލުން ކުޅެން ފަށައިފި

ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޔާޝް ޗޯޕްރާ 1969 ގައި އުފެއްދި "އިއްތިފާގު" އަލުން އުފެއްދުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފެށުމާ ގުޅިގެން އެ ޓީމަށް ޝާހްރުކް ޚާން ޝުކުރު އަދާކޮށްފި އެވެ.


ބީ.އާރް. ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ޝާހްރަށް އެންމެ މަގްބޫލު ބޮލީވުޑް ފިލްމު ކަމަށް އޭނާ ބުނެފައިވެ އެވެ.

ކުރީގެ ފިލްމުގެ ތަރިންނަކީ ރާޖޭޝް ކަންނާ އާއި ނަންދާ އެވެ. އަލަށް ފެށި ފިލްމުގައި މި ރޯލުތައް ކުޅެނީ ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ އެވެ.

ފުރަތަމަ ދުވަހުގެ ޝޫޓިންގްގައި ޝާހްރުކް ވެސް ބައިވެރިވި އެވެ.

ފިލްމުގެ ފުރަތަމަ ދުވަހު ޝާހްރުކާ ބައްދަލުވުމުން ސިދާރްތު އާއި ސޮނާކްޝީ ވެސް ވަނީ ވަރަށް އުފާވިކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ.

މިފަހަރުގެ ފިލްމު ޕްރޮޑިއުސްކުރަނީ ބީ.އާރް ފިލްމްސް އާއި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އަދި ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެންނެވެ. ޑައިރެކްޓަރަކީ ބީ.އާރް ޗޯޕްރާގެ ކާފަ ދަރިފުޅު އަބޭ ޗޯޕްރާ އެވެ.