ޕްލާސްޓިކް ސާޖަރީއެއް ނުހަދަން: ޕްރިޔަންކާ

ޕްރިޔަންކާ ޗޯޕްރާ ވެސް ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހަދައިފި ކަމަށް ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. އޭނާ ބުނީ މިހާރުވެސް އިނީ އަސްލު ނޭފަތް ކަމަށާއި އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.


އެމެރިކާގައި "ދަ ވިއު" ކިޔާ ޝޯއެއް ކޯ-ހޯސްޓުކުރަމުން ޕްރިޔަންކާ ވަނީ ބޮލީވުޑްގައި އޭނާއަށް ދިމާވި މިފަދަ ބައެއް ކަންތައްތައް ވެސް ހިއްސާ ކޮށްފަ އެވެ. އެގޮތުން މިސް ވޯލްޑް ތާޖު ލިބުމަށް ފަހު އޭނާ ފިލްމީ ދުނިޔެއަށް ވަންނަން އުޅުނު ދުވަސްވަރު ޕްރޮޑިއުސަރަކު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ބަދަލުތައް ގެންނަން މަޝްވަރާ ދިން ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އަހަރެން އެކްޓަރަކަށް ވުމުގެ ކުރިން އަހަރެން ފިލްމު ކުޅުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ޕްރޮޑިއުސަރަކާ ބައްދަލުކުރިން. އޭރު އަހަންނަކީ މިސް. ވޯލްޑް މުބާރާތުން އެއްވަނަ އަށް ގޮސްގެން އެ ތާޖު ހާސިލުކޮށްފައިވާ މީހެއް. ނަމަވެސް އޭނާ ބުނި އަހަރެންގެ ހަށިގަނޑުގެ އެއްވެސް ތަނެއް ކަމަކު ނުދެޔޭ. އަހަރެންގެ ނޭފަތް ވެސް އިނީ ރަނގަޅަކަށް ނޫނޭ. އަހަރެންގެ ހަށިގަނޑުގެ ބައްޓަން ވެސް ހުރި ގޮތެއް ކަމަކު ނުދެޔޭ،" ޕްރިޔަންކާ ބުންޏެވެ.

މިހާރު އިނީ އޭނާގެ އަސްލު ނޭފަތްތޯ ޝޯގެ ހޯސްޓް ޖޯއި ބޭހަރް ސުވާލުކުރުމުން ޕްރިޔަންކާ ބުނީ އެއީ ހަމަ އަސްލު ނޭފަތް ކަމަށެވެ. އަންހެނެއް ނަމަ ހުންނަން ޖެހޭނީ ވަކި ސިފަޔަކަށް ކަމަށް މީހުން ގަބޫލުކުރާ ގަބޫލުކުރުމަކީ ގޯހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޚާއްސަކޮށް، ފިލްމު ކުޅޭ މީހެއްގެ ހަށިގަނޑު ތަންކޮޅެއް ފަލަވިޔަސް މީހުން މަލާމާތްކުރަން ފަށާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑިއާގައި ފާހަގަކުރާ ބައެއް ޚާއްސަ މުނާސަބަތުތަކާ ގުޅިގެން މީރު ކާއެއްޗެހި ވަރަށް ގިނައިން ތައްޔާރުކުރާތީ އެފަދަ ދުވަސްވަރެއްގައި ހަށިގަނޑަށް ކުޑަ ބަދަލެއް އައުމަކީ ހަމަ ވެދާނެ ކަމެކެވެ.