ކަށްބޯ ރަށް: ސިމްބޮލިކްގެ ތަފާތު ލަވަައެއް

މިއީ މީރާގެ ވީޑިއޯ ދެ ލަވައެއް އުފައްދައިގެން ސަމާލުކަން ހޯދި ސިމްބޮލިކް ރެކޯޑްސްގެ އާ އުފެއްދުމެކެވެ. ވަރަށް ތަފާތެވެ. ލަވަޔަކުން ގެނެސްދީފައި ވަނީ ހިތްގައިމު ވާހަކައެކެވެ. ކުރު ފިލްމެކެވެ.

ހިޕްހޮޕް ކަލްޗާ ރާއްޖޭގައި ދިރުވަން މަސައްކަތްކުރާ ސިމްބޮލިކް ރެކޯޑްސްއަކީ ފަހަކަށް އައިސް ފާހަގަކޮށްލެވޭ ފަދަ އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދެމުން އަންނަ ސްޓޫޑިއޯއެކެވެ. އެގޮތުން މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މީރާ މުހައްމަދު މާޖިދު އެންމެ ފަހުން ނެރުނު ދެ ވީޑިއޯ ލަވައިގެ ފަހަތުގައި ވެސް އޮތީ ސިމްބޮލިކެވެ. އެއީ ބެލުންތެރިން ބަލައިގެންފައިވާ އުފެއްދުންތަކެކެވެ.


މި ފަހަރު އަނެއްކާ ވެސް ސިމްބޮލިކްގެ އުފެއްދުމެކެވެ. އެ މީހުންގެ ފުރަތަމަ އަލްބަމް "މަގުމަތި" ގައި ހިމެނޭ ލަވައެއްގެ ވީޑިއޯ އެވެ. ލަވައިގެ ނަމަކީ "ކަށްބޯ ރަށް" އެެވެ. ފަޅު ރަށަކަށް ދަތުރު ދާ ޒުވާނުންތަކަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ލަވަ ޔޫޓިއުބްގައި އާންމު ކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ތަރުހީބު ލަވަ އަށް ލިބިފައިވެ އެވެ. ހާއްސަކޮށް ލަވައިގެ ކޮންސެޕްޓާއި ލަވަ ގެނެސް ދީފައި އޮތް ގޮތުން "ކަށްބޯ ރަށް" ވަނީ ބެލުންތެރިން ބިރު ގަންނުވާލައިފަ އެވެ.

މި ލަވަ ޑައިރެކްޓްކޮށް، ކެމެރާކޮށްފައި ވަނީ ސިމްބޮލިކްގެ އަހުމަދު ނަބީލް (ޓޯއި) އެވެ.

ވަރަށް ބޮޑު ތަރުހީބެއް ލަވަ އަށް ލިބިފައި ވަނީ. ހާއްސަކޮށް ޒުވާނުންނަށް ލަވަ ވަރަށް ކަމުގޮސްފި

ލަވައާ ބެހޭ ގޮތުން ސިމްބޮކިލްގެ މެނެޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އޭޑީ) ބުނީ "ކަށްބޯ ރަށް" ލަވައަކީ ތިން ދުވަހުގެ މަސައްކަތް ކަމަށެވެ. ލަވަ ޝޫޓްކޮށްފައި ވަނީ ހދ. ނޭކުރެންދޫގަ އެވެ. ލަވައިން ވެސް ފެންނަނީ ވެސް އެ ރަށުގެ ޒުވާނުންތަކެކެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލަވަ އަށް ލިބިފައި ވަނީ. ހާއްސަކޮށް ޒުވާނުންނަށް ލަވަ ވަރަށް ކަމުގޮސްފި،" އޭނާ ބުންޏެވެ.

"ކަށްބޯ ރަށް" މިހާރު ވަނީ ރަޝިއާގެ އެޑެއިޖިއޯ ޗެނަލުން ވެސް ދައްކައިފަ އެވެ.

އޭޑީ ބުނީ ވަރަށް އަވަހަށް ސިމްބޮލިކްގެ އިތުރު ދެ ލަވައެއް ބެލުންތެރިންނަށް ފެންނާނެ ކަމަށެވެ. އެހެންވެ ކުރަން ޖެހެނީ ކުޑަކުޑަ އިންތިޒާރެއް ކަމަށް އޭނާ ބުންޏެވެ.

"ރޯދައިގެ ކުރިން ދެ ލަވަ ދޫކޮށްލާނަން. އަނެއްކާ ވެސް ހަމަ ތަފާތު ދެ ލަވައަށް ވެގެން ދާނީ. މީގެ ތެރެއިން އެއް ލަވައަކީ ހިޕްހޮޕް އަނެއް ލަވައަކީ ރެގޭ ސްޓަައިލްގެ ލަވައެއް،" އޭޑީ ބުންޏެވެ.