"ހުޅުދާން" އަންނަ މަހު ޝްވެކް ސިނަމާ އަށް

މިދިޔަ އަހަރު ސާކް ފިލްމް ފެސްޓިވަލްގައި ވެސް ވާދަކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާޓް ފިލްމް "ހުޅުދާން" އަންނަ މަހު ޝްވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.


ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ 2014 ގައި ރިލީޒްކޮށް، އޮލިމްޕަހުގައި އެންމެ ޝޯއެއް ދެއްކި "ހުޅުދާން" ޝްވެކް ސިނަމާގައި ދައްކަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރެއިން ފެށިގެން ކަމަށެވެ. އޭނާ ބުނީ މިއީ "ހުޅުދާން" ގެ "ވައިޑް ރިލީޒިންއެއް" ކަމަށެވެ.

މި ފިލްމަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި ކިޔައި ދެނީ އުމުރުން ދުވަސްވީ މީހަކު ވަޒީފާ އިން މުސްކުޅި ކުރުމާ ގުޅިގެން އޭނާގެ ހަޔާތަށް ކުރިމަތިވާ ހާދިސާތަކެކެވެ.

އިޖުތިމާއީ ގިނަ މައްސަތަކެއް ދައްކުވައިދޭ "ހުޅުދާން" އަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ.

ފިލްމުގެ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ތަޖުރިބާކާރު އެކްޓަރު ހަސަން މަނިކު (ރޯނު) އެވެ.

ޑައިރެކްޓަރު އައިޝަތު ފުއާދު: ހުޅުދާންއަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަން.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިދަމުން އަންނަ ޒުވާން ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި ރަވީ ފާރޫގާއި މަރިޔަމް ޝަކީލާ އާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލާއި އަލީ ޝަޒްލީމާއި އާދަމް ރިޒްވީ (ރެކްސް) އާއި ފާތުމަތު ސަމާ އާއި އަލީ ނާޝިތު އަދި މޮގާގެ އަންހެން ދަރިފުޅު ކައިލީން މުހައްމަދު އަލީ ހިމެނެ އެވެ.

"ހުޅުދާން" އަކީ ޑާކް ރެއިންގެ "ވާށޭ މަށާއެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ މަޖޫގެ ފުރަތަމަ ފިލްމު ވެސް މެ އެވެ. އޭނާ މި ފިލްމުން ފެނިގެން ދާނީ ވަރަށް ތަފާތު ރޯލަކުންނެވެ.

މޮގާ ބުނީ ޖުލައި 14 ވަނަ ދުވަހުގެ ރެއިން ފެށިގެން ޝްވެކްގައި ފިލްމް ދައްކަން ފަށާ އިރު، ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"ހުޅުދާން" ގެ ޓްރެއިލާ

"ގިނަ ބަޔަކަށް ފިލްމް ދައްކާލުމުގެ ގޮތުން ވައިޑް ރިލީޒިންއެއް ކުރިއަށް ގެންދަން ނިންމީ. މިއީ ޑާކް ރެއިނުން ހެދި ފިލްމުތަކުގެ ތެރެއިން އަހަރެން އެންމެ ހިތްހަމަޖެހޭ އެއް ފިލްމް،" މޮގާ ބުންޏެެވެ. "އުންމީދު ކުރަނީ ގިނަ ބަޔަކަށް މި ފަހަރު ފިލްމު ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް."