އަންހެން ފަންނާނުންގެ އަގު ވަޒަންކުރަމުން "ވިޝްކާ" ދައްކަން ފަށައިފި

މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ތިން އަންހެން ފަންނާނެއްގެ މަސައްކަތުގެ އަގުވަޒަންކުރި ހާއްސަ ޝޯ އަކުން، ޔާރާ ޕްރޮޑަކްޝަންގެ ފީޗާ ފިލްމް "ވިޝްކާ" އިއްޔެ ހަވީރު ޝްވެކް ސިނެމާގައި ޕްރިމިއާކޮށްފި އެވެ.


ފިލްމީ ދާއިރާގެ މީހުންނާއި ފިލްމުގެ ޓީމުގެ މެމްބަރުންނާއި ނޫސްވެރިންނަށް ދައުވަތުދީގެން ބޭއްވި މި ޕްރައިވެޓް ޝޯ ހާއްސަކޮށްފައި އޮތީ އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަށެވެ.

އެގޮތުން ޔާރާ ޕްރޮޑަކްޝަނުން ވަނީ ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި ތަޖުރިބާކާރު އެކްޓްރެސް ނިއުމާ މުހައްމަދު އަދި ނެށުންތެރިޔާ ސުނީތާ އަލީގެ މަސައްކަތުގެ އަގުވަޒަންކޮށްފަ އެވެ. ތިން ފަަންނާނުންނަށް އަގުވަޒަންކުރުމުގެ ފިލާ ހަވާލުކޮށްދިނީ ޔާރާ ޕްރޮޑަކްޝަންގެ ބާނީ އަދި "ވިޝްކާ"ގެ ލީޑް އެކްޓްރެސް އައިޝަތު ރިޝްމީގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) އެވެ.

"އަޅުގަނޑުމެން މިރޭ ތިން އަންހެން ކަނބަލެއްގެ އަގުވަޒަންކުރި ނަމަވެސް އަޅުގަނޑު މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އަންހެން ކަނބަލުންނާ މެދު ފަހުރުވެރިވަން. އަޅުގަނޑު ވަރަށް ލޯބިވޭ ފިލްމީ ދާއިރާ ދެކެ. މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އަންހެނުންނަށް ޝުކުރުއަދާކުރަން،" ނުވަދިހައިގެ ތެރޭގައި ފިލްމީ ދާއިރާއިން މަޝްހޫރުކަން ހޯދި އައިންތު ބުންޏެވެ.

ރިޝްމީ އާއި އޭނާގެ ކޮއްކޮ އަދި ބަތަލާ މަރިޔަމް އައްޒަ (އައްޒަ) އެ މީހުންގެ މަންމަ އައިންތަށް ވެސް ހަނދާނީ ފިލައެއް ދިނެވެ. ރިޝްމީ އާއި އައްޒަ ބުނި ގޮތުގައި މިއީ އެ މީހުންގެ ކުރިއެރުމަށާއި ޔާރާ ޕްރޮޑަކްޝަނަށް މަންމަ ކޮށްދިން މަސައްކަތް ބަލައިގަނެ ލޯތްބާ އެކު ދިން ޝަރަފެކެވެ..

ޕްރޮޑިއުސަރު/ އެކްޓްރެސް ރިޝްމީ (ވ) އާއި ޑައިރެކްޓަރު/ އެކްޓަރު ރަވީ ސެލްފީއެއް ނަގަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެންނަށް މިހިސާބަށް ނާދެވުނީސް މަންމަ އާއި ބައްޕަ ނެތި. ހާއްސަކޮށް މަންމަގެ މަސައްކަތް ބަލައިގަނެ އެކަމުގެ ޝަރަފް ދޭން ބޭނުންވޭ،" ރިޝްމީ ބުންޏެވެ.

ޔާރާ ޕްރޮޑަކްޝަނުގެ ކުޑައިގެ ދަށުގައި، ރިޝްމީގެ ބުރަ މަސައްކަތުން މި ފިލްމް އިއްޔެ އުފަންކުރުވީ ތަފާތު ގޮންޖެހުންތަކުގެ ތެރެއިންނެވެ. "ވިޝްކާ"ގެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރިކަމުގެ މައްސަލާގައި ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ކޯޓަށް މައްސަލައެއް ހުށަހަޅައި ފިލްމުގެ ޕްރިމިއާ ހުއްޓުވުމުގެ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކޯޓުން އިއްޔެ ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.

ފިލްމުގެ ޑިރެކްޓަރު އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ފިލްމް ހުއްޓުވަން ބަޔަކު މަސައްކަތްކުރަނިކޮށް، ފިލްމް އެޅުވޭގޮތްވުމަކީ އަންހެނުންގެ ދުވަހު އަންހެނަކަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

"މިއީ ބޮޑު ވިކްޓްރީއެއް،" ރަވީ ބުންޏެެވެ.

ރަވީ ބުނި ގޮތުގައި ރިޝްމީ އަކީ ވަރަށް ގޮތްދޫނުކުރާ އަދި އުނދަގޫކޮށްގެން ވެސް މަސައްކަތް އެންމެ ފުރިހަމަގޮތުގައި ނިންމާ ފަންނާނެކެވެ. ސީއެޗްއެސްސީން ތައުލީމް ހާސިލްކުރުމަށް ފަހު 2003 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވެ، މިހާރު މި ދާއިރާގެ އެންމެ އުހުގައި ފައިތިލަ ސާބިތުކޮށްފައިވާ ރިޝްމީ އަށް ތައުރީފްކުރީ ރަވީ އެކަންޏެއް ނޫނެވެ.

"ފިލްމީ ދާއިރާ އިން އަޅުގަނޑު އެންމެ މަސައްކަތްކޮށްލާ ހިތްވަނީ ރިޝްމީއާ އެކު،" އިއްޔެ އަގުވަޒަންކުރުމުގެ ފިލާ ލިބުނު ނަހުލާ ބުންޏެވެ. "ރިޝްމީ އަކީ ވަރަށް ކޮމިޓެޑް ފަންނާނެއް."

"ވިޝްކާ" ގެ ޕްރިމިއާގެ ތެރެއިން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނަހުލާ އޭނާގެ ކުރިއަށް އޮތް ފިލްމް ޑައިރެކްޓްކުރަން ރިޝްމީ އަށް އިއްޔެ ހުށަހެޅި އެވެ. ނަހުލާއަށް ފަހު ސުނީތާ ބުނީ ރިޝްމީ އަކީ ފިލްމީ ދާއިރާއިން އޭނާ އެންމެ ފަހުރުވެރިވާ އެކަކު ކަމަށާއި އޭނާ އަކީ ވަރަށް ޑިސިޕްލިން އެކްޓްރެސް އެއް ކަމަށެވެ.

އިއްޔެ ހަވީރު ޕްރިމިއާ ކުރުމަށް ފަހު "ވިޝްކާ" ވަނީ ރޭ ޝްވެކް ސިނެމާގައި ރަސްމީކޮށް ދައްކަން ފަށައިފަ އެވެ. ކްރައިމް ތްރިލާ ޖޯންރާއަށް ފައްތާފައިވާ މި ފިލްމުގައި ދައްކައިދެނީ ކުށުގެ ވެށީގައި ތާށިވެފައިވާ ޒުވާނަކާއި މައުސޫމް އަންހެން ކުއްޖަކާ ދެމެދު އުފެދޭ ގުޅުމަކާއި އޭގެ ވަށައިގެން ހިނގާ ކަންކަމެކެވެ.

މައިގަނޑު ތިން ކެރެކްޓާއެއް ފެނިގެންދާ މި ފިލްމުގެ ޑައިލޮގްތަކާއި، މަންޒަރުތައް އަސްލާ ވަރަށް އެއްގޮތެވެ. ބައެއް ކަހަލަ އަނިޔާވެރި ސީންތައް ދައްކާފައިވަނީ އާއްމު ދިވެހި ފިލްމަކުން ފެނިފައިނުވާހާ އަސްލާ އެއްގޮތަކަށެވެ. ރަވީ އާއި ރިޝްމީ އަސްލާ ވީހާ ވެސް އެއްގޮތަކަށް ފިލްމް ގެނެސްދޭން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ހުއްޓެވެ. އަދި ފިލްމުގެ ނިމުން އަންނަނީ ހީނުކުރާ ކަހަލަ ގޮތަކަށެވެ.