"މީ ލޯތްބަކީ"ގެ ފުރަތަމަ ލަވަ ދައްކާލައިފި، މިހާރު ޓިކެޓް ބުކް ކުރެވޭނެ

އަންނަ މަހު ރިލީޒްކުރާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "މީ ލޯތްބަކީ" ގެ ޓިކެޓް ބުކްކޮށް ދޭން ފަށައި، ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.


ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އޭޕްރީލް 5 ގައި ރިލީޒްކުރާ ފިލްމުގެ ފޭސްބުކް ޕޭޖަށް އިންބޮކްސްކޮށްގެންނާއި ފިލްމަށް ހާއްސަ ހޮޓްލައިން 9911229 އިން ބުކިންއަށް ހުޅުވައިލުމާ އެކު، ފިލްމުގެ ފުރަތަމަ ޝޯ މިހާރު އެއްކޮށްހެން ފުލްވެފައިވާ ކަމަށެވެ.

"ވަރަށް ބާރު ބޮޑުކޮށް މި ދަނީ،" އޭނާ ބުންޏެވެ. "ފުރަތަމަ ޝޯ މިހާރު އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ފުލްވެފައި."

ގިނަ ބަޔަކު "މީ ލޯތްބަކީ" އަށް އިންތިޒާރު ކުރަމުން އަންނަ އިރު، ބެލުންތެރިންނަށް ފުރަތަމަ ދޫކޮށްލި ލަވައަކީ "އޭ މަންޖޭ" އެވެ.

އަޑު އަހާލަން ފަސޭހަ، މަޑުމައިތިރި އެހެން ނަމަވެސް ޗާލު މި ލަވަކީ ޑާކް ރެއިންގެ ފިލްމުތަކުން ހިތްގައިމު ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އަބްދުﷲ އަބްދުލްފައްތާހު (ފަތޯ) ގެ އަމިއްލަ ރާގަކަށް ހަދާފައިވާ ލަވައެކެވެ. ލަވަ ކިޔާފައި ވަނީ ފަތޯގެ އިތުރުން "މީ ލޯތްބަކީ" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފުބޫ އާއި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ "މޯލްޑިވިއަން އައިޑޮލް" ގެ ތަރި އިބްރާހީމް އަމާން އެވެ.

"މީ ލޯތްބަކީ" ގެ ބައެއް މަންޒަރުތަކާ އެކު ދޫކޮށްލި "އޭ މަންޖޭ" ލަވައިގެ މެލޮޑީ އާއި ޅެން ހަދާފައި ވަނީ އައުޖާން ހަސަން އެވެ. ޔަގީނުން ވެސް ފަތޯގެ ލަވަތަކަށް ލޯބި ކުރާ މީހުންނަށް މި ލަވަ ވަރަށް ކަމުދާނެ އެވެ.

މި ލަވައަކީ އަމިއްލަ ރާގުގެ ހަ ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ ތެރެއިން އެއް ލަވަ އެވެ. ކުރިއަށް އަދި ލަވަތައް ހުރީ އެވެ.

"އޭ މަންޖޭ" ލަވަ.

"މީ ލޯތްބަކީ" އަކީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން "ވާށޭ މަށާއެކީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، ގެނެސްދޭ ދެވަނަ ރޮމޭންޓިކް ކޮމެޑީ އެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ "މީ ލޯތްބަކީ" އަކީ އަލީ ޝިފާއު (ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް އައްޒަ އެވެ.